މޫސުން ގޯސްވެ، އޮޔާދިޔަ ދެ ބޯޓެއް ސިނަމާލެ ބްރިޖުގައި ޖެހުނު ހާދިސާގައި ބްރިޖުގެ މައި އޮނިގަނޑަށް (ސްޓްރަކްޗާއަށް) އެއްވެސް ގެއްލުމެއް ލިބިފައިނުވާ ކަމަށް ބިނާރާއި ގެދޮރުވެރިކަމާއި އިމާރާތްކުރުމާ ބެހޭ ވަޒީރު ޑރ. އަބްދުﷲ މުއްތަލިބް ވިދާޅުވެއްޖެއެވެ. ނަމަވެސް، މި ހާދިސާގެ ސަބަބުން ބްރިޖުގެ ބައެއް ތަންތަނުގައި ކުދި ރެނދުތަކެއް ލާފައިވާ ކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ.
މި ހާދިސާއާ ގުޅިގެން އެންވަޔަރަމަންޓަލް ރެގިއުލޭޓަރީ އޮތޯރިޓީ (އީއާރުއޭ) ގެ ޗީފް އެގްޒެކެޓިވް ހައްސާން މުހައްމަދު ވިދާޅުވީ، ދެ ބޯޓު ފަރަށް އެރުމާ ގުޅިގެން މާލޭގެ ފަރަށާއި ބްރިޖަށް ލިބުނު ގެއްލުންތައް ބެލުމަށް ހާއްސަ ތަހުގީގެއް ފަށާފައިވާ ކަމަށެވެ. ބްރިޖަށް ލިބުނު ކުދި ގެއްލުންތައް މަރާމާތު ކުރުމާ ގުޅޭގޮތުން ވަޒީރު މުއްތަލިބް ވިދާޅުވީ، ޗައިނާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން ވެފައިވާ މޮނިޓަރިން، އިންސްޕެކްޝަން އަދި މެއިންޓެނަންސް އެއްބަސްވުމުގެ ދަށުން އެސްއެޗްއީސީ (SHEC) އިން އެ މަރާމާތުތައް ކުރިއަށް ގެންދާނެ ކަމަށެވެ.
މިއީ ބޮޑު ނުރައްކަލަކުން ކިރިޔާ ސަލާމަތްވި ހާދިސާއެއްގެ ގޮތުގައި ސިފަކުރައްވައި، ވަޒީރު ވިދާޅުވީ މިފަދަ ހާދިސާތަކުން ބްރިޖު ފަދަ ނާޒުކު ބިނާތައް ރައްކާތެރިކުރުމަށް އަވަސް ފިޔަވަޅުތަކެއް އަޅަންޖެހޭ ކަމަށެވެ. އެގޮތުން، އޮޔާދާ އުޅަނދުފަހަރު ބްރިޖާ ހަމައަށް ފޯރުމުގެ ކުރިން ހިފެހެއްޓުމުގެ ގާބިލުކަން ހުރި ދެ ޓަގު ބޯޓު ހޯދުމުގެ މަސައްކަތް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން ކުރަމުންދާ ކަމަށް އޭނާ ވިދާޅުވިއެވެ. ކުރިއަށް އޮތް ދެ މަސްދުވަހުގެ ތެރޭގައި މި ޓަގުތައް ލިބޭނެ ކަމަށް ލަފާކުރެވެއެވެ.
މީގެ އިތުރުން، ބަނދަރުގައި އުޅަނދުފަހަރު އަޅާފައި ބެހެއްޓުމުގެ އިންތިޒާމުތައް މުރާޖައާކޮށް، ކޯސްޓްގާޑާއި ކަމާބެހޭ އެހެނިހެން އިދާރާތަކާ ގުޅިގެން ކުއްލި ހާލަތްތަކުގައި އަމަލުކުރާނެ ހާއްސަ އުސޫލުތަކެއް އެކުލަވާލުމުގެ މަސައްކަތް ކުރަމުންދާ ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ. މި ހާދިސާ ހިނގާފައިވަނީ މޫސުން ގޯސްވެ، ނަގިލި ކަހާލައިގެން ދެ ބޯޓެއް އޮޔާދިއުމުގެ ސަބަބުންނެވެ.