ރާއްޖޭން ބޭރުގައި ޑެބިޓް ކާޑު ބޭނުންކޮށްގެން އޭޓީއެމްތަކުން ފައިސާ ނަގާއިރު މީގެ ކުރިން ނަގަމުން އައި "ކްރޮސް ބޯޑަރ" ފީ ނެގުން މިރެއިން ފެށިގެން ހުއްޓާލުމަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ނިންމައިފިއެވެ.
ބީއެމްއެލް އިން ހާމަކުރި ގޮތުގައި، މި ނިންމުމުގެ ސަބަބުން ރާއްޖޭން ބޭރުގައި ތައުލީމު ހާސިލުކުރަމުންދާ ދަރިވަރުންގެ ދިރިއުޅުމުގެ ހަރަދުތަކާއި ކިޔެވުމުގެ ބޭނުންތަކަށް ކަނޑައަޅާފައިވާ މަހަކު 1،200 ޑޮލަރުގެ ލިމިޓް، އެއްވެސް އިތުރު ހަރަދަކާ ނުލައި ބޭނުންކުރުމުގެ ފުރުސަތު ލިބިގެންދާނެއެވެ. މިއީ ބޭރުގައި ކިޔަވާ ދަރިވަރުންނަށާއި އެ ދަރިވަރުންގެ އާއިލާތަކަށް ލިބިގެންދާނެ ބޮޑު ލުޔެއް ކަމަށްވެސް ބޭންކުން ބުނެއެވެ.
ކްރޮސް ބޯޑަރ ފީ ނުވަތަ އޮޕްޝަނަލް އިޝުއަރ ފީއަކީ ކާޑު ދޫކޮށްފައިވާ ބޭންކުން، ބޭރު ފައިސާގެ މުއާމަލާތްތަކުން ނުވަތަ ރާއްޖޭން ބޭރުގައި ކުރާ މުއާމަލާތްތަކުން ނަގާ ފީއެކެވެ. ކާޑާ ގުޅިފައިވާ އެކައުންޓުގެ އަސްލު ފައިސާ ނޫން އެހެން ފައިސާއަކުން ވިޔަފާރިކުރުމުން ނުވަތަ ފައިސާ ނެގުމުން، އެ މުއާމަލާތްތައް ވިސާ ނުވަތަ މާސްޓަރކާޑު ފަދަ ބައިނަލްއަގުވާމީ ޕޭމަންޓް ނެޓްވޯކްތައް މެދުވެރިކޮށް ޕްރޮސެސްކުރަން ޖެހެއެވެ.
މިފަދަ މުއާމަލާތްތަކަށް ހިނގާ ހަރަދުތައް ފޫބެއްދުމަށްޓަކައި ބޭންކުން މުއާމަލާތުގެ ޖުމްލަ އަދަދުން ވަކި އިންސައްތައެއް މީގެ ކުރިން ނަގަމުންދިޔައެވެ. މިއީ ބައިނަލްއަގުވާމީ ގޮތުން ހުރިހާ ބޭންކުތަކަކުންވެސް ނަގާ ފީއެކެވެ. ބީއެމްއެލް އިން ކާޑުގެ ހިދުމަތް ތައާރަފުކުރީއްސުރެ މިއަދާ ހަމައަށްވެސް މި ފީ ދިޔައީ ނަގަމުންނެވެ.