ހުޅުމާލޭގައި އަލަށް ބިނާކުރުމަށް ހަމަޖެހިފައިވާ ރާއްޖޭގެ އެންމެ ބޮޑު މިސްކިތް، ދިވެހިރާއްޖެ އިސްލާމްކުރެއްވި ފުރަތަމަ ރަސްގެފާނު ސުލްތާން މުހައްމަދު ބިން އަބްދުﷲ ގެ ނަންފުޅަށް ހާއްސަކުރުމަށް ނިންމައިފިއެވެ. "ސުލްތާން މުހައްމަދު ބިން އަބްދުﷲ ގްރޭންޑް މޮސްކް އެންޑް އިސްލާމިކް ސިވިލައިޒޭޝަން ސެންޓަރު" ގެ ބިންގާ އެޅުމުގެ ރަސްމިއްޔާތު ބޭއްވުމަށް ހަމަޖެހިފައިވަނީ ރާއްޖެ އިސްލާމްވިތާ 900 އަހަރު ފުރުމުގެ މުނާސަބަތާ ގުޅުވައިގެންނެވެ.
ހުޅުމާލޭގެ ދެވަނަ ފިޔަވައްސާއި ތިންވަނަ ފިޔަވަހި ގުޅޭ ސަރަހައްދުގައި އިމާރާތްކުރާ މި މިސްކިތް ބިނާކުރުމަށް ބޭނުންވާ ބިން މިހާރު ވަނީ ސައުދީ އަރަބިއްޔާގެ އަލް ރާޖީ ކުންފުންޏާ ހަވާލުކޮށްފައެވެ. މި މަޝްރޫއަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިއަހަރުގެ ރައްޔިތުންގެ މަޖިލިސް ހުޅުވުމުގެ ރަސްމިއްޔާތުގައި އިއުލާންކުރެއްވި މުހިންމު މަޝްރޫއެކެވެ. ސަރުކާރުގެ އަމާޒަކީ ކުރިއަށް އޮތް ދެ އަހަރު ދުވަހުގެ ތެރޭގައި މިސްކިތުގެ މަސައްކަތް އެއްކޮށް ނިންމާލުމެވެ.
އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވި ގޮތުގައި، މި މަރުކަޒަކީ ހަމައެކަނި އަޅުކަންކުރާ ތަނެއްގެ ބަދަލުގައި ރާއްޖޭގެ އިސްލާމީ ތާރީހާއި ސަގާފަތް ދައްކުވައިދޭ ފަތުރުވެރިކަމުގެ މަންޒިލަކަށް ވެގެންދާނެއެވެ. އެއްފަހަރާ 10،000 އަށް ވުރެ ގިނަ މީހުންނަށް ނަމާދުކުރެވޭ މި މިސްކިތް ކޮމްޕްލެކްސްގައި އިސްލާމީ ކުތުބުހާނާއަކާއި، ގުރުއާނާ ބެހޭ ދާރުލްއާސާރަކާއި، ތައުލީމީ މަރުކަޒެއްގެ އިތުރުން މަލްޓިޕާޕަސް ހޯލަކާއި ފިހާރަތައް ހިމެނެއެވެ.
މި މަޝްރޫއަށް ބޭނުންވާ މާލީ އެހީތެރިކަން ފޯރުކޮށްދެނީ ސައުދީގެ އަލް ރާޖީ ކުންފުންޏާ ގުޅިގެންނެވެ. އަދި މިސްކިތް ދެމެހެއްޓެނިވި ގޮތެއްގައި ހިންގުމަށްޓަކައި ހާއްސަ ވަގުފުތަކެއް ވެސް މި ކޮމްޕްލެކްސްގައި ގާއިމުކުރުމަށް ވަނީ ހަމަޖެހިފައެވެ.