ދިވެހިންގެ މެދުގައި އޮތް ރިވެތި އަހުލާގީ ސިފަތަކާއި އާދަކާދަތައް އަލުން އިއާދަކުރުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އިސްނަންގަވައިގެން ކުރިއަށްގެންދަވާ "އިހުތިރާމު އަދާކުރުމުގެ ގައުމީ މަޝްރޫއު" ގެ ޝިއާރު ކަނޑައަޅުއްވައި، ކޮންމެ އަހަރަކު ގައުމީ ފެންވަރުގައި ހާއްސަ ދުވަހެއް ފާހަގަކުރަން ސަރުކާރުން ނިންމައިފިއެވެ.
މިދިޔަ އާދީއްތަ ދުވަހު ބޭއްވި ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމުގައި، މިނިސްޓްރީ އޮފް އާޓްސް، ކަލްޗަރ އެންޑް ހެރިޓޭޖުން ހުށަހެޅި ކަރުދާހަކަށް މަޝްވަރާ ކުރެއްވުމަށްފަހު ރައީސް ވަނީ މި މަޝްރޫއާ ގުޅޭ މުހިންމު ނިންމެވުންތަކެއް ނިންމަވާފައެވެ. އެގޮތުން، ފަސް އަހަރުގެ މުއްދަތަށް މުޅި ރާއްޖޭގައި ކުރިއަށްގެންދާ މި މަޝްރޫއުގެ ޝިއާރަކަށް ކަނޑައަޅުއްވާފައިވަނީ "އިޙުތިރާމުގެ އުފާ – މުޖުތަމަޢުގެ ނަފާ" އެވެ.
މި މަޝްރޫއު ވިލަރެސްކުރުމަށްޓަކައި ކަމާގުޅޭ ދާއިރާތަކުގެ ތަޖުރިބާކާރުން ހިމެނޭ 9 މެންބަރުންގެ ހާއްސަ ކޮމިޓީއެއް އުފެއްދެވުމަށް ވަނީ ނިންމަވާފައެވެ. މި ކޮމިޓީގައި ހެރިޓޭޖް މިނިސްޓްރީ، ޑިފެންސް މިނިސްޓްރީ، ހޯމްލޭންޑް ސެކިއުރިޓީ، ފައިނޭންސް މިނިސްޓްރީ، އެޑިއުކޭޝަން މިނިސްޓްރީ، އިސްލާމިކް މިނިސްޓްރީ އަދި ޔޫތު މިނިސްޓްރީގެ މަންދޫބުންގެ އިތުރުން ދައުލަތުގެ މީޑިއާ، ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް) ގެ މަންދޫބަކު ހިމެނިވަޑައިގަންނަވާނެއެވެ.
މީގެ އިތުރުން، މި މަޝްރޫއު އަމަލީގޮތުން އިފުތިތާހުކުރާ ދުވަހަކީ ކޮންމެ އަހަރަކުވެސް ގައުމީ ފެންވަރުގައި ފާހަގަކުރާ "ގައުމީ އިހުތިރާމު އަދާކުރުމުގެ ދުވަސް" ކަމުގައި ކަނޑައެޅުމަށް ވަނީ ނިންމަވާފައެވެ. މި މަޝްރޫއު އެކުލަވައިލާފައިވަނީ މަދަނީ ޖަމްއިއްޔާތަކާއި ކަމާބެހޭ ތަޖުރިބާކާރުންނާ ފުޅާ ދާއިރާއެއްގައި މަޝްވަރާކުރުމަށްފަހުއެވެ. މި މަޝްވަރާތަކުގައި ބައިވެރިވުމަށް ސިޔާސީ ޕާޓީތަކަށް ދައުވަތު އެރުވުނު ނަމަވެސް، އިދިކޮޅު ޕާޓީތަކުން އެ ދައުވަތު ގަބޫލުކޮށްފައި ނުވާކަމަށް ސަރުކާރުން ހާމަކުރެއެވެ.
ދިވެހިންގެ ތެރޭގައި ނެތެމުންދާ ރިވެތި އަހުލާގާއި އާދަކާދަތައް އަލުން ދިރުވުމަކީ ރައީސް ޑރ. މުއިއްޒުގެ ސަރުކާރުން ހާއްސަ އިސްކަމެއް ދެއްވާ ސިޔާސަތެކެވެ. މި ސިޔާސަތުގެ ދަށުން މިހާރުވެސް ސްކޫލުތަކުގައި ގައުމިއްޔަތު މާއްދާ ކިޔަވައިދޭން ފަށާފައިވާއިރު، މާނަވީ ތަރިކަ ރައްކާތެރިކުރުމުގެ އެކި މަސައްކަތްތައް ދަނީ ކުރަމުންނެވެ.