ރާއްޖެ އިސްލާމްވިތާ 900 އަހަރު (9 ޤަރުނު) ފުރުމުގެ މުނާސަބަތު ފާހަގަކުރުމަށް ބޭނުންކުރާނެ ރަސްމީ ލޯގޯއާއި ޝިއާރު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިފްތިތާޙްކޮށްދެއްވައިފިއެވެ.
މި ލޯގޯއާއި ޝިއާރު އިފްތިތާހުކޮށްދެއްވީ ރާއްޖެ އިސްލާމްވި ދުވަހުގެ މުނާސަބަތުގައި ބޭއްވި ރަސްމީ ޖަލްސާގައެވެ. މި މުނާސަބަތަށް ކަނޑައަޅާފައިވާ ރަސްމީ ޝިއާރަކީ "އިސްލާމީ ނޫރުގައި 9 ޤަރުނު - ދިވެހީންގެ ނަސީބާއި އުފާ" އެވެ. މި ލޯގޯއަކީ ކުރިއަށް އޮތް އެއް އަހަރު ދުވަހުގެ ތެރޭގައި ބާއްވާ އެކި ހަރަކާތްތަކުގައި ބޭނުންކުރުމަށް ހަމަޖެހިފައިވާ ލޯގޯއެކެވެ.
މި މުނާސަބަތާ ގުޅުވައިގެން މުޅި އަހަރަށް ބަހާލައިގެން ތަފާތު 15 ހަރަކާތެއް ކުރިއަށްގެންދިއުމަށް ވަނީ ރާވާފައެވެ. މީގެ ތެރޭގައި މާލެ ސަރަހައްދާއި އަތޮޅުތަކުގައި ހުރިހާ އުމުރުފުރާގެ މީހުންނަށް ބައިވެރިވެވޭ ގޮތަށް ތަފާތު ހަރަކާތްތައް ހިންގުމަށް ވަނީ ނިންމާފައެވެ. އޭގެ ތެރޭގައި މާލޭގައި 900 އަހަރުގެ ރަމްޒީ ބިނާއެއް (މޮނިއުމަންޓެއް) ބިނާކުރުމުގެ މަސައްކަތް ފެށުން ހިމެނެއެވެ.
މީގެ އިތުރުން ބައިނަލްއަގުވާމީ އިސްލާމީ ޓްރޭޑް ފެއާއަކާއި، ގައުމީ ގުރުއާން ކިޔެވުމުގެ ފެސްޓިވަލެއްގެ އިތުރުން އިސްލާމީ ސޮލިޑަރިޓީ ގޭމްސްގެ ނަމުގައި ކުޅިވަރު ހަރަކާތްތަކެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. އަދި އިސްލާމީ ކެލިގްރަފީ ފެސްޓިވަލަކާއި، އިސްލާމީ ފިލްމު ފެސްޓިވަލެއްގެ އިތުރުން ޒުވާނުންނަށް ހާއްސަކޮށްގެން "ޒުވާނުންގެ އިސްލާމީ ތަރިކަ ކޭމްޕް" އެއް ކުރިއަށްގެންދިއުމަށް ވެސް ވަނީ ރާވާފައެވެ.
ދިވެހިރާއްޖޭގެ އިސްލާމީ ތާރީހީ ތަރިކަ ދިރުވުމުގެ ގޮތުން އިސްލާމީ ތާރީހުގެ މިއުޒިއަމް ގެލެރީއެއް ގާއިމުކުރުމާއި، އަތޮޅު ފެންވަރުގައި ދީނީ މަހާސިންތާތައް ބޭއްވުމާއި، އިމާރާތްކުރުމުގައި ދިވެހި އިސްލާމީ ފަރުމާތައް ބޭނުންކުރުމުގެ މުބާރާތެއް ބޭއްވުން ހިމެނެއެވެ. އަދި ހިރިގަލުގެ މިސްކިތްތަކުގެ އާކިޓެކްޗާ ދައްކުވައިދޭ "ދިވެހި އިސްލާމީ ބިނާތައް" ނަމުގައި ފޮޓޯ ފޮތެއް ޝާއިއުކުރުމަށް ވެސް ވަނީ ނިންމާފައެވެ.
ފަންނާއި ސަގާފަތާއި ތަރިކައާ ބެހޭ ވުޒާރާއިން ހާމަކުރި ގޮތުގައި، މި ހަރަކާތްތަކަކީ ރާއްޖެއާއި ރާއްޖެއިން ބޭރުގެ ސަމާލުކަން ލިބޭނެ ފަދަ ހަރަކާތްތަކެކެވެ. މި ހަރަކާތްތަކުގެ މައިގަނޑު މަގުސަދަކީ ރާއްޖޭގެ އިސްލާމީ ތަރިކަ ރައްކާތެރިކޮށް، އިސްލާމީ ފަންނާއި އިލްމީ ދިރާސާތައް ކުރިއަރުވައި، އަންނަން އޮތް ޖީލުތަކުގެ މެދުގައި އިސްލާމީ އަގީދާއާއި ދީނީ އެއްބައިވަންތަކަން ވަރުގަދަކުރުމެވެ.