ރާއްޖޭގެ ބޮޑު ސަރަހައްދަކަށް ހުދު ސަމާލު ނެރެ، ކުރިއަށް އޮތް ތިން ދުވަހު ވިއްސާރަކުރާނެ ކަމަށް ލަފާކޮށްފި

މޫސުން ގޯސް ދުވަހެއްގައި ކަނޑުމަތި--- ފޮޓޯ: މިހާރު
މޫސުން ގޯސް ދުވަހެއްގައި ކަނޑުމަތި--- ފޮޓޯ: މިހާރު

ރާއްޖޭގެ ބޮޑު ސަރަހައްދަކަށް މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް މޫސުމާބެހޭ ގައުމީ އިދާރާ (މެޓް) އިން ހުދު ސަމާލު ނެރެފިއެވެ. ކުރިއަށް އޮތް ތިން ދުވަހުވެސް މުޅި ރާއްޖެއަށް ވިއްސާރަކުރާނެ ކަމަށް އެ އިދާރާއިން ވަނީ ލަފާކޮށްފައެވެ.

މެޓް އޮފީހުން ހުދު ސަމާލު ނެރެފައިވަނީ ށ. އަތޮޅުން ފެށިގެން ގދ. އަތޮޅާ ހަމައަށެވެ. މިއަދު ހެނދުނު 10:00 އިން ހަވީރު 16:00 އާ ހަމައަށް ނެރުނު މި ސަމާލުގެ ވަގުތުގައި ބޯކޮށް ވާރޭވެހުމާއެކު ގުގުރާނެ ކަމަށާއި، ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައިގަދަވާނެ ކަމަށް ލަފާކޮށްފައިވެއެވެ. މިހާރު ކުރަމުންދާ ވިއްސާރައަކީ ހުޅަނގު މޫސުމުގެ ވިއްސާރައިގެ އިތުރުން، ރާއްޖޭގެ ސަރަހައްދަށް ވައި ޖަމާވުން ނުވަތަ ވިންޑް ކޮންވަރޖެންސްގެ ސަބަބުން ކުރާ ވިއްސާރައެއް ކަމަށް މެޓް އޮފީހުން ބުނެއެވެ.

ވޭތުވެދިޔަ 24 ގަޑިއިރުގެ ތަފާސްހިސާބުތަކަށް ބަލާއިރު، އެންމެ ގިނައިން ވާރޭ ވެހިފައިވަނީ މާލެއަށެވެ. މާލެއަށް 65.3 މިލިމީޓަރުގެ ވާރޭ ވެހިފައިވާއިރު، ބ. ދަރަވަންދޫއަށް 55 މިލިމީޓަރު އަދި އއ. މާމިގިއްޔަށް 54 މިލިމީޓަރުގެ ވާރޭ ވެހިފައިވެއެވެ. މިއަދު މެންދުރުފަހުން ފެށިގެން ވައި ގަދަވެ، ކަނޑުތައް ގަދަވާނެ ކަމަށް ލަފާކުރެވޭއިރު، ވިލާގަނޑުގައި ގަޑިއަކު 35 މޭލަށް ވައި ގަދަވުން އެކަށީގެންވެއެވެ.

ކުރިއަށް އޮތް ހަފުތާއަކީ ސްކޫލްތަކުގެ މިޑް ޓާމް ބަންދު ދުވަސްވަރު ކަމަށްވުމުން، ގިނަ ބަޔަކު ކަނޑުމަގުން ދަތުރުކުރާނެ ކަމަށް ބެލެވެއެވެ. އެހެންކަމުން، ކަނޑުދަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވެ، ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ކަމާބެހޭ އިދާރާތަކުން ވަނީ އިލްތިމާސްކޮށްފައެވެ. އަދި ބޯކޮށް ވާރޭވެހި ފެންބޮޑުވުމުގެ ހާދިސާތަކުން ރައްކާތެރިވުމަށް ދުރާލައި ތައްޔާރުވުމަށްވެސް ވަނީ އަންގާފައެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!
ފަހުގެ