މަސްތުވާތަކެތީގެ ވިޔަފާރިކުރުމަށް ގެއެއް ދޫކޮށް، އެކަމަށް ހުއްދަދިން މައްސަލައެއްގައި ފުރަތަމަ ފަހަރަށް މީހެއްގެ މައްޗަށް ކުށް ސާބިތުވެ، 10 އަހަރުގެ ޖަލު ހުކުމެއް އިއްވައިފިއެވެ. މި މައްސަލާގައި ކޯޓުން ހުކުމް ކޮށްފައިވަނީ ގ. ޕެލިކަންގޭގެ ވެރިފަރާތް ކަމަށްވާ އިބްރާހީމް ނާޘިމްގެ މައްޗަށެވެ. މިއީ މަސްތުވާތަކެއްޗާބެހޭ ޤާނޫނުގެ 127 ވަނަ މާއްދާގެ ދަށުން ދައުވާކޮށް، މިފަދަ ކުށެއް ސާބިތުވި ފުރަތަމަ ފަހަރެވެ.
މަސްތުވާތަކެއްޗާ ބެހޭ ޤާނޫނުގެ 127 ވަނަ މާއްދާގައި ބަޔާންކޮށްފައިވަނީ، ކުށްކޮށްގެން ހޯދާ މުދަލާއި ފައިސާ ބޭނުންކުރުމާއި، އަތުގައި ބެހެއްޓުމާއި، އަދި އެފަދަ ތަކެތި ސިއްރުކުރުމަކީ ކުށެއް ކަމަށެވެ. މީގެ އިތުރުން، އެއްވެސް ތަނެއްގެ ވެރިފަރާތުން ނުވަތަ އެ ތަނެއްގެ މަސްއޫލިއްޔަތު އުފުލާ ފަރާތުން، އެ ތަނެއްގައި މަސްތުވާތަކެތީގެ ވިޔަފާރިކުރުމަށް ނުވަތަ ބޭނުންކުރުމަށް ހުއްދަދިނުމަކީ ވެސް މި މާއްދާގެ ދަށުން އަދަބު ކަނޑައެޅޭ ކުށެކެވެ.
މި މައްސަލާގައި ހިމެނޭ ގ. ޕެލިކަންގެއަކީ 2019 ވަނަ އަހަރު ފުލުހުން ހިންގި ބޮޑު އޮޕަރޭޝަނެއްގައި ބަލައި ފާސްކޮށް، މަސްތުވާތަކެތީގެ ވިޔަފާރިކުރުން ހުއްޓުވާފައިވާ ގެއެކެވެ. އެ ގޭގައި ފުޅާ ދާއިރާއެއްގައި މަސްތުވާތަކެތި ވިއްކުމާއި، ބޭނުންކުރުމަށް މަގުފަހިވާ ގޮތަށް ކާޓެލްއެއް ހިންގަމުންދިޔަ ކަމަށް ފުލުހުން ހާމަކޮށްފައިވެއެވެ. އެކި ފަހަރު މަތިން ފުލުހުން އެ ގެއަށް ވަދެ ހިންގި އޮޕަރޭޝަންތަކުގައި ގިނަ އަދަދެއްގެ މަސްތުވާތަކެތި ހޯދައި، ބައެއް މީހުން ހައްޔަރުކޮށްފައިވެއެވެ.
ދައުލަތުން ކުރި ދައުވާގައި ބުނެފައިވަނީ، އިބްރާހީމް ނާޘިމްގެ ބެލުމުގެ ދަށުގައި ހުރި އެ ގޭގައި މީހުން މަސްތުވާތަކެތި ބޭނުންކޮށް، އޭގެ ވިޔަފާރިކުރާކަން އެނގޭނެ ނުވަތަ އެކަމަށް ޝައްކުކުރެވޭނެ ފުރުސަތު އޮވެމެ، އޭނާ އެކަމަށް ހުއްދަދީފައިވާ ކަމަށެވެ. ކޯޓުގެ ހުކުމުގައި ބަޔާންކޮށްފައިވަނީ، ގޭގެ ވެރިފަރާތުގެ ހައިސިއްޔަތުން ނުވަތަ އެ ތަނެއްގެ މަސްއޫލިއްޔަތު އުފުލާ ފަރާތުގެ ހައިސިއްޔަތުން އެފަދަ ކަމަކަށް ހުއްދަދިނުމުގެ ކުށް ނާޘިމްގެ މައްޗަށް ސާބިތުވާ ކަމަށެވެ. އެހެންކަމުން، އޭނާ 10 އަހަރު ދުވަހުގެ މުއްދަތަށް ޖަލަށް ލުމަށް ކޯޓުން ވަނީ ހުކުމްކޮށްފައެވެ.