މާލޭގެ ޓްރެފިކް މައްސަލަ ހައްލުކުރުމަށް ޓްރެފިކް މޮނިޓަރިން ސެންޓަރެއް ޤާއިމުކުރަނީ

މާލޭގެ މަގުމަތީގެ ޓްރެފިކް
މާލޭގެ މަގުމަތީގެ ޓްރެފިކް. ފޮޓޯ: މިހާރު

މާލޭގެ ޓްރެފިކް ބާރުބޮޑުވުމުގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަށްޓަކައި "ޓްރެފިކް މޮނިޓަރިން ސެންޓަރެއް" ޤާއިމުކުރުމަށް ސަރުކާރުން ނިންމައިފިއެވެ. މިކަން ހާމަކުރެއްވީ އިޤްތިޞާދީ ތަރައްޤީއާއި ދަތުރުފަތުރާއި ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސަޢީދު، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމެއްގައެވެ.

ވަޒީރު ސަޢީދު ވިދާޅުވީ، މުޅި ސަރުކާރު ގުޅިގެން ޓްރެފިކް މައްސަލައަށް ހައްލު ހޯދުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ގެންގުޅުއްވާ ޚާއްޞަ ތަޞައްވުރެއް އެބައޮތް ކަމަށެވެ. އެ ތަޞައްވުރުގެ ދަށުން މާލޭގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ މަސައްކަތް ކުރަމުންދާކަން އޭނާ ފާހަގަކުރެއްވިއެވެ. އެގޮތުން، މާލޭގެ ބޭރުމަގު (ބޮޑުތަކުރުފާނުމަގު) ޒަމާނީ ފެންވަރަށް ހަދާފައިވާއިރު، ޗައިނާ ސަރުކާރުގެ އެހީގައި މާލޭގެ ހުރިހާ މަގެއް ޒަމާނީ ފެންވަރަށް ހެދުމުގެ އަމަލީ މަސައްކަތް މިއަހަރުގެ ތެރޭގައި ފެށުމަށް ތައްޔާރުވަމުންދާ ކަމަށް ވަޒީރު ވިދާޅުވިއެވެ.

މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީކުރާއިރު، ޓްރެފިކް މައްސަލައަށް އޮތް ހައްލަކީ މުޅި މާލެ ސަރަހައްދަކީ "ރެޖިސްޓްރޭޝަން ކޮންޓްރޯލް ޒޯން" އެއްގެ ގޮތުގައި ކަނޑައެޅުން ކަމަށް ވަޒީރު ވިދާޅުވިއެވެ. އަދި މީގެ މާނައަކީ އުޅަނދުތައް ރަޖިސްޓަރީ ނުކުރެވުން ނޫން ކަމަށާއި، ނަމަވެސް ވަކި މިންގަނޑުތަކެއްގެ ތެރެއިން އިންތިޒާމުވެގެން އުޅަނދުތައް ރަޖިސްޓަރީ ކުރުމުގެ އުޞޫލެއް ޤާއިމުވެގެންދިއުން ކަމަށް އޭނާ ތަފްޞީލުކޮށްދެއްވިއެވެ.

މި ޤާނޫނީ ބަދަލުތަކާ ގުޅޭގޮތުން ވިޔަފާރިވެރިންނާއި، އާންމު ރައްޔިތުންނާއި، ސަރުކާރުގެ އިދާރާތަކުގެ އިތުރުން ކައުންސިލްތަކާ މަޝްވަރާކޮށް، ދިރާސާތައް ކޮށްފައިވާ ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ. މި ބަދަލުގެ އެންމެ ބޮޑު ބޭނުމަކީ މަގުތަކަކީ އާންމު ރައްޔިތުންނަށް ރައްކާތެރި ތަނަކަށް ހެދުން ކަމަށްވެސް ވަޒީރުގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!
ފަހުގެ