ޤައުމީ ވަޤުފު ކުންފުންޏާއެކު ދީނީ މައިދާނަށް އާ ދިރުމެއް ލިބޭނެ: ރައީސް

ރާއްޖެ އިސްލާމްވިތާ 900 އަހަރު ފުރުން ފާހަގަކުރުމަށް ބޭއްވި ރަސްމީ ޖަލްސާގެ ތެރެއިން ފޮޓޯ: ރައީސް އޮފީސް
ރާއްޖެ އިސްލާމްވިތާ 900 އަހަރު ފުރުން ފާހަގަކުރުމަށް ބޭއްވި ރަސްމީ ޖަލްސާގެ ތެރެއިން ފޮޓޯ: ރައީސް އޮފީސް

ރާއްޖޭގައި ދީނީ ކަންކަމަށް ކުރާ ހޭދަ އިތުރުކުރުމަށާއި މިސްކިތްތައް ބިނާކޮށް ބެލެހެއްޓުމަށް އަލަށް އުފެއްދެވި ޤައުމީ ވަޤުފު ކުންފުނީގެ ސަބަބުން، ރާއްޖޭގެ ދީނީ މައިދާނަށް އާ ދިރުމެއް ލިބިގެންދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ރާއްޖެ އިސްލާމްވިތާ 900 އަހަރު ފުރުން ފާހަގަކުރުމަށް ބޭއްވި ރަސްމީ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، "މޯލްޑިވްސް އައުޤާފް އިންވެސްޓްމަންޓްސް ލިމިޓެޑް" ގެ ނަމުގައި ސަރުކާރުގެ ކުންފުންޏެއް އުފެއްދެވީ ކުންފުނީގެ ޤާނޫނުގެ ދަށުން ރައީސުލްޖުމްހޫރިއްޔާއަށް ލިބިވަޑައިގަންނަވާ އިޚުތިޔާރުގެ ދަށުން ޚާއްޞަ ޤަރާރަކުން ކަމަށެވެ. ވަޤުފުގެ ނިޒާމަކީ އިސްލާމީ ތާރީޚުގައި އިޖުތިމާޢީ އަދި އިޤުތިޞާދީ ގޮތުން ބޮޑެތި މަންފާތަކެއް މުޖުތަމަޢަށް ފޯރުކޮށްދީފައިވާ މުހިންމު ނިޒާމެއްކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

މި ކުންފުނީގެ މައިގަނޑު މަޤްޞަދަކީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މިސްކިތްތައް ބިނާކުރުމާއި، އާބާތުރަ ފިލުވައި މަރާމާތުކުރުމުގެ އިތުރުން، ވަޤުފު އިމާރާތްތައް ބިނާކޮށް ބެލެހެއްޓުމެވެ. މީގެ އިތުރުން، އިސްލާމީ ޝަރީޢަތް ހުއްދަކުރާ ވިޔަފާރީގެ އެކި ހަރަކާތްތައް ހިންގައި، އޭގެއިން ލިބޭ ނަފާ ދީނީ ކަންކަމަށް ހޭދަކުރުމަކީވެސް މި ކުންފުނީގެ މުހިންމު ދައުރެކެވެ. ރައީސް ވިދާޅުވި ގޮތުގައި، މި ކުންފުނި ވެގެންދާނީ 2040 ވަނަ އަހަރާ ހަމައަށް ރާއްޖެ ތަރައްޤީވެފައިވާ ޤައުމުތަކުގެ ސަފަށް ގެންދިއުމަށް ކުރެވޭ މަސައްކަތުގައިވެސް މުހިންމު ބައިވެރިއަކަށެވެ.

ރައީސުލްޖުމްހޫރިއްޔާގެ ޤަރާރުގައިވާ ގޮތުން، މި ކުންފުނީގެ ރައުސްމާލަކީ 100 މިލިއަން ރުފިޔާއެވެ. މިއީ 100 ރުފިޔާގެ މަގުން ބަހާލެވިފައިވާ 1,000,000 (އެއް މިލިއަން) ޚިއްޞާއެވެ. ކުންފުނީގެ ދަރަންޏަށް ސަރުކާރުން ޒިންމާވާނީ، ކުންފުނީގެ ރައުސްމާލުގެ ތެރެއިން ސަރުކާރުން ދައްކާފައިނުވާ މިންވަރަކަށެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!
ފަހުގެ