ދެކުނަށް ކުރަމުންދާ ވިއްސާރައިގައި ފޭދޫގެ 30 އަށް ވުރެ ގިނަ ގެއަކަށް ފެންވަދެ ގެއްލުންވެއްޖެ

ދެކުނުގެ އަތޮޅުތަކަށް ކުރަމުންދާ ވިއްސާރައިގައި ފޭދޫގެ ގެއެއްގައި ފެންބޮޑުވެފައި
ދެކުނުގެ އަތޮޅުތަކަށް ކުރަމުންދާ ވިއްސާރައިގައި ފޭދޫގެ ގެއެއްގައި ފެންބޮޑުވެފައި ފޮޓޯ: އެންޑީއެމްއޭ

ރާއްޖޭގެ ދެކުނުގެ އަތޮޅުތަކަށް މިއަދު ހެނދުނުން ފެށިގެން ކުރަމުންދާ ވިއްސާރައިގައި، އައްޑޫ ސިޓީ ފޭދޫގެ 30 އަށް ވުރެ ގިނަ ގެއަކަށް ފެންވަދެ ބޮޑެތި ގެއްލުންތަކެއް ވެއްޖެއެވެ.

ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ހާމަކުރި ގޮތުގައި، މި ވިއްސާރައިގައި ގއ. އަތޮޅާއި، ގދ. އަތޮޅާއި، ފުވައްމުލައް ސިޓީގެ އިތުރުން އައްޑޫ ސިޓީގެ އެކި ރަށްތަކަށް ވަނީ ބޯކޮށް ވާރޭވެހިފައެވެ. އަދި ބޯކޮށް ވާރޭވެހުމުގެ ސަބަބުން އެކި ވަރުގެ ގެއްލުންތައް ލިބިގެން އެ އިދާރާއަށް ރިޕޯޓުކޮށްފައިވާ ކަމަށް ވެސް ބުނެފައިވެއެވެ.

ފޭދޫގައި ފެންބޮޑުވުމާ ގުޅިގެން ލިބުނު ގެއްލުންތަކުގެ ތެރޭގައި، ޚާއްސަ އެހީއަށް ބޭނުންވާ ދެ މީހުން ހިމެނޭހެން ޖުމްލަ އަށް މީހުން ދިރިއުޅޭ ގެއަކަށް ފެންވަދެ، އެ ތަނުގައި ދިރިނޫޅެވޭ ވަރަށް ވަނީ ހާލަތު ގޯސްވެފައެވެ. އެންޑީއެމްއޭ އިން ބުނީ، އައްޑޫ ސިޓީ ކައުންސިލާ ގުޅިގެން އެ އާއިލާއަށް ބޭނުންވާ ވަގުތީ ބޯހިޔާވަހިކަމާއި ޒަރޫރީ އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތް މިހާރު ކުރަމުންދާ ކަމަށެވެ.

މީގެ އިތުރުން، އައްޑޫ ސިޓީގެ ރަށްރަށުގައި ފެންބޮޑުވުމާ ގުޅިގެން، ކައުންސިލްތަކާއި ދިވެހި ސިފައިން (އެމްއެންޑީއެފް) އަދި ފުލުހުން ގުޅިގެން ފެން ހިއްކުމުގެ މަސައްކަތް މެދުކެނޑުމެއް ނެތި ދަނީ ކުރަމުންނެވެ. މި މަސައްކަތުގައި އެކި މުއައްސަސާތަކުން ގުޅިގެން ހަރަކާތްތެރިވަމުންދާ ކަމަށް އެ އޮތޯރިޓީން ފާހަގަކުރެއެވެ.

މޫސުމާ ބެހޭ ގައުމީ އިދާރާއިން ވަނީ ދެކުނުގެ އަތޮޅުތަކަށް ރީނދޫ ސަމާލު ނެރެފައެވެ. އެންޑީއެމްއޭ އިން ބުނި ގޮތުގައި، އެ އޮތޯރިޓީން ދަނީ ދެކުނުގެ އަތޮޅުތަކުގެ ހާލަތު ވަރަށް ގާތުން މޮނިޓާކުރަމުންނެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!
ފަހުގެ