ދިވެހި ދައުލަތަށް 46 އަހަރަށް ވުރެ ގިނަ ދުވަހު އިޚުލާސްތެރި ޚިދުމަތްތަކެއް ކުރެއްވި އަޙުމަދު މަނިކު (ޖާދޫ އަހުމަދު މަނިކު) މިއަދު އަވަހާރަވެއްޖެއެވެ. އޭނާ އަވަހާރަވީ އުމުރުފުޅުން 88 އަހަރުގައެވެ.
އަޙުމަދު މަނިކަކީ 1 ފެބުރުވަރީ 1957 އިން ފެށިގެން 1 މެއި 2008 އާ ހަމައަށް ދައުލަތުގެ އެކި ދާއިރާތަކުން ގައުމަށް ޚިދުމަތް ކުރެއްވި ބޭފުޅެކެވެ. އޭނާ އަދާކުރެއްވި ވަޒީފާތަކުގެ ތެރޭގައި ޕިޔޯނުކަމާއި، ސަރުދާރުކަމާއި، ކިއުރޭޓަރުކަމުގެ އިތުރުން ސިފައިންގެ އޮފިސަރެއްގެ މަގާމު ހިމެނެއެވެ. ދައުލަތަށް ކުރެއްވި މި އަގުހުރި ޚިދުމަތްތަކުގެ އަގުވަޒަންކޮށް، 2023 ވަނަ އަހަރު އޭނާއަށް ވަނީ ދައުލަތަށް ޚިދުމަތް ކުރުމުގެ އިނާމު އަރުވާފައެވެ.
އަޙުމަދު މަނިކު އަވަހާރަވުމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވަނީ އާއިލާއަށް ތައުޒިޔާ ފޮނުއްވާފައެވެ. ރައީސް ކުރެއްވި ސޯޝަލް މީޑިއާ ޕޯސްޓެއްގައި، މަރުހޫމްގެ ފުރާނައަށް ސުވަރުގޭގެ ދާއިމީ ނިއުމަތް މިންވަރު ކުރެއްވުން އެދި ދުއާ ކުރައްވާފައިވެއެވެ.
އަޙުމަދު މަނިކުގެ ކަށުނަމާދު ބޭއްވުމަށް ހަމަޖެހިފައިވަނީ މިރޭގެ އިޝާ ނަމާދަށް ފަހު، އާސަހަރާ މިސްކިތުގައެވެ.