ފަތުރުވެރިކަމުގެ ބޭނުމަށް ދޫކޮށްފައިވާ ތަންތަނުގެ ތެރެއިން، އަށް އަހަރު ވީއިރުވެސް ތަރައްގީނުކޮށް އަދި ކުއްޔާއި ޖޫރިމަނާގެ ގޮތުގައި ދައުލަތަށް ދައްކަންޖެހޭ ފައިސާ 10 މިލިއަން އެމެރިކާ ޑޮލަރަށް ވުރެ އިތުރުވެފައިވާ ތަންތަނުގެ އެއްބަސްވުން ބާތިލުކުރެވޭ ގޮތަށް ޓޫރިޒަމް މިނިސްޓްރީން އާ ގަވާއިދެއް އެކުލަވާލައި އަމަލުކުރަން ފަށައިފިއެވެ.
ޓޫރިޒަމް މިނިސްޓްރީން މިއަދު ގެޒެޓުކޮށް އަމަލުކުރަން ފެށި ގަވާއިދުގައިވާ ގޮތުން، ތަރައްގީކޮށް ނުނިމި ދިގު މުއްދަތެއް ފާއިތުވެފައިވާ ތަންތަނާ މެދު ފިޔަވަޅު އެޅުމުގެ ބާރު މިނިސްޓްރީއަށް ލިބިގެންވެއެވެ. އެގޮތުން، ތަރައްގީކުރުމަށް ދީފައިވާ މުއްދަތުން އަށް އަހަރު ފާއިތުވެ، އެއްވެސް އަމަލީ މަސައްކަތެއް ކޮށްފައިނުވާ ތަންތަނާއި، ކުއްޔާއި ޖޫރިމަނާގެ އަދަދު 10 މިލިއަން އެމެރިކާ ޑޮލަރަށް ވުރެ ގިނަވެފައިވާ ތަންތަނުގެ އެއްބަސްވުން އިތުރު ފުރުސަތެއް ދިނުމަކާ ނުލައި ބާތިލުކުރެވޭނެއެވެ.
މީގެ އިތުރުން، ކޮންސްޓްރަކްޝަން މުއްދަތު 60 މަހަށް ވުރެ އިތުރުކޮށްފައިވާ ތަންތަނާއި، މަސައްކަތުގެ 15 އިންސައްތައަށް ވުރެ މަދުން ނިމިފައިވާ ތަންތަނުގެ އެއްބަސްވުން ވެސް ބާތިލުކުރެވޭނެ ކަމަށް ބަޔާންކޮށްފައިވެއެވެ. އަދި ގްރޭސް ޕީރިއަޑް ހަމަވެ މުއްދަތު އިތުރުކޮށްފައިނުވާ އަދި އަށް އަހަރު ހަމަނުވާ ތަންތަނަށް ކޮންސްޓްރަކްޝަން މުއްދަތު އިތުރުކުރުމަށް އެއް ފުރުސަތު ދެވޭނެއެވެ. ނަމަވެސް، އެ މުއްދަތުގައި މަސައްކަތް ނިންމައި ހިދުމަތް ދޭން ނުފަށައިފި ނަމަ އެއްބަސްވުން ބާތިލުކުރެވޭނެއެވެ.
ގަވާއިދުގައިވާ ގޮތުން، އެއްބަސްވުން ބާތިލުކުރި ނަމަވެސް، އެ ތަނަކާ ގުޅިގެން ދައުލަތަށް ދައްކަންޖެހޭ ކުއްޔާއި ޖޫރިމަނާގެ ފައިސާ އެ ފަރާތަކުން ދައުލަތަށް ދައްކަންޖެހޭނެއެވެ.
ޓޫރިޒަމް މިނިސްޓަރު މުހައްމަދު އަމީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވިދާޅުވީ، ފަތުރުވެރިކަމުގެ ބޭނުންތަކަށް ދޫކޮށް، މަސައްކަތް ނުނިމި 168 ތަން އެބައޮތް ކަމަށެވެ. އޭގެ ތެރޭގައި 25 އަހަރު ވެފައިވާ ރަށްތައް ވެސް ހިމެނޭއިރު، ތަރައްގީ ނުކޮށް ހުރި ތަންތަނުން ދައުލަތަށް ލިބެންޖެހޭ 537 މިލިއަން އެމެރިކާ ޑޮލަރު ނުލިބިވާ ކަމަށް މިނިސްޓްރީން ހާމަކުރެއެވެ.
ރާއްޖޭގެ އިގުތިސާދު ފަތުރުވެރިކަމަށް ބަރޯސާވެފައިވާއިރު، ދައުލަތަށް ލިބޭ އާމްދަނީ އިތުރުކުރުމަށާއި ޑޮލަރު ހިފެހެއްޓުމަށް ސަރުކާރުން ދަނީ ގިނަ ފިޔަވަޅުތަކެއް އަޅަމުންނެވެ. އެގޮތުން، ރިސޯޓުތަކުން ޑޮލަރު މާރުކުރަންޖެހޭ މިންވަރު 40 އިންސައްތައަށް އިތުރުކުރުން ފަދަ ހަރުކަށި ފިޔަވަޅުތައް މިހާރު ވަނީ ތަންފީޒުކުރަން ފަށާފައެވެ.