ރާއްޖެއަށް މިހާރު ކުރަމުންދާ ހުޅަނގު މޫސުމުގެ ވިއްސާރައިގައި، އައްޑޫ ސިޓީ ފޭދޫގެ އިތުރު 9 ގެއަކަށް ފެންވަދެ ބޮޑެތި ގެއްލުންތަކެއް ވެއްޖެ ކަމަށް ނޭޝަނަލް ޑިޒާސްޓަރ މޭނޭޖްމެންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ހާމަކޮށްފިއެވެ.
އެންޑީއެމްއޭއިން ބުނި ގޮތުގައި މިއަދު ކުރި ވިއްސާރައިގައި ފޭދޫގެ 9 ގެއަކަށް ފެންވަދެފައިވާއިރު، އޭގެ ތެރެއިން ކައްކައި ކައިބޮއި ހެދުމަށް ދަތިވި 3 ގެއަކަށް ތިން ދުވަހުގެ މުއްދަތަށް ކެއިންބުއިމުގެ އިންތިޒާމު ވަނީ ހަމަޖައްސައިދީފައެވެ. އަދި ދިރިނޫޅެވޭ ވަރަށް ފެންބޮޑުވި އެއް ގެއެއްގައި އުޅޭ 8 މީހުންގެ އާއިލާއަކަށް ވަގުތީ ބޯހިޔާވަހިކަމާއި ކެއިންބުއިން ވަނީ ފޯރުކޮށްދީފައެވެ. މީގެ އިތުރުން، ފާއިތުވި ދެ ދުވަހުގެ ތެރޭގައި ފޭދޫގެ 70 އަށް ވުރެ ގިނަ ގެއަކަށް އެކި ވަރުގެ ގެއްލުންތައް ލިބިގެން ރިޕޯޓުކޮށްފައިވާ ކަމަށް އެ އިދާރާއިން ބުނެއެވެ.
އައްޑޫ ސިޓީ މަރަދޫގެ 2 ގެއަކަށް ފެންވަދެގެން ރިޕޯޓުކޮށްފައިވާއިރު، ޏ. ފުވައްމުލަކަށް ބޯކޮށް ވާރޭވެހި ފެންބޮޑުވުމުގެ ސަބަބުން ބައެއް ގޭގޭގެ ފާޚާނާ ހޮޅިތައް ބެދިގެން ރިޕޯޓުކޮށްފައިވެއެވެ. ފުވައްމުލަކުގައި ހާލުގައި ޖެހުނު އާއިލާތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް އެރަށު ކައުންސިލާއި، ފެނަކަ އަދި އެހެނިހެން މުއައްސަސާތައް ގުޅިގެން ދަނީ މަސައްކަތް ކުރަމުންނެވެ.
މޫސުމާ ބެހޭ ގައުމީ އިދާރާއިން ލަފާކުރާ ގޮތުގައި ކުރިއަށް އޮތް ބުދަ ދުވަހާ ހަަމައަށް ރާއްޖޭގެ ބޮޑު ބަޔަކަށް ވިއްސާރަކުރާނެއެވެ. ހާއްސަކޮށް ދެކުނުގެ އަތޮޅުތަކަށް ބޯކޮށް ވާރޭވެހި ގެއްލުންތައް ވަމުންދާތީ، ފެންބޮޑުވުމުގެ ހާދިސާތަކުން ރައްކާތެރިވުމަށާއި ކަނޑުދަތުރުފަތުރު ކުރުމުގައި މޫސުމަށް ހާއްސަ ސަމާލުކަމެއް ދިނުމަށް ކަމާބެހޭ އިދާރާތަކުން ވަނީ އިލްތިމާސްކޮށްފައެވެ.