ބޭރު ފައިސާއިން އާމްދަނީ ލިބޭ ވިޔަފާރިތަކުން އެ ފައިސާ ޖަމާކުރާ އެކައުންޓުތަކުގެ މައުލޫމާތު މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އާ ހިއްސާކުރުން ލާޒިމުވާ ގޮތަށް ބޭރު ފައިސާއާ ބެހޭ ގަވާއިދު އިސްލާހުކޮށްފިއެވެ. ސަރުކާރުގެ ގެޒެޓުގައި މިއަދު ޝާއިއުކުރި މި އިސްލާހުގެ ދަށުން ބޭރު ފައިސާއާ ބެހޭ ގާނޫނުގެ ދަށުން ރަޖިސްޓްރީވުމުގެ އުސޫލުތަކަށް ވަނީ ބަދަލުތަކެއް ގެނެސްފައެވެ.
މި ގަވާއިދަށް ގެނައި ފުރަތަމަ ބަދަލަކީ، ފަތުރުވެރިކަމުގެ ހިދުމަތްދޭ ތަންތަން ފިޔަވައި، ބޭރު ފައިސާއިން އާމްދަނީ ލިބޭ ވިޔަފާރިތަކުގެ ތެރެއިން ރަޖިސްޓްރީވާންޖެހޭ މިންގަނޑަށް ގެނައި ބަދަލެވެ. ކުރިން އޮތް ގޮތުން އަހަރަކު 15 މިލިއަން ޑޮލަރަށް ވުރެ ގިނައިން އާމްދަނީ ލިބޭ ވިޔަފާރިތައް ރަޖިސްޓްރީވާން ޖެހުނު ނަމަވެސް، އަލަށް ގެނައި ބަދަލާއެކު މި އަދަދު ވަނީ 25 މިލިއަން ޑޮލަރަށް މަތިކޮށްފައެވެ. އެހެންކަމުން ދެން ރަޖިސްޓްރީވާން ޖޭހޭނީ އަހަރަކު 25 މިލިއަން ޑޮލަރަށް ވުރެ ގިނައިން އާމްދަނީ ލިބޭ ވިޔަފާރިތައް އެކަންޏެވެ.
ގަވާއިދަށް ގެނައި ދެވަނަ އިސްލާހަކީ، ބޭރު ފައިސާއިން އާމްދަނީ ލިބޭ ވިޔަފާރިތަކުން ގާނޫނުގައިވާ ގޮތުގެ މަތިން ފައިސާ ޖަމާކުރަންޖެހޭ ބޭންކު އެކައުންޓުގެ ތަފްސީލުތައް އެމްއެމްއޭއާ ހިއްސާކުރުން މަޖުބޫރު ކުރުމެވެ. މި ބަދަލު ގެނެސްފައިވަނީ ގަވާއިދުގެ ހަތަރުވަނަ މާއްދާއަށް ދެ އަކުރެއް އިތުރުކޮށްގެންނެވެ. މީގެ އިތުރުން، ބޭރު ފައިސާއާ ބެހޭ އާންމު ގަވާއިދަށް ގެނައި އިސްލާހުތަކުގައި، ބޭރު ފައިސާއިން ކުރެވޭނެ މުއާމަލާތްތަކާއި، ފައިސާ މާރުކުރުމުގައި ލުއިތައް ދެވޭނެ ހާލަތްތައް ވެސް ވަނީ ބަޔާންކޮށްފައެވެ.
ބޭރު ފައިސާއާ ބެހޭ ގާނޫނަށް ގެނެސްފައިވާ ބަދަލުތަކުގެ ދަށުން، ރިސޯޓުތަކަށް ލިބޭ އާމްދަނީގެ 40 އިންސައްތަ މާރުކުރުން މިހާރު ވަނީ ލާޒިމުކޮށްފައެވެ. މީގެ ކުރިން އޮތް ގޮތުން ފަތުރުވެރިއެއްގެ ބޮލަކަށް 500 ޑޮލަރު މާރުކުރުމުގެ އިހުތިޔާރު އޮތް ނަމަވެސް، އެ އުސޫލު މިހާރު ވަނީ އުވާލާފައެވެ. އަދި ކުރިން ތިން މަސް ދުވަހުގެ ތެރޭގައި ފައިސާ މާރުކުރުމުގެ ބަދަލުގައި، މިހާރު ކޮންމެ މަހަކު ވެސް އެ މަހެއްގެ އާމްދަނީން މާރުކުރަންޖެހޭ މިންވަރު އެ މަހެއްގެ ތެރޭގައި މާރުކުރަން ޖެހޭނެއެވެ.