މޫސުމީ ރޯގާއާއި ބޭރަށްހިންގުން ފެތުރޭތީ ސަމާލުވުމަށް އެޗްޕީއޭއިން އިލްތިމާސްކޮށްފި

އައިޖީއެމްއެޗް ހޮސްޕިޓަލް
އައިޖީއެމްއެޗް ހޮސްޕިޓަލް

މި ދުވަސްވަރު ރާއްޖޭގައި މޫސުމީ ރޯގާއާއި ބޭރަށްހިންގުން ފެތުރޭ މިންވަރު އިތުރުވަމުންދާތީ، އެކަމަށް ސަމާލުވުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އިލްތިމާސްކޮށްފިއެވެ.

އެޗްޕީއޭއިން ހާމަކޮށްފައިވާ ގޮތުގައި، މި ދުވަސްވަރު އަރިދަފުސް ރޯގާއާއި ބޭރަށްހިންގުން ފެތުރޭ މިންވަރު ދަނީ އިތުރުވަމުންނެވެ. މީގެ އިތުރުން، ހޮޑުލުމާއި ބޭރަށްހިންގުން އިތުރުވަމުންދާތީ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށާއި، ގިނަގިނައިން އަތްދޮވުމަށް ނިމިދިޔަ ހަފުތާގައި ވެސް އެ އިދާރާއިން ވަނީ އިރުޝާދު ދީފައެވެ.

ރޯގާއާއި ބޭރަށްހިންގުމުން ރައްކާތެރިވުމަށް އެޅިދާނެ ފިޔަވަޅުތައް:

  • ސައިބޯނިލައިގެން ގަވާއިދުން އަތްދޮވުމަށް އާދަކުރުން.
  • ހަށިގަނޑުން ފެން މަދުވިޔަ ނުދިނުމަށްޓަކައި، ދުވާލުގެ އެކި ވަގުތުތަކުގައި ގިނައިން ދިޔާތަކެތި ބޭނުންކުރުން.
  • ރޯގާގެ އެއްވެސް އަލާމާތެއް ފެންނަނަމަ، މާސްކު އެޅުމަށް ސަމާލުކަން ދިނުން.
  • ހަށިގަނޑަށް އުނދަގޫވާނަމަ ނުވަތަ ބަލިވެ އުޅޭނަމަ، ބޭރަށް ނުނިކުމެ ގޭގައި މަޑުކޮށް އަރާމުކުރުން.

އެޗްޕީއޭއިން އިތުރަށް ބުނެފައިވަނީ، ބޭރަށްހިންގާނަމަ ލޮނުޕެކެޓާއި، ފެން އަދި ސޫޕް ފަދަ ދިޔާތަކެތި ގިނައިން ބޭނުންކުރަންޖެހޭނެ ކަމަށެވެ. އަދި ފާޚާނާ ކުރުމަށްފަހުގައާއި ކާބޯތަކެތި ތައްޔާރުކުރުމުގެ ކުރިން ސައިބޯނިލައިގެން ރަނގަޅަށް އަތްދޮވުމަށާއި، ފާޚާނާ ބޭނުންކުރުމަށްފަހު ރަނގަޅަށް ސެނިޓައިޒް ކުރުމަށް ވެސް އެޗްޕީއޭއިން އިރުޝާދުދެއެވެ.

މީގެ އިތުރުން، ބަލީގެ އެއްވެސް އަލާމާތެއް ފެންނަނަމަ، އެ އަލާމާތްތައް ނުފެންނަތާ އެއް ދުވަސް ވަންދެން ދަރިވަރުން ސުކޫލަށް ނުފޮނުވުމަށާއި، ވަޒީފާތަކަށް ނުނިކުމެ ގޭގައި މަޑުކުރުމަށް އެޗްޕީއޭއިން ވަނީ އެދިފައެވެ. އަދި މާ ބޮޑަށް ވަރުދެރަވެ، ދިޔާތަކެތި ބޭނުންކުރެވޭ މިންވަރު މަދުވުމާއި، އާދަޔާ ޚިލާފަށް ކަރުހިއްކުމާއި، ބޮލަށް އެނބުރުން އެރުމާއި ގިނަގިނައިން ހޮޑުލެވޭނަމަ، ލަސްނުކޮށް ޑޮކްޓަރެއްގެ ލަފާ ހޯދުމަށް ވެސް އެ އިދާރާއިން ވަނީ އިލްތިމާސްކޮށްފައެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!
ފަހުގެ