މުޅި ރާއްޖެއަށް މޫސުން ގޯސްވެ، ސަމާލުވުމަށް އިލްތިމާސްކޮށްފި

ވިއްސާރަ ދުވަހެއްގައި މާލޭގެ މަގުމަތި، ފޮޓޯ: އަވަސް
ވިއްސާރަ ދުވަހެއްގައި މާލޭގެ މަގުމަތި، ފޮޓޯ: އަވަސް

ރާއްޖޭގެ އެކި ހިސާބުތަކަށް މިހާރު ކުރަމުންދާ ވިއްސާރައިގައި، މިއަދު މުޅި ރާއްޖެއަށް މޫސުން ގޯސްވާނެ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް އޮފީސް) އިން ހާމަކޮށްފިއެވެ. މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް އެ އިދާރާއިން ވަނީ މިއަދު މެންދުރުފަހު 14:00 އާ ހަމައަށް މުޅި ރާއްޖެއަށް ހުދު ސަމާލު ވެސް ނެރެފައެވެ.

މެޓް އޮފީހުން ލަފާކުރާ ގޮތުގައި މިއަދު މުޅި ރާއްޖެއަށް ބޯކޮށް ވާރޭވެހުމާއެކު ގުގުރާނެއެވެ. އަދި ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައިގަދަވާނެ ކަމަށް ވެސް އެ އިދާރާއިން ލަފާކުރެއެވެ. މިއަދު އިރުއޮއްސި 18:00 އާ ހަމައަށް މޫސުން ކުރިއަށް ލަފާކުރާ ގޮތަށް ބަލާއިރު، ރާއްޖޭގެ ބޮޑު ބަޔަކަށް ވިއްސާރަކޮށް، ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހުން އެކަށީގެންވެއެވެ.

ވައިގެ ބާރުމިނަށް ބަލާއިރު، މެދުރާއްޖެތެރެއާއި އުތުރުގެ އަތޮޅުތަކަށް ހުޅަނގާއި ހުޅަނގު އުތުރުން، އަދި ދެކުނުގެ އަތޮޅުތަކަށް ހުޅަނގުދެކުނާއި ހުޅަނގުން ގަޑިއަކު 13 މޭލާއި 23 މޭލާ ދެމެދުގެ ބާރުމިނެއްގައި ވައިޖެހޭނެ ކަމަށް ލަފާކޮށްފައިވެއެވެ. މީގެ އިތުރުން، ކަނޑުތައް ގަދަވާނެ ކަމަށާއި ރާޅުގެ އުސްމިން ފަސް ފޫޓާއި ހަތް ފޫޓާ ދެމެދަށް އުފުލޭނެ ކަމަށް ލަފާކޮށްފައިވާތީ، ދަތުރުފަތުރު ކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް ވަނީ އިލްތިމާސްކޮށްފައެވެ.

ވޭތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި ރާއްޖޭގެ ބައެއް ރަށްތަކަށް ވަނީ ވަރަށް ބޯކޮށް ވާރޭވެހިފައެވެ. އެގޮތުން އެންމެ ގިނައިން ވާރޭ ވެހުނު ކަމަށް ރެކޯޑު ކުރެވިފައިވަނީ އައްޑޫ ސިޓީ ގަމަށެވެ. އެ ރަށަށް 100.5 މިލިލީޓަރުގެ ވާރޭ ވެހިފައިވާއިރު، ދެވަނައަށް އެންމެ ގިނައިން ވާރޭ ވެހުނު ގދ. ތިނަދޫއަށް 87.6 މިލިލީޓަރުގެ ވާރޭ ވަނީ ވެހިފައެވެ. އަދި ތިންވަނައަށް އެންމެ ގިނައިން ވާރޭ ވެހުނު އައްޑޫ ހިތަދޫއަށް 80.9 މިލިލީޓަރުގެ ވާރޭ ވެހިފައިވާ ކަމަށް މެޓް އޮފީހުގެ ތަފާސްހިސާބުތަކުން ދައްކައެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!
ފަހުގެ