ވިއްސާރައިގައި އައްޑޫ ފޭދޫގެ 70 އަށްވުރެ ގިނަ ގެއަށް ގެއްލުންވެއްޖެ

ދެކުނުގެ އަތޮޅުތަކަށް ކުރަމުންދާ ވިއްސާރައިގައި ފޭދޫގެ ގެއެއްގައި ފެންބޮޑުވެފައި
ދެކުނުގެ އަތޮޅުތަކަށް ކުރަމުންދާ ވިއްސާރައިގައި ފޭދޫގެ ގެއެއްގައި ފެންބޮޑުވެފައި ފޮޓޯ: އެންޑީއެމްއޭ

ރާއްޖެއަށް މިހާރު ކުރަމުންދާ ހުޅަނގު މޫސުމުގެ ވިއްސާރައިގައި، އައްޑޫ ސިޓީ ފޭދޫގެ 70 އަށްވުރެ ގިނަ ގެއަކަށް ފެންވަދެ އެކި ވަރުގެ ގެއްލުންތައް ލިބިފައިވާ ކަމަށް ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ހާމަކޮށްފިއެވެ. ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ރާއްޖޭގެ އެކި ހިސާބުތަކަށް ބޯކޮށް ވާރޭވެހި، ފެންބޮޑުވުމުގެ ގިނަ ހާދިސާތަކެއް ވަނީ ހިނގާފައެވެ.

އެންޑީއެމްއޭއިން މައުލޫމާތު ދެއްވި ގޮތުގައި، ފޭދޫގެ ގިނަ ގެތަކަކަށް ފެންވަދެފައިވާއިރު، އޭގެ ތެރެއިން އެއް ގެއެއްގައި ދިރިނޫޅެވޭ ވަރަށް ހާލަތު ގޯސްވުމުގެ ސަބަބުން އެ ގޭގައި އުޅޭ 8 މީހަކު ވަނީ ވަގުތީ ބޯހިޔާހިކަމަށް ބަދަލުކޮށްފައެވެ. މީގެ އިތުރުން، އައްޑޫ ސިޓީ މަރަދޫގެ ދެ ގެއަކަށް ފެންވަދެގެންވެސް ރިޕޯޓުކޮށްފައިވާ ކަމަށް އެ އިދާރާއިން ބުނެއެވެ.

އައްޑޫގެ އިތުރުން ފުވައްމުލައް ސިޓީއާއި، ގއ. އަތޮޅާއި، ގދ. އަތޮޅުގެ އިތުރުން މެދުރާއްޖެތެރޭގެ ބައެއް ރަށްތަކަށްވެސް ދަނީ މެދުނުކެނޑި ވިއްސާރަކުރަމުންނެވެ. ހާއްސަކޮށް ފުވައްމުލަކަށް ބޯކޮށް ވާރޭވެހި ރަށުގެ ބޮޑު ސަރަހައްދެއްގައި ފެންބޮޑުވެފައިވާތީ، ފެންހިންދުމުގެ މަސައްކަތް ސިފައިންނާއި ފުލުހުން އަދި ކައުންސިލްތައް ގުޅިގެން ދަނީ ކުރަމުންނެވެ. އަދި ގެތަކަށާއި ފިހާރަތަކަށް ފެންވަނުން ހުއްޓުވުމަށް ވެލިބަސްތާ ޖެހުމުގެ މަސައްކަތްވެސް ކުރިއަށްދާ ކަމަށް އެންޑީއެމްއޭއިން ބުނެއެވެ.

މޫސުމާ ބެހޭ ގައުމީ އިދާރާއިން ލަފާކުރާ ގޮތުގައި ކުރިއަށް އޮތް ދުވަސްތަކުގައިވެސް ރާއްޖޭގެ ބޮޑު ބަޔަކަށް ވިއްސާރަކޮށް މޫސުން ގޯސްވާނެއެވެ. އެހެންކަމުން، ކަނޑުދަތުރުފަތުރު ކުރުމުގައާއި ފެންބޮޑުވުމުގެ ސަބަބުން ލިބިދާނެ ގެއްލުންތަކުން ރައްކާތެރިވުމަށް ހުރިހާ ފަރާތްތަކުންވެސް ހާއްސަ ސަމާލުކަމެއް ދިނުމަށް ކަމާބެހޭ އިދާރާތަކުން ވަނީ އިލްތިމާސްކޮށްފައެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!
ފަހުގެ