ބޯހިޔާވަހިކަމުގެ ދުވަސްވީ މައްސަލަތަކުގައި ގޮތް ނިންމުން އޭޖީ އޮފީހަށް ބަދަލުކުރަނީ

ހުޅުމާލެ
ހުޅުމާލެ

އެކި ސަބަބުތަކާ ހުރެ ހައްލުނުވެ ދިގުލައިގެން ގޮސްފައިވާ ބޯހިޔާވަހިކަމުގެ މައްސަލަތަކުގައި ހައުސިން މިނިސްޓްރީން ސީދާ ގޮތް ނިންމުން ހުއްޓާލައި، އެފަދަ މައްސަލަތައް ބަންޑާރަ ނައިބުގެ އޮފީހުގެ ދަށުން ހިންގާ "އޮފީސް ފޯ ސިވިލް ރައިޓްސް" އަށް ފޮނުވުމަށް ނިންމައިފިއެވެ.

މިކަން ހާމަކުރައްވައި ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު ވިދާޅުވީ، ބޯހިޔާވަހިކަމުގެ މައްސަލަތަކަކީ އާންމުންގެ ދިރިއުޅުމާ ނުހަނު ބޮޑަށް ގުޅިފައިވާ ހައްސާސް ކަންކަމަށް ވާތީ، މި ބަދަލު ގެނައީ ވީހާވެސް ހާމަކަން ބޮޑު އަދި އިންސާފުވެރި ގޮތެއްގައި ކަންކަން ކުރިއަށް ގެންދިއުމަށް ކަމަށެވެ. މީގެ ފަހުން އެފަދަ މައްސަލަތަކުގައި މިނިސްޓްރީން އަމަލުކުރާނީ އެ އޮފީހުން ނިންމާ ގޮތެއްގެ މަތިން ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.

މި ބަދަލު ގެނައުމަށް ނިންމާފައި މިވަނީ، ހުޅުމާލެއިން ހެޔޮ އަގެއްގައި މީހަކަށް ބިމެއް ވިއްކި މައްސަލައެއް ސޯޝަލް މީޑިއާގައި ބޮޑުވެ، އާންމުންގެ މެދުގައި ކަންބޮޑުވުން އުފެދިފައިވާ ދަނޑިވަޅެއްގައެވެ. އެއީ މީގެ 23 އަހަރު ކުރިން، 2003 ވަނަ އަހަރު ހިންގި ސްކީމެއްގެ ދަށުން އަހުމަދު ޒާހިރު ނަމަކަށް ކިޔާ މީހަކަށް ލިބުނު 904 އަކަފޫޓުގެ ބިމެއްގެ މައްސަލައެކެވެ. އެ ބިން އޭނާއާ ހަވާލުނުކުރެވި ގިނަ ދުވަސްތަކެއް ވުމުން، މި ސަރުކާރުން ނިންމީ ކުރީގެ "ބިންވެރިޔާ ސްކީމް" ގެ ދަށުން ބާތިލުކުރި ބިމެއް އޭނާއަށް ދިނުމަށެވެ.

މި މުއާމަލާތުގައި އެއްވެސް ގޯހެއް ހިނގާފައިވޭތޯ ބެލުމަށް ހައުސިން މިނިސްޓްރީން މިހާރު ވަނީ އެ މައްސަލަ އަމިއްލައަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް ހުށަހަޅާފައެވެ. އަދި އެއްބަސްވުމުގައި ސޮއިކުރާނީ އޭސީސީގެ ލަފައާއި ގާނޫނީ ލަފާ ލިބުމުން ކަމަށް މިނިސްޓްރީން ބުނެއެވެ.

މާލެ ސަރަހައްދުގެ ބިންތަކުގެ އަގު ބޮޑުވެފައިވާއިރު، މިފަދަ ބަދަލުތައް ދިނުމަކީ ކޯޓުތަކުން ކަނޑައަޅާ ގޮތެއްގެ މަތިން ކުރަންޖެހޭ ކަމެއް ކަމަށް ގާނޫނީ ދާއިރާގެ ބައެއް ބޭފުޅުންވެސް ދެކެވަޑައިގަންނަވައެވެ. އެގޮތުން ސުޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރު ހުސްނުއްސުއޫދު ވެސް ވަނީ މިކަން ފާހަގަކުރައްވާފައެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!
ފަހުގެ