ރާއްޖޭގައި މިހާތަނަށް ބިނާކުރާ އެންމެ ބޮޑު މިސްކިތާއި އިސްލާމީ ހަޟާރަތާ ބެހޭ މަރުކަޒުގެ ބިންގާ މިއަދު އަޅައިފިއެވެ. ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި އިމާރާތްކުރާ މި މަޝްރޫއުގެ ބިންގާ އަޅުއްވައިދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒެވެ.
މި ރަސްމިއްޔާތުގައި ރައީސްގެ އިތުރުން އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދާއި، އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު އަލީ ޒުހައިރާއި، ސައުދީ އަރަބިއްޔާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޔަހްޔާ ހަސަން އަލް ގަހްތާނީ އަދި މި މަޝްރޫއު ހަވާލުކޮށްފައިވާ ސައުދީގެ އަލްރާޖިހީ ކުންފުނީގެ ސީއީއޯ ބަންދަރު އަބްދުﷲ އަލްރާޖިހީ ބައިވެރިވެވަޑައިގެންނެވިއެވެ.
ރާއްޖެ އިސްލާމްވިތާ 900 އަހަރު ފުރުމުގެ މުނާސަބަތާ ގުޅުވައިގެން ބިނާކުރާ މި މިސްކިތަށް ނަންދީފައިވަނީ "ޖާމިއުއްސުލްތާން މުހައްމަދު ބުން އަބްދުﷲ" ގެ ނަމުންނެވެ. މިއީ މަދުވެގެން 10،000 މީހުންނަށް އެއްފަހަރާ ނަމާދު ކުރެވޭނެ ޖާގައާއެކު ހަދާ މިސްކިތެކެވެ.
މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. ޝަހީމް ވިދާޅުވީ، ހުޅުމާލޭގައި މިފަދަ މިސްކިތެއް ބިނާކުރުމަކީ މީގެ 20 އަހަރު ކުރިން އެ އަވަށުގެ ތަސައްވުރުގައި ހިމެނޭ ކަމެއް ކަމަށެވެ. ކުރިން މި މިސްކިތް އަޅަން ނިންމާފައި އޮތީ މިހާރުގެ ސެންޓްރަލް ޕާކު ހުރި ސަރަހައްދުގައި ނަމަވެސް، މި މަޝްރޫއު މިހާރު ހަގީގަތަކަށް ވެގެންދިޔައީ ރައީސް މުއިއްޒު ދެއްވި ހާއްސަ އިސްކަމެއްގެ ސަބަބުން ކަމަށް ޝަހީމް ވިދާޅުވިއެވެ.
މި އިމާރާތުގައި ހިމެނޭ އިސްލާމީ ހަޟާރަތާ ބެހޭ މަރުކަޒުގައި ރާއްޖެ އިސްލާމްވި ގޮތާއި، ފާއިތުވި 900 އަހަރުގެ ތެރޭގައި ރާއްޖޭގެ އިސްލާމީ ހަޟާރަތު ކުރިއަރައިގެން ދިޔަ ގޮތް ދައްކުވައިދޭ ހޯލްތަކާއި ކޮޓަރިތައް ހުންނާނެއެވެ. މިއީ ފަތުރުވެރިންނަށް ވެސް ޒިޔާރަތްކުރެވޭ ގޮތަށް ފަރުމާކޮށްފައިވާ ތަނެކެވެ.
މިނިސްޓަރު ޝަހީމް ވިދާޅުވި ގޮތުގައި، މި މަޝްރޫއުގެ މަސައްކަތް ކުރިއަށް އޮތް ދެ އަހަރު ދުވަހުގެ ތެރޭގައި އެއްކޮށް ނިންމާލުމަށް ވަނީ އަމާޒު ހިފާފައެވެ.