ދަރިވަރުން އުނގެނޭ މިންވަރު އިތުރުކުރުމަށްޓަކައި، އަންނަ އަހަރުން ފެށިގެން ކީ ސްޓޭޖް އެކެއްގެ ފޮތްތަކަށް ބޮޑެތި ބަދަލުތަކެއް ގެނައުމަށް ނިންމާފައިވާ ކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއީލް ޝަފީއު ވިދާޅުވެއްޖެއެވެ. މިނިސްޓަރު މިހެން ވިދާޅުވީ މިއަދު ފެށި އަށްވަނަ އިންޓަނޭޝަނަލް ޓީޗާސް ކޮންފަރެންސް ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުންނެވެ.
މިނިސްޓަރު ވިދާޅުވީ، ފޮތްތަކަށް ބަދަލު ގެނައި ނަމަވެސް، ތައުލީމީ ދާއިރާއަށް ހަގީގީ ބަދަލެއް ގެނެވޭނީ މުދައްރިސުންގެ ބުރަ މަސައްކަތުން ކަމަށެވެ. އަދި މި ޒަމާނުގެ ޓެކްނޮލޮޖީއާއި، ވަޒީފާގެ ބާޒާރަށް އަންނަމުންދާ ބަދަލުތަކުގެ އިތުރުން އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ގެ ބޭނުން ހިފާ މިންވަރު އިތުރުވަމުންދާ ދަނޑިވަޅެއްގައި، ދަރިވަރުން އެކަންކަމަށް ތައްޔާރުކުރުމަށްޓަކައި ޓީޗަރުން އަހުލުވެރިވުމަކީ މުހިންމު ކަމެއްކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
މި ކޮންފަރެންސްގެ މައިގަނޑު މަގްސަދަކީ ސިޔާސަތުތަކަށް އަންނަ ބަދަލުތަކާއި، ކިޔަވައިދޭ ގޮތްތަކާއި، ދިރާސާތައް އެއް ފުރާޅެއްގެ ދަށުން ގުޅުވައިދިނުން ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. މީގެ އިތުރުން، ތައުލީމީ ދާއިރާ ހަރުދަނާކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކުގެ ދަށުން، މިހާރު ވެސް ކިޔަވައިދޭ ކޮންޓެންޓަށް ބަދަލުތައް ގެންނަމުންދާ ކަމަށް ވިދާޅުވިއެވެ.
ސާނަވީ ތައުލީމު ނިންމުމަށްފަހު މަތީ ސާނަވީއަށް ކިޔަވަންދާ ދަރިވަރުންގެ ނިސްބަތް އިތުރުކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކަށް ވެސް މިނިސްޓަރު އަލިއަޅުއްވާލެއްވިއެވެ. އެގޮތުން، ކުރިން 40 އިންސައްތައިގައި ހުރި އެ ނިސްބަތް މިހާރު 50 އިންސައްތައަށް މަތިކުރެވިފައިވާ ކަމަށާއި، މާލޭ ވޮކޭޝަނަލް ހައި ސްކޫލް ހުޅުވުމާއެކު އެ އަދަދު 60 އިންސައްތައަށް އުފުލިގެންދާނެ ކަމަށް އުންމީދުކުރައްވާ ކަމަށް ވިދާޅުވިއެވެ.