ރާއްޖޭގައި މިދުވަސްވަރު ހޫނުމިން މަތިވަމުންދާތީ، ގަދަ ހޫނުން ރައްކާތެރިވެ ސިއްހަތަށް ސަމާލުކަން ދިނުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އިލްތިމާސްކޮށްފިއެވެ. މިއީ އެލްނީނޯގެ ސަބަބުން ކަނޑުގެ ލޮނުގަނޑު ހޫނުވެ، އާންމު މިންވަރަށް ވުރެ ފިނިހޫނުމިން މަތިވަމުންދާ ދުވަސްވަރެކެވެ.
މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް އޮފީސް) އާ ހަވާލާދީ އެޗްޕީއޭއިން ބުނީ، އެލްނީނޯގެ ބާރު ގަދަވަމުންދާތީ ރާއްޖޭގެ ފިނިހޫނުމިން ވެސް އާންމު ހާލަތަށް ވުރެ މަތީގައި ހުންނާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ. މިއަދު މެންދުރުގެ ވަގުތެއްގައި މާލެ ސަރަހައްދުގެ އިހުސާސްކުރެވޭ ހޫނުމިން 33 ޑިގްރީ ސެލްސިއަސްއަށް އަރާފައިވާ ކަމަށް މެޓް އޮފީހުން ބުނެފައިވެއެވެ. ކުރިއަށް އޮތް ތިން މަސްދުވަހު ވެސް ހޫނުމިން މަތިކޮށް ހުންނާނެ ކަމަށް މީގެ ކުރިން ވަނީ ލަފާކޮށްފައެވެ.
ހޫނުގަދަވުމުގެ ސަބަބުން ލޮލަށް އުނދަގޫވުމާއި، ވަރުބަލިވުމާއި، މާބޮޑަށް ދާހިއްލައި ހަށިގަނޑުން ފެން މަދުވުމުގެ އިތުރުން ބޯއެނބުރުމާއި ހަންގަނޑު ހިރުވުން ފަދަ މައްސަލަތައް ދިމާވެދާނެ ކަމަށް އެޗްޕީއޭއިން ބުނެއެވެ. ހާއްސަކޮށް ހިތުގެ ބަލިތަކާއި، ފުއްޕާމޭގެ ބަލިތަކުގެ އިތުރުން ގުރުދާގެ ބަލިތައް ހުންނަ މީހުންގެ ހާލަތު ގޯސްވެދާނެތީ އެފަދަ ފަރާތްތަކުން އިތުރަށް ސަމާލުވުމަށް ވަނީ އިރުޝާދުދީފައެވެ.
ހޫނުގަދަވުމުގެ ސަބަބުން ދިމާވާ އެންމެ ނުރައްކާތެރި ހާލަތަކީ ހީޓް ސްޓްރޯކް ޖެހުމެވެ. މިއީ ހަށިގަނޑުގެ ފިނިހޫނުމިން 40 ޑިގްރީ ސެލްސިއަސްއަށް ވުރެ މަތިވެ، ހަށިގަނޑު އަމިއްލައަށް ފިނިކުރުމުގެ ބާރު ކެނޑުމުން ދިމާވާ ކުއްލި ސިއްހީ ނުރައްކަލެކެވެ. މިފަދަ އަލާމާތެއް ފެނިއްޖެ ނަމަ، ލަސްނުކޮށް އެމާޖެންސީ ހިދުމަތްތަކަށް ގުޅައި، ބަލިމީހާ ހިޔާވެހި ނުވަތަ ފިނި ތަނަކަށް ބަދަލުކުރުމަށް އެޗްޕީއޭއިން ވަނީ އިލްތިމާސްކޮށްފައެވެ.