މާލޭގެ ފެނުގެ ރައްކާތެރިކަމަށް ބަހައްޓާ ބޮޑު ތާނގީ އަންނަ އަހަރުގެ ސެޕްޓެމްބަރަށް ނިމޭނެ: އެމްޑަބްލިއުއެސްސީ

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަނީ

މާލޭގެ ފެން ރައްކާކުރުމުގެ ގާބިލުކަން އިތުރުކުރުމަށްޓަކައި މާލޭ ވޯޓަރ އެންޑް ސުވަރޭޖް ކޮމްޕެނީ (އެމްޑަބްލިއުއެސްސީ) އިން ކުރިއަށްގެންދާ މަޝްރޫއުގެ ދަށުން، އަލަށް ބަހައްޓާ ބޮޑު ފެން ތާނގީގެ މަސައްކަތް އަންނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ނިޔަލަށް ނިންމައި ބޭނުންކުރަން ފެށޭނެ ކަމަށް އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ހުސައިން ފަހުމީ ވިދާޅުވެއްޖެއެވެ.

އެމްޑަބްލިއުއެސްސީގެ މަސައްކަތްތަކާ ގުޅޭގޮތުން މައުލޫމާތު ދެއްވަމުން ފަހުމީ ވިދާޅުވީ، އެ ކުންފުނީގެ މިހާރުގެ އިންފްރާސްޓްރަކްޗަރަކީ ގާތްގަނޑަކަށް 30 އަހަރުވީ ބައު ނިޒާމެއް ކަމަށެވެ. އަދި މިހާރު ބޭނުންކުރަމުންދަނީ ކޮންކްރީޓް ތާނގީތަކެއް ކަމަށްވުމުން، ފެން ލީކުވުން ފަދަ މައްސަލަތައް ދިމާވެ، އެ ތަކެތި މަރާމާތުކޮށް ބެލެހެއްޓުމުގައި ބޮޑެތި ދަތިތަކެއް ކުރިމަތިވަމުންދާ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

މި މައްސަލަތަކަށް ދާއިމީ ހައްލެއް ހޯދުމުގެ ގޮތުން ރާއްޖޭގައި މިހާތަނަށް ބަހައްޓާ އެންމެ ބޮޑު އަދި އެންމެ އުސް ފެން ތާނގީ ބެހެއްޓުމުގެ އަމަލީ މަސައްކަތް މިހާރު ދަނީ ކުރަމުންނެވެ. މިއީ 20،000 ލީޓަރުގެ ކެޕޭސިޓީ ހުންނަ، ގާތްގަނޑަކަށް 10 ބުރީގެ އިމާރާތެއްގެ އުސްމިން ހުންނަވަރުގެ ބޮޑު ތާނގީއެކެވެ. މި ތާނގީ ބެހެއްޓުމަށް ބޭނުންވާ ތަކެއްޗަށް އޯޑަރުކޮށް، ފައުންޑޭޝަން އެޅުމުގެ މަސައްކަތް މިހާރު ވަނީ ނިންމާފައެވެ.

ފަހުމީ ވިދާޅުވި ގޮތުގައި، އަންނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ނިޔަލަށް މިހާރު ބޭނުންކުރާ ތާނގީ ޑީކޮމިޝަންކޮށް، އަލަށް ތައްޔާރުކުރާ ތާނގީއަށް ފެން ބަދަލުކޮށް އެއްކޮށް ނިންމާލެވޭނެއެވެ. މިއީ މާލޭގެ ފެނުގެ ރައްކާތެރިކަމަށް ލިބިގެންދާނެ ވަރަށް ބޮޑު ޔަގީންކަމެއް ކަމަށް އޭނާ ވިދާޅުވިއެވެ. އަދި މި މަސައްކަތް ނިމުމުން މާލެއާއި ހުޅުމާލޭގެ ފެނުގެ ވިއުގަ ގުޅާލައި، ހުޅުމާލެއަށް ފެން ފޮނުވުމުގެ މަސައްކަތް ފުރިހަމައަށް ފެށިގެންދާނެއެވެ.

މާލެއާއި ހުޅުމާލެ ގުޅާލައިގެން ފެން ފޯރުކޮށްދިނުމުގެ މަސައްކަތް މިހާރުވެސް ކޮންމެވެސް ވަރަކަށް ކުރިއަށްދިޔަ ނަމަވެސް، ފުރިހަމަ ކެޕޭސިޓީގައި އެކަން ނުކުރެވެނީ ހުޅުމާލޭގައި އެކަށީގެންވާ މިންވަރަށް ފެން އުފެއްދުމުގެ ގާބިލުކަން އަދި ނެތުމުންނެވެ. ނަމަވެސް ހުޅުމާލޭގެ ފެނުގެ ކެޕޭސިޓީ އިތުރުކުރުމުގެ މަސައްކަތްވެސް އެމްޑަބްލިއުއެސްސީން ދަނީ ކުރަމުންނެވެ. އެގޮތުން ނިމިދިޔަ އަހަރު ހުޅުމާލޭގައި 10،000 ޓަނުގެ ފެން ރައްކާކުރެވޭނެ ނިޒާމެއް ގާއިމުކޮށް، އެ އަވަށުގައި ފެން ރައްކާކުރެވޭ މިންވަރު މިހާރު ވަނީ 22،600 ޓަނަށް އިތުރުކޮށްފައެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!
ފަހުގެ