ފަހު ކުއާޓަރުގައި 7 އެއާލައިނަކުން ދަތުރުތައް ފަށަނީ، ފަތުރުވެރިންގެ އަދަދު ދަށެއް ނުވާނެ: މިނިސްޓަރު އަމީން

ރާއްޖެ ޒިޔާރަތްކުރި ފަތުރުވެރިންތަކެއް. ފޮޓޯ: ހޮޓެލިއަރ
ރާއްޖެ ޒިޔާރަތްކުރި ފަތުރުވެރިންތަކެއް. ފޮޓޯ: ހޮޓެލިއަރ

މެދުއިރުމަތީގައި ހިނގަމުންދާ ހަނގުރާމައާ ގުޅިގެން ރާއްޖޭގެ ފަތުރުވެރިކަމަށް ކުރި ނޭދެވޭ އަސަރުތަކުން އަރައިގަތުމުގައި ބޮޑެތި ކާމިޔާބީތަކެއް ހޯދިފައިވާ ކަމަށާއި، މިއަހަރުގެ ފަހު ކުއާޓަރުގައި ފަތުރުވެރިކަމުގެ ސިނާއަތަށް ބޮޑު ކުރިއެރުމެއް ލިބޭނެ ކަމަށް ފަތުރުވެރިކަމާއި މަދަނީ އުދުހުންތަކާ ބެހޭ ވަޒީރު މުޙައްމަދު އަމީން ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން ވަޒީރު ވަނީ މި ސިނާއަތް ކުރިއެރުވުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކުގެ ތަފްސީލު ހިއްސާކުރައްވާފައެވެ.

ވަޒީރު އަމީން ވިދާޅުވި ގޮތުގައި، މެދުއިރުމަތީގެ ހަނގުރާމައިގެ ސަބަބުން މިއަހަރުގެ މާރިޗު މަހުން ފެށިގެން ޖޫން މަހުގެ ނިޔަލަށް ރާއްޖޭގެ ފަތުރުވެރިކަމަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވިއެވެ. އެގޮތުން އެ މުއްދަތުގައި ފަތުރުވެރިކަމުގެ ސިނާއަތުން 24 އިންސައްތައިގެ ދަށްވުމެއް އަންދާޒާ ކުރެވުނު ނަމަވެސް، ސަރުކާރުން އުފެއްދެވި މިނިސްޓީރިއަލް ކޮމިޓީއާއި ފަތުރުވެރިކަމުގެ ދާއިރާގެ ހިއްސާދާރުން ގުޅިގެން ކުރި މަސައްކަތުން އެ އަދަދު މިހާރު ވަނީ 2.6 އިންސައްތައަށް ކުޑަކުރެވިފައެވެ. އަދި މިއަހަރުގެ ފަހު ކުއާޓަރުގައި ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދު މިދިޔަ އަހަރުގެ އެ މުއްދަތަށްވުރެ ދަށްނުވާނެ ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.

ފަތުރުވެރިކަން ކުރިއެރުވުމަށް ކުރެވޭ މަސައްކަތްތަކުގެ ދަށުން، ކުރިއަށް އޮތް ފަތުރުވެރިކަމުގެ ހައި ސީޒަނާ ދިމާކޮށް އަލަށް 7 އެއާލައިނަކުން ރާއްޖެއަށް ދަތުރުތައް ފެށުމަށް ވަނީ ހަމަޖެހިފައެވެ. އޭގެ ތެރޭގައި ރަޝިޔާ، ބަލްގޭރިއާ، ވިއެޓްނާމް، އަރުމީނިއާ، ފްރާންސް، ކުވެއިތު އެއާ އަދި އިތިއޯޕިއަން އެއާލައިންސް ހިމެނެއެވެ. މީގެ އިތުރުން މިހާރު ދަތުރުކުރާ ބައެއް އެއާލައިންތަކުން ފްލައިޓްތައް އިތުރުކުރުމަށް ނިންމާފައިވާ ކަމަށްވެސް ވަޒީރު ފާހަގަކުރެއްވިއެވެ.

މިއަހަރު ރާއްޖެއަށް 2.5 މިލިއަން ފަތުރުވެރިން ގެނައުމަށް ސަރުކާރުން އަމާޒު ހިފާފައިވާއިރު، މިހާތަނަށް 1.4 މިލިއަނަށްވުރެ ގިނަ ފަތުރުވެރިން ވަނީ ރާއްޖެއަށް ޒިޔާރަތްކޮށްފައެވެ. ދުނިޔޭގެ ބާޒާރުގައި ހުރި ގޮންޖެހުންތަކަކީ ރާއްޖޭގެ ކޮންޓްރޯލުން ބޭރުގައި ހުރި ކަންކަން ނަމަވެސް، ފަތުރުވެރިކަން އިޝްތިހާރު ކުރުމަށާއި އާ މާކެޓުތައް ހޯދުމަށް ކުރަމުންދާ މަސައްކަތްތަކާއެކު މިއަހަރުގެ ބާކީ އޮތް ބައިގައި ބޮޑު ކާމިޔާބީއެއް ލިބޭނެ ކަމަށް ސަރުކާރުން އުންމީދު ކުރެއެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!
ފަހުގެ