އަލިފާނުގެ ހާދިސާގެ އިތުރު މައުލޫމާތެއް އެނގިވަޑައިނުގަންނަވާ ކަމަށް ރައީސް ޔާމީން ވިދާޅުވެއްޖެ

l_2024_04_15_094959_65c2y8kph7ws9rb3mfiz4xqgtdouj1lvena_EN_

ސަރުކާރުގެ ތިން ވުޒާރާއެއް ހިންގަމުންދިޔަ އިމާރާތުގައި 2023 ވަނަ އަހަރުގެ ޑިސެންބަރު މަހުގެ 12 ވަނަ ދުވަހު ހިނގި އަލިފާނުގެ ހާދިސާއާ ގުޅޭ އިތުރު އެއްވެސް މައުލޫމާތެއް އެނގިވަޑައިނުގަންނަވާ ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިފަދައިން ވިދާޅުވީ، އެ ހާދިސާއާ ގުޅިގެން ދެއްކެވި ވާހަކަފުޅުތަކާ ގުޅިގެން ފުލުހުންގެ އިދާރާއަށް ހާޒިރުވާން އެންގުމުންނެވެ.

މި މަހުގެ 5 ވަނަ ދުވަހު ޕީޕަލްސް ނޭޝަނަލް ފްރޮންޓް (ޕީއެންއެފް) އިން ބޭއްވި ޖަލްސާއެއްގައި ވާހަކަދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ، އެ އަލިފާނުގެ ހާދިސާގެ އަޑީގައި ހުރީ ކާކުކަން ފުލުހުންނަށް އެނގޭނެ ކަމަށާއި، އެކަމުގެ ހެކިވެސް ފުލުހުންގެ އިދާރާގައި ހުންނާނެ ކަމަށެވެ. އެމަނިކުފާނު މިފަދައިން ވިދާޅުވުމާ ގުޅިގެން، ދާހިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު އަލީ އިހުސާން ވަނީ އެކަމުގެ ހަގީގަތް ބެލުމަށް ފުލުހުންނަށް އަމުރުކުރައްވާފައެވެ.

މި މައްސަލައާ ގުޅިގެން ފުލުހުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، އެ އިދާރާއިން ހިންގި ތަހުގީގުން އެނގޭ ގޮތުގައި އެ އަލިފާނުގެ ހާސިދާ ހިނގާފައިވަނީ އިލެކްޓްރިކް ޝޯޓެއްގެ ސަބަބުންނެވެ. އަދި އެ ހާދިސާގައި އެއްވެސް މީހަކަށް ޖިނާއީ ތުހުމަތެއް ކުރެވޭނެ ފަދަ އެއްވެސް ހެއްކެއް ތަހުގީގަށް ލިބިފައިނުވާ ކަމަށްވެސް ފުލުހުން ހާމަކުރިއެވެ.

ރައީސް ޔާމީން ދެއްކެވި ވާހަކަފުޅުތަކަކީ ތަހުގީގަށް މުހިއްމު މައުލޫމާތުތަކަކަށް ވާތީ، އެމަނިކުފާނަށް އެނގިވަޑައިގަންނަވާ ކަންކަން ސާފުކުރުމަށް ފުލުހުންގެ އިދާރާއަށް ހާޒިރުވުމުގެ ޗިޓު ހަވާލުކުރުމަށް މި މަހުގެ 5 ވަނަ ދުވަހުގެ އިރުއޮއްސި 6:30 ހާއިރު ފުލުހުން ވަނީ އެމަނިކުފާނުގެ ގެކޮޅު، ހ. ދޫވެއްސަށް ގޮސްފައެވެ. ނަމަވެސް، އެ ޗިޓާ ހަވާލުވެވަޑައިގަތުމަށް ރައީސް ޔާމީން އުޒުރުވެރިވެވަޑައިގެންފައިވާ ކަމަށް ފުލުހުން ބުނެއެވެ.

އެހެންނަމަވެސް، އެމަނިކުފާނު ވަނީ ދެއްކެވި ވާހަކަފުޅުތަކާ ގުޅިގެން ލިޔުމުން ފުލުހުންނަށް ޖަވާބެއް ފޮނުއްވާފައެވެ. އެ ލިޔުމުގައި ރައީސް ޔާމީން ވިދާޅުވެފައިވަނީ، އެ އަލިފާނުގެ ހާދިސާއާ ގުޅޭ އިތުރު އެއްވެސް މައުލޫމާތެއް އެމަނިކުފާނަށް ލިބިވަޑައިގެންފައިނުވާ ކަމަށާއި، އެހެންކަމުން ފުލުހުންގެ އިދާރާއަށް ހާޒިރުވާންޖެހޭ އެއްވެސް ބޭނުމެއް ނެތް ކަމަށެވެ.

ފުލުހުންގެ ބަޔާނުގައި ވަނީ، ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރާ މުއައްސަސާތަކާ މެދު ރައްޔިތުންގެ ހިތްތަކުގައި ނުބައި ތަސައްވުރެއް އުފެދޭ ގޮތަށް ވާހަކަ ނުދެއްކުމަށާއި، ގާނޫނީ އިމުގެ ތެރެއިން ތަހުގީގުތަކަށް ފުރިހަމަ އެއްބާރުލުން ދިނުމަށް ހުރިހާ ފަރާތްތަކަށް އިލްތިމާސްކޮށްފައެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!
ފަހުގެ