މަސްތުވާތަކެތި ބޭނުންކުރަން ގެ ދޫކުރި މީހަކަށް އިއްވި ހުކުމަކީ ލިބުނު ބޮޑު ކުރިއެރުމެއް: އިޙްސާން

ދާޚިލީ ސަލާމަތާއި މަސައްކަތްތެރިކަމާއި ފަންނިއްޔާތާ ބެހޭ ވަޒީރު ޢަލީ އިޙްސާން
ދާޚިލީ ސަލާމަތާއި މަސައްކަތްތެރިކަމާއި ފަންނިއްޔާތާ ބެހޭ ވަޒީރު ޢަލީ އިޙްސާން

މަސްތުވާތަކެތި ބޭނުންކުރުމާއި އޭގެ ވިޔަފާރިކުރުމަށް ފުރުޞަތުދީ، ގެއެއް ދޫކޮށްފައިވާ މައްސަލައެއްގައި ގޭގެ ވެރިފަރާތް ޒިންމާދާރުކުރުވައި ޖަލަށްލުމަށް ކުރި ހުކުމަކީ މަސްތުވާތަކެއްޗާ ދެކޮޅަށް ސަރުކާރުން ކުރަމުންދާ މަސައްކަތަށް ލިބުނު ވަރަށް ބޮޑު ކުރިއެރުމެއް ކަމަށް ދާޚިލީ ސަލާމަތާއި މަސައްކަތްތެރިކަމާއި ފަންނިއްޔާތާ ބެހޭ ވަޒީރު ޢަލީ އިޙްސާން ވިދާޅުވެއްޖެއެވެ.

ފުޅާ ދާއިރާއެއްގައި މަސްތުވާތަކެތީގެ ވިޔަފާރިކުރަމުންދިޔަ ގ. ޕެލިކަންގޭގެ މައްސަލާގައި، އެގޭގެ ކަންކަމާ ހަވާލުވެހުރި އިބްރާހިމް ނާޘިމްގެ މައްޗަށް ކުށް ސާބިތުވާކަމަށް ކަނޑައަޅައި، ކްރިމިނަލް ކޯޓުން ވަނީ އޭނާ 10 އަހަރަށް ޖަލަށްލުމަށް ހުކުމްކޮށްފައެވެ. މިއީ ރާއްޖޭގައި މިފަދަ މައްސަލައެއްގައި ގެއެއްގެ ވެރިފަރާތް ނުވަތަ އެތަނެއްގެ މަސްއޫލިއްޔަތު އުފުލާ ފަރާތެއްގެ މައްޗަށް ދައުވާކޮށް، ކުށް ސާބިތުވި ފުރަތަމަ ފަހަރެވެ.

މި ހުކުމާ ގުޅިގެން ދާޚިލީ ވަޒީރު ޢަލީ އިޙްސާން މީސްމީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އިރުޝާދުގެ ދަށުން މަސްތުވާތަކެތީގެ ޤާނޫނު ހަރުދަނާކުރެވިފައިވާ ކަމަށެވެ. އެގޮތުން މަސްތުވާތަކެތި ބޭނުންކުރުމަށް ނުވަތަ ވިޔަފާރިކުރުމަށް ތަންތަން ދޫކުރާ ފަރާތްތަކަށްވެސް ޖަލު އަދަބު ދެވޭނެކަން މިހާރު ކަށަވަރުވެފައިވާ ކަމަށް ވަޒީރު ވިދާޅުވިއެވެ.

ވަޒީރު އިތުރަށް ވިދާޅުވީ، މިއީ ރާއްޖެއަށް ދިމާވެފައިވާ މަސްތުވާތަކެތީގެ ވަބާއަށް ދާއިމީ ހައްލެއް ހޯދުމަށް ރައީސް ކުރައްވާ މަސައްކަތްޕުޅަށް ލިބުނު މުހިންމު ކާމިޔާބީއެއް ކަމަށެވެ. އަދި މި މައްސަލަ ހުށަހަޅައި، ފުރިހަމަ ތަހުޤީޤެއް ހިންގި ފުލުހުންގެ ޓީމަށް ވަޒީރު ވަނީ ޝުކުރު އަދާކުރައްވައި ތަޢުރީފު ކުރައްވާފައެވެ.

ގ. ޕެލިކަންއަކީ 2019 ވަނަ އަހަރުން ފެށިގެން ފުލުހުން ހިންގި ބޮޑެތި އޮޕަރޭޝަންތަކެއްގައި މަސްތުވާތަކެތީގެ ހާއްޔެއްގެ ގޮތުގައި ފާހަގަކުރެވި، ބަންދުކޮށްފައިވާ ގެއެކެވެ. އެގޭގައި މަސްތުވާތަކެތި ވިއްކުމާއި ބޭނުންކުރުމުގެ ކާޓެލްއެއް ހިންގަމުންދިޔަ ކަމަށް ފުލުހުންގެ ތަހުޤީޤުތަކުން ހާމަވެފައިވެއެވެ. އެކި ފަހަރުމަތިން އެގެއަށް ފުލުހުން ވަދެ، ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއެކު މީހުން ހައްޔަރުކޮށްފައިވެއެވެ.

މި މައްސަލާގައި ދައުލަތުން ކުރި ދައުވާގައި ބުނެފައިވަނީ، އިބްރާހިމް ނާޘިމްގެ ބެލުމުގެ ދަށުގައި ހުރި އެގޭގައި މަސްތުވާތަކެތި ބޭނުންކޮށް، އޭގެ ވިޔަފާރިކުރާކަން އެނގިހުރެ ނުވަތަ އެކަން އެނގޭނެ ފުރުޞަތު އޮވެމެ، އޭނާ އެކަމަށް ހުއްދަދީ ހިތްވަރުދީފައިވާ ކަމަށެވެ. ކޯޓުން ކުރި ހުކުމުގައި ވަނީ މަސްތުވާތަކެއްޗާ ބެހޭ ޤާނޫނުގެ 127 ވަނަ މާއްދާގެ ދަށުން އޭނާ ކުށްވެރިވެއްޖެ ކަމަށް ކަނޑައަޅައި، 10 އަހަރުގެ ޖަލު ހުކުމެއް އިއްވާފައެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!
ފަހުގެ