އެފްޑީސީ ފުލެޓުތަކުގެ ރައްކާތެރިކަން އިތުރުކުރުމަށް ކުޑަދޮރުތައް ހުޅުވޭ މިންވަރު ކުޑަކުރަނީ

އެފްޑީސީން ހުޅުމާލޭގައި ތަރައްގީކުރި ހައުސިން ޔުނިޓްތައް. ފޮޓޯ: އެޗްޑީސީ
އެފްޑީސީން ހުޅުމާލޭގައި ތަރައްގީކުރި ހައުސިން ޔުނިޓްތައް. ފޮޓޯ: އެޗްޑީސީ

ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ހުންނަ ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) ގެ ފުލެޓުތަކުގެ ރައްކާތެރިކަން އިތުރުކުރުމުގެ ގޮތުން، އެ ތަންތަނުގެ ކުޑަދޮރުތައް ހުޅުވޭ މިންވަރު ކުޑަކުރުމުގެ އަމަލީ މަސައްކަތް އެ ކުންފުނިން ފަށައިފިއެވެ. މި ފިޔަވަޅަކީ ފުލެޓުތަކުގައި ދިރިއުޅޭ އާއިލާތަކުގެ، ހާއްސަކޮށް ކުޑަކުދިންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް އަޅަން ފެށި މުހިންމު ފިޔަވަޅެކެވެ.

އެފްޑީސީން ހާމަކޮށްފައިވާ ގޮތުގައި، "އަމާން އުދަރެސް" އަދި "އަމާން ދޯދި" ޓަވަރުތަކުގެ ކުޑަދޮރުތައް ހުޅުވޭ މިންވަރު ހަތަރު އިންޗިއަށް ކުޑަކުރުމަށްޓަކައި ސްޓޮޕަރު ހަރުކުރުމުގެ މަސައްކަތް މިހާރު ވަނީ ފަށާފައެވެ. މި ބަދަލާއެކުވެސް، ޓަވަރުތަކުގައި ދިރިއުޅޭ ފަރާތްތަކަށް ވައި ދައުރުވުމުގެ ނުވަތަ ވެންޓިލޭޝަންގެ އެއްވެސް ދަތިކަމެއް ކުރިމަތިނުވާނެ ކަމުގެ ޔަގީންކަން އެ ކޯޕަރޭޝަނުން ދެއެވެ. މި މަޝްރޫއަކީ އެ ޓަވަރުތަކުގައި ދިރިއުޅޭ ހުރިހާ އެންމެންގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ކުރިއަށްގެންދާ ހާއްސަ މަސައްކަތެކެވެ.

މި މަސައްކަތް ފެށުމުގެ ކުރިން، އެފްޑީސީގެ މެނޭޖިން ޑިރެކްޓަރު ހަމްދާން ޝަކީލް ވަނީ އެ ޓަވަރުތަކުގައި ކުޑަކުދިންނާއި ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތައް ދިރިއުޅޭ ޔުނިޓުތައް ދެނެގަނެ، އަޅަންޖެހޭ ސަލާމަތީ ފިޔަވަޅުތަކާ ގުޅޭގޮތުން މަޝްވަރާ ކުރައްވާފައެވެ. މި ފިޔަވަޅުތައް އަޅަން ފަށާފައިވަނީ ހުޅުމާލޭގެ ދެވަނަ ފިޔަވަހީގެ ފުލެޓުތަކުން ކުޑަކުދިން ވެއްޓުމުގެ ހިތާމަވެރި ދެ ހާދިސާއެއް ދާދިފަހުން ހިނގާފައިވާ ދަނޑިވަޅެއްގައެވެ.

އެގޮތުން، މިދިޔަ ހަފުތާގައި ސްޓެލްކޯ ފުލެޓެއްގެ މަތިން ދެ އަހަރުގެ އަންހެން ކުއްޖަކު ވެއްޓި މަރުވެފައިވާއިރު، އޭގެ ކުރީ ދުވަހު އަމާން އުދަރެސް ޓަވަރަކުން 16 އަހަރުގެ ކުއްޖަކު ވެއްޓި ބޮޑެތި އަނިޔާތަކެއް ލިބިފައިވެއެވެ. މިފަދަ ހާދިސާތައް މަދުކުރުމަށްޓަކައި ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިންވެސް ދަނީ ހުޅުމާލޭގެ ޓަވަރުތަކުގެ ކުޑަދޮރުތަކާއި ބެލްކަނީގައި ރެއިލިން ހަރުކުރުމުގެ މަސައްކަތްތައް ކުރަމުންނެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!
ފަހުގެ