ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި ފެންބޮޑުވުމުގެ ހާދިސާތައް ހިނގަމުންދާތީ، އާންމު ސާފުތާހިރުކަމަށް ހާއްސަ ސަމާލުކަމެއް ދިނުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އިލްތިމާސްކޮށްފިއެވެ.
އެޗްޕީއޭއިން މިއަދު ނެރުނު އިރުޝާދުތަކުގައި ބުނެފައިވަނީ، ބުއިމަށާއި ކެއްކުމުގެ އިތުރުން ތަށި ދޮވުން ފަދަ ޒަރޫރީ ބޭނުންތަކަށް ފުޅީގައި ބަންދުކޮށްފައިވާ ފެން ނުވަތަ ކައްކާފައިވާ ވާރޭފެން ނުވަތަ ސަޕްލައި ފެން ބޭނުންކުރުމަށް އިސްކަންދޭންޖެހޭނެ ކަމަށެވެ. އަދި ނަރުދަމާ ނިޒާމަށް މައްސަލަ ދިމާވެ، ޖަންގްޝަންތަކުން ފެން ބޭރުވާނަމަ، ފެންވެރުމަށް ވަޅުފެން ބޭނުންކުރުމުގެ ކުރިން ކްލޮރިން ކުރުމަށް އެ އިދާރާއިން ވަނީ އިރުޝާދު ދީފައެވެ. މިފަދަ ހާލަތެއް ދިމާވެއްޖެނަމަ، ކަމާބެހޭ ޕަބްލިކް ހެލްތު ޔުނިޓަށް އެންގުމަށްވެސް އެދިފައިވެއެވެ.
މީގެއިތުރުން، މަގުތަކުގައި ހެދިފައި ހުންނަ ފެންގަނޑުތަކަށް ކުޑަކުދިން އެރި އުޅުނަނުދިނުމަށް އެޗްޕީއޭއިން ވަނީ އިލްތިމާސްކޮށްފައެވެ. އަދި ކާބޯތަކެތި ތައްޔާރުކުރުމުގެ ކުރިންނާއި، ކެއުމުގެ ކުރިން އަދި ފާހަނާ ބޭނުންކުރުމަށްފަހު ސައިބޯނިލައިގެން ރަނގަޅަށް އަތްދޮވުމަށް ހާއްސަ ސަމާލުކަމެއް ދިނުމަށްވެސް އެ އިދާރާއިން ހަނދާންކޮށްދެއެވެ.
ވިއްސާރަ ދުވަސްވަރު ފެތުރިދާނެ ބަލިތަކުން ރައްކާތެރިވުމަށްޓަކައި، އާންމު ސާފުތާހިރުކަމުގެ މިންގަނޑުތަކަށް ހުރިހާ ފަރާތްތަކުންވެސް ސަމާލުވުމަކީ މުހިންމު ކަމެކެވެ.