އިމާމުވެ ނަމާދުކުރާއިރު، އަމިއްލަ އިޚްތިޔާރަށްވުރެ ބޮޑަށް ޖަމާއަތުގެ މަސްލަހަތަށް އިސްކަންދޭންޖެހޭނެ ކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ. ވަޒީރު މިހެން ވިދާޅުވީ ޒުވާން ޚަޠީބުންގެ ޤައުމީ މަހާސިންތާ ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ވަޒީރު ވިދާޅުވީ، ޤުރުއާން ރީތިކޮށް ކިޔެވި ނަމަވެސް، ޖަމާއަތް ބޮޑުވާ ވަރަކަށް ނަމާދު ކުރުކޮށްލުމަކީ ކީރިތި ރަސޫލާގެ ސުންނަތުން ސާބިތުވާ ގޮތް ކަމަށެވެ. އަދި ރަށެއްގައި ނަމާދު ކުރުމުގައި ގެންގުޅޭ އުސޫލުތަކަކީ ދީނާއި ސުންނަތާ ސީދާ ޚިލާފުނުވާ ކަންކަން ކަމުގައިވާ ނަމަ، އެ ރަށެއްގެ ޖަމާއަތް ގަބޫލުކުރާ ގޮތަށް އިމާމުވެ ނަމާދުކުރުން މުހިންމު ކަމަށް ވިދާޅުވިއެވެ. ފިޤުހީ އެކި މަޒުހަބުތަކުގެ މެދުގައި ހުންނަ ފަރަޢީ ޚިލާފުތަކާ މެދު ޖަދަލުނުކުރުމަށް ވެސް ވަޒީރު އިލްތިމާސްކުރެއްވިއެވެ.
ޒުވާން ޚަޠީބުންނަކީ މުޖުތަމައުގައި ނަމޫނާ ބަޔަކަށް ވުމަށް ގޮވާލައްވަމުން ޑރ. ޝަހީމް ވިދާޅުވީ، މިހާރު ލިބިފައިވާ ޚަޠީބުކަމުގެ ހުއްދައަކީ ބިންގަލެއް ކަމަށް ބަލައި، އިތުރަށް ޢިލްމު އުނގެނުމަށް މަސައްކަތް ކުރަންޖެހޭ ކަމަށެވެ. އަދި މިހާރު ނިކުންނަ ޒުވާން ޖީލަކީ ޒަމާނީ ތައުލީމާއި އިސްލާމީ ޢިލްމު ލިބިގެން ނިކުންނަ، ކުރީގެ ޖީލުތަކަށްވުރެ ހަރުދަނާ ޖީލަކަށް ވާނެ ކަމަށް އުންމީދުކުރައްވާ ކަމަށް ވިދާޅުވިއެވެ.
މީގެ އިތުރުން، މީސްމީޑިއާ އާއި މުޖުތަމައުގެ ތެރެއިން ކުރިމަތިވާ ހަރުކަށި ފިކުރުގެ ވިސްނުންތަކުން ދުރުހެލިވުމަށާއި، ދީނީ ޢިލްމުވެރިންނަށް އިހުތިރާމު ކުރުމަށް ވަޒީރު ނަސޭހަތްތެރިވެވަޑައިގަތެވެ. ރާއްޖޭގައި އިސްލާމީ ޝިއާރު ފާޅުކުރުމުގެ މަސައްކަތް ފުޅާކޮށް، ކުރިއަށް އޮތް ޖީލުތަކަށް ދީން ފޯރުކޮށްދިނުމަށް ހުރިހާ އެންމެން ގުޅިގެން މަސައްކަތް ކުރުމަށް ވެސް ވަޒީރު ވަނީ ގޮވާލައްވާފައެވެ.