ހުޅުމާލެއިން ބިން ދޫކުރި މައްސަލާގައި ފަތުރަނީ ދޮގު ވާހަކަތަކެއް ކަމަށް ބުނެ ހައުސިން މިނިސްޓްރީން ހަގީގަތް ހާމަކޮށްފި

ހުޅުމާލެ
ހުޅުމާލެ

ހުޅުމާލެއިން އަމިއްލަ ފަރާތަކަށް ދޫކުރި ބިމަކާ ގުޅުވައިގެން، މިނިސްޓްރީ އޮފް އިންފްރަސްޓްރަކްޗާ، ހައުސިން އެންޑް އާބަން ޑިވެލޮޕްމެންޓުގެ ސިވިލް ސާވިސް މުވައްޒަފަކަށް އަމާޒުކޮށް ފަތުރަމުންދާ ބަދުނާމުތަކުގެ ހަގީގަތް އެ ވުޒާރާއިން ހާމަކޮށްފިއެވެ.

އެ މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ބިން ލިބުނު އަހްމަދު ޒާހިރަށް 22 ޑިސެންބަރު 2003 ގައި އޭރުގެ "މޯލްޑިވްސް ހައުސިން އެންޑް އާބަން ޑިވެލޮޕްމެންޓު ބޯޑު" އިން ހިންގި ބޯހިޔާވަހިކަމުގެ ސްކީމެއްގެ ދަށުން ހުޅުމާލޭގެ ފުރަތަމަ ފިޔަވަހިން ގޯއްޗެއް ލިބިފައިވާކަން ރަސްމީ ލިޔެކިޔުންތަކުން އެނގެން އޮތް ކަމަށެވެ. އޭނާއަށް ލިބުނު 904 އަކަފޫޓުގެ އެ ބިމުގެ އަގަކީ 339,000 ރުފިޔާ ކަމަށް 24 ޑިސެންބަރު 2003 ގައި ރައީސް އޮފީހުން ދޫކުރި ލިޔުމުން ސާފުވާ ކަމަށްވެސް މިނިސްޓްރީން ބުންޏެވެ.

މިނިސްޓްރީން ފާހަގަކުރި ގޮތުގައި، ވޭތުވެދިޔަ އެކި ސަރުކާރުތަކުގައި އެ ގޯތި ހަވާލުކޮށްދިނުމަށް އޭނާ ތަކުރާރުކޮށް އެދުމުންވެސް އެ ބިން ހަވާލުކޮށްފައެއް ނުވެއެވެ. އެހެންކަމުން، 23 އަހަރުވެފައިވާ މި މައްސަލައަށް ހައްލެއް ހޯދައިދިނުމަށް އޭނާ މި ސަރުކާރުގައި އެދުމުން، އޭނާގެ ދިރިއުޅުމުގެ ހާލަތަށް ރިއާޔަތްކޮށް، ކުރިން އެއްބަސްވި ވިޔަފާރީގެ އުސޫލުތަކާ އެއްގޮތަށް ބިމެއް ވިއްކުމަށް މިނިސްޓްރީން ނިންމީއެވެ.

ޒާހިރަށް ވިއްކަން ނިންމި ބިމަކީ ކުރީގެ "ބިންވެރިޔާ" ސްކީމުގެ ދަށުން ދޫކުރި ނަމަވެސް، އަސާސީ ޝަރުތުތައް ފުރިހަމަނުވުމުގެ ސަބަބުން އެއްބަސްވުން ބާތިލުކޮށް ހުސްކޮށް އޮތް ބިމެކެވެ. އަދި މި ބިން އޭނާއަށް ވިއްކަން ނިންމީ، ބިންވެރިޔާ ސްކީމުގެ ދަށުން ގުޅިފަޅުން އޭނާއަށް ލިބިފައިވާ ބިމުގެ ހުރިހާ ހައްގުތަކެއް ދޫކޮށްލުމަށް އެއްބަސްވުމުން ކަމަށްވެސް މިނިސްޓްރީން ބަޔާންކުރެއެވެ.

މިނިސްޓްރީން އިތުރަށް ބުނީ، މި ނިންމުން ނިންމުމުގައި އަމަލުކުރީ އުސޫލުތަކާ އެއްގޮތަށްތޯ ކަށަވަރުކުރުމަށްޓަކައި، އެ ވުޒާރާގެ އަމިއްލަ އިސްނެގުމަށް މި މައްސަލަ އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް ހުށަހަޅާފައިވާ ކަމަށެވެ. އަދި ބިން ވިއްކުމުގެ އެއްބަސްވުމުގައި ސޮއިކުރީ އޭސީސީގެ ލަފައާއި ގާނޫނީ ލަފާ ހޯދުމަށްފަހު ކަމަށްވެސް ބަޔާނުގައިވެއެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!
ފަހުގެ