ތިލަފުށީގައި އަލަށް ތަރައްގީކުރާ ބައިނަލްއަގުވާމީ ވިޔަފާރި ބަނދަރުގެ މިލްކުވެރިކަމާއި އެ ތަން ހިންގުމުގެ ފުރިހަމަ ބާރު އޮންނާނީ ދިވެހި ސަރުކާރުގެ ދަށުގައި ކަމަށާއި، ބޭރުގެ އެއްވެސް ބަޔަކަށް އެ ތަނުގެ ކޮންޓްރޯލް ނުދޭނެ ކަމަށް މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް، ޓްރާންސްޕޯޓް އެންޑް ޓްރޭޑުން ބުނެފިއެވެ.
މިނިސްޓްރީން މިކަން ހާމަކޮށްފައިވަނީ، ތިލަފުށީ ބަނދަރު ތަރައްގީކުރުމުގެ މަޝްރޫއުގައި ސަރުކާރުން އިންޑިއާއަށް އިސްކަންދޭ ކަމަށް ބުނެ ކުރީގެ ރައީސް އަބްދުﷲ ޔާމީން ދެއްކެވި ވާހަކަފުޅުތަކާ ގުޅިގެން ނެރުނު ބަޔާނެއްގައެވެ. އިކޮނޮމިކް މިނިސްޓްރީން ބުނީ މި މަޝްރޫއު ކުރިއަށްދަނީ ރާއްޖޭގެ ގާނޫނުތަކާއި ގަވާއިދުތަކާ އެއްގޮތަށް ކަމަށާއި، މިއީ ވަކި ގައުމަކާ އޮންނަ ގުޅުމަށް ބަދަލު އަންނާނެ ކަމެއް ނޫން ކަމަށެވެ.
އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވި ގޮތުގައި، މި ބަނދަރަކީ ދިވެހި ގައުމާއި ރައްޔިތުންގެ ދިގު މުއްދަތުގެ ފައިދާއަށްޓަކައި ހިންގާ މަޝްރޫއެކެވެ. އަދި ސަރުކާރުގެ 'މޯލްޑިވްސް ފަސްޓް' ސިޔާސަތުގެ ދަށުން ރާއްޖޭގެ ސިޔާދަތާއި ގައުމީ މަސްލަހަތު ހިމާޔަތްކުރާނެ ކަމަށްވެސް މިނިސްޓްރީން ބުނެއެވެ.
ގާތްގަނޑަކަށް 250 މިލިއަން ޑޮލަރުގެ މި މަޝްރޫއުގެ ފުރަތަމަ ފިޔަވަހީގެ މަސައްކަތް މިއަހަރުގެ ފެބްރުއަރީ މަހު ހަވާލުކޮށްފައިވަނީ ޗައިނާގެ ސީއެޗްއީސީ ކުންފުންޏާއެވެ. މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން ހާމަކޮށްފައިވާ ގޮތުގައި، 20 ހެކްޓަރުގެ ބިމެއްގައި ހަދާ މި ބަނދަރު ނިމުމުން އަހަރަކު 300,000 ޓީއީޔޫގެ ކޮންޓެއިނަރު ހޭންޑްލް ކުރެވޭނެއެވެ. މިއީ މިހާރު މާލޭ ބަނދަރުގެ ގާބިލުކަމަށްވުރެ ދެގުނަ އިތުރު އަދަދެކެވެ.
ސަރުކާރުގެ އަމާޒަކީ 2027 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ ނިޔަލަށް މާލޭގެ ވިޔަފާރި ބަނދަރު އެއްކޮށް ތިލަފުއްޓަށް ބަދަލުކުރުމެވެ. މާލޭ ބަނދަރުގެ ޖާގައިގެ ދަތިކަމުގެ ސަބަބުން މުދާ ކްލިއާ ކުރަން ދެ ހަފުތާ ނަގާއިރު، އާ ބަނދަރާއެކު އެ މުއްދަތު 48 ގަޑިއިރަށް ކުޑަވެގެންދާނެ ކަމަށް ސަރުކާރުން ލަފާކުރެއެވެ.