ރާއްޖޭގެ މިނިވަންކަމުގެ އަސާސަކީ އިސްލާމްދީން: ރައީސް

ރާއްޖެ އިސްލާމްވިތާ ހިޖުރީގޮތުން 900 އަހަރު ފުރުން ފާހަގަކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން ފޮޓޯ: ރައީސުލްޖުމްހޫރިއްޔާގެ އޮފީސް
ރާއްޖެ އިސްލާމްވިތާ ހިޖުރީގޮތުން 900 އަހަރު ފުރުން ފާހަގަކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން ފޮޓޯ: ރައީސުލްޖުމްހޫރިއްޔާގެ އޮފީސް

ދިވެހިރާއްޖޭގެ ސަޤާފީ ސިޔާދަތާއި މިނިވަންކަމުގެ އަސްލަކީ މާތްވެގެންވާ އިސްލާމްދީން ކަމަށާއި، ޤައުމަށް އޮތް އެންމެ ބޮޑު ރައްކާތެރިކަމަކީ ސައްތައިން ސައްތަ އިސްލާމީ ދައުލަތެއްގެ ގޮތުގައި ދެމިއޮތުން ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ ރާއްޖެ އިސްލާމްވިތާ ހިޖުރީގޮތުން 900 އަހަރު ފުރުން ފާހަގަކުރުމަށް ހުޅުމާލޭ ސެންޓްރަލް ޕާކުގައި ބޭއްވި ރަސްމީ ޖަލްސާގައި ވާހަކަފުޅުދައްކަވަމުންނެވެ.

ރައީސްގެ ވާހަކަފުޅުގައި، އިސްލާމްދީނުގެ ސަބަބުން ދިވެހިންގެ ފަރުދީ، އިޖުތިމާޢީ އަދި ޤައުމީ ޙަޔާތަށް ލިބިފައިވާ ހިމާޔަތާއި ރައްކާތެރިކަމުގެ މައްޗަށް އަލިއަޅުއްވާލެއްވިއެވެ. ޚާއްޞަކޮށް، އިސްލާމީ ޝަރީޢަތުގެ މައިގަނޑު ފަސް މަޤުޞަދުގެ ސަބަބުން ދިވެހި މުޖުތަމަޢަކީ އަމާން އަދި އިތުބާރު ބޮޑު ތަނަކަށް ވެގެންދިޔަކަން ފާހަގަކުރެއްވިއެވެ. އަދި އިސްލާމީ ހިދާޔަތުގެ ސަބަބުން ޖާހިލިއްޔަތުގެ އަނދިރިކަމާއި ނަހަމަކަން ނެތިގޮސް، އިންސާނީ ފުރާނައާއި އަބުރާއި މުދަލުގެ ރައްކާތެރިކަން ކަށަވަރުވެގެންދިޔަ ކަމަށް ވިދާޅުވިއެވެ.

ބުއްދި ރައްކާތެރިކުރުމުގެ މުހިންމުކަމާ ގުޅޭގޮތުން ވާހަކަފުޅުދައްކަވަމުން، މަސްތުވާތަކެއްޗަކީ މުޅި މުޖުތަމަޢާއި އާއިލާތައް ސުންނާފަތިކުރާ ބޮޑު ވަބާއެއްކަން ރައީސް ފާހަގަކުރެއްވިއެވެ. މިފަދަ ނުރައްކާތަކުން ޤައުމު ސަލާމަތްކުރެވޭނީ އިސްލާމީ ތަރުބިއްޔަތުގައި ހިފަހައްޓައިގެން ކަމަށާއި، އުފެއްދުންތެރި އަދި ޙިކްމަތްތެރި ޖީލެއް ބިނާކުރުމަށް އެންމެން ގުޅިގެން މަސައްކަތްކުރުމަށް އެމަނިކުފާނު އިލްތިމާސްކުރެއްވިއެވެ.

މި ޖަލްސާގައި ރައީސް ވަނީ ދީނީ ކަންކަމަށާއި އިޖުތިމާޢީ އަދި ޢުމްރާނީ ތަރައްޤީއަށް ޚާއްޞަކޮށްގެން "މޯލްޑިވްސް އައުޤާފް އިންވެސްޓްމަންޓްސް ލިމިޓެޑް" ގެ ނަމުގައި ޤައުމީ ވަޤުފު ކުންފުންޏެއް އުފެއްދެވިކަން އިޢުލާނުކުރައްވާފައެވެ. މި ކުންފުންޏަކީ ދީނީ ދާއިރާއަށް އާ ދިރުމެއް ގެނެސްދޭނެ ވަސީލަތެއް ކަމަށާއި، 2040 ވަނަ އަހަރާ ހަމައަށް ރާއްޖެއަކީ ތަރައްޤީވެފައިވާ ޤައުމަކަށް ހެދުމަށް ކުރާ މަސައްކަތުގައި މި ކުންފުނިން މުހިންމު ދައުރެއް އަދާކުރާނެ ކަމަށް ވިދާޅުވިއެވެ.

ތާރީޚީ ކަންކަމަށް ބައްލަވާލައްވަމުން ރައީސް ވިދާޅުވީ، ދިވެހިން ޤައުމުގެ ދިފާޢުގައި ނުކުތް ކޮންމެ ފަހަރަކުވެސް އެކަން ފެށިފައިވަނީ ދީނީ ރޫޙުގެ ތެރެއިން ކަމަށެވެ. އުތީމު ބޮޑުތަކުރުފާނު ޕޯޗުގީޒުންނާ ދެކޮޅަށް ކުރެއްވި ޖިހާދުން މިސާލު ދައްކަވަމުން، އެ ދުވަހު ދިވެހިންނަށް ކާމިޔާބުލިބުނީ އެންމެން އެއްބައިވެ، ދީނަށް ޣައްދާރުވާނެ ބަޔަކު ދިވެހިންގެ ތެރޭގައި ނެތުމުން ކަމަށް ވިދާޅުވިއެވެ.

މި ރަސްމިއްޔާތުގައި ރާއްޖެ އިސްލާމްވިތާ 900 އަހަރު ފުރުމުގެ މުނާސަބަތުގައި ކުރިއަށް އޮތް އެއް އަހަރު ދުވަހު ބޭނުންކުރާނެ ޚާއްޞަ ލޯގޯއާއި ޝިޢާރު ރައީސް އިފްތިތާޙްކޮށްދެއްވިއެވެ. މި ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދާއި، ނައިބު ރައީސް ޙުސައިން މުޙައްމަދު ލަޠީފާއި، ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުﷲ ގެ އިތުރުން ދައުލަތުގެ ވަޒީރުންނާއި ބޭރުގެ ސަފީރުން ބައިވެރިވެވަޑައިގެންނެވިއެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!
ފަހުގެ