ގައުމީ އެއާލައިން، މޯލްޑިވިއަން އިން މާލެއާއި ދ. ކުޑަހުވަދޫއާ ދެމެދު އަލުން ޝެޑިއުލް ދަތުރުތައް ފެށުމަށް ނިންމައިފިއެވެ. އެ އެއާލައިނުން މައުލޫމާތު ދޭ ގޮތުގައި މި ދަތުރުތައް ރަސްމީކޮށް ފެށުމަށް ހަމަޖެހިފައިވަނީ މި ސެޕްޓެމްބަރު މަހުގެ 17 ވާ ބުރާސްފަތި ދުވަހުއެވެ.
މޯލްޑިވިއަން އިން ބުނި ގޮތުގައި މި ރޫޓުގައި ކޮންމެ ދުވަހަކު ދަތުރުތައް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. އަދި ދަތުރުތައް ފެށުމުގެ ގޮތުން ހާއްސަ ޕްރޮމޯޝަނަލް އަގެއްގައި ޓިކެޓު ވިއްކުމަށް ނިންމާފައިވާއިރު، ކޮޅަކަށް ޓިކެޓެއްގެ އަގަކީ 1،111 ރުފިޔާއެވެ. މި ދަތުރުތަކުގެ ޓިކެޓު ސެޕްޓެމްބަރު 13 އިން ފެށިގެން މޯލްޑިވިއަންގެ ވެބްސައިޓާއި، މޮބައިލް އެޕްލިކޭޝަންގެ އިތުރުން ޓިކެޓިން އޮފީސްތަކާއި ސޭލްސް އޭޖެންޓުން މެދުވެރިކޮށް ލިބެން ހުންނާނެއެވެ.
މޯލްޑިވިއަން އިން ކުޑަހުވަދޫއަށް ކުރަމުން އައި ދަތުރުތައް ސެޕްޓެމްބަރު 2021 ގައި މެދުކަނޑާލި ނަމަވެސް، ކުޑަހުވަދޫ މައި ހަބެއްގެ ގޮތުގައި ބޭނުންކުރާ މަންތާ އެއާގެ އެދުމުގެ މަތިން އެ އެއާލައިނުން ދިޔައީ ޗާޓަރު ފްލައިޓުތައް އޮޕަރޭޓް ކުރަމުންނެވެ. މޯލްޑިވިއަން އިން ކުޑަހުވަދުއަށް އަލުން ޝެޑިއުލް ދަތުރުތައް ފަށަން ތައްޔާރުވަމުން އަންނައިރު، ރާއްޖޭގެ އެތެރޭގެ އުދުހުންތަކުގެ ދާއިރާއަށް ބޮޑެތި ބަދަލުތަކެއް ދަނީ އަންނަމުންނެވެ.
އެގޮތުން މާލެއާއި ކުޑަހުވަދޫއާ ދެމެދު ދުވާލަކު ހަތަރު ފްލައިޓް އޮޕަރޭޓްކުރަމުން އައި މަންތާ އެއާއިން ވަނީ އެ އެއާލައިންގެ އޭޓީއާރު 72 ގެ ދަތުރުތައް މަދުކުރަން ނިންމާފައެވެ. މިއީ ސީޕްލޭންގެ ވިޔަފާރި ފުޅާކުރުމަށް އިސްކަންދިނުމުގެ ގޮތުން ނިންމި ނިންމުމެއް ކަމަށްވާއިރު، އެ އެއާލައިންގެ މައިގަނޑު އަމާޒަކީ މުޅިންހެން ސީޕްލޭންގެ ހިދުމަތަށް ބަދަލުވުމެވެ.
އެތެރޭގެ އެއްގަމު ވައިގެ ބަނދަރުތަކުގެ މާކެޓުން މަންތާ އެއާ ވަކިވެއްޖެނަމަ، ރާއްޖޭގެ ގިނަ އެއާޕޯޓުތަކަށް ދަތުރުކުރާ ހަމައެކަނި އެއާލައިނަކަށް ވާނީ މޯލްޑިވިއަންއެވެ. މި ވަގުތު ވިލާ އެއާއިން ވެސް ދަތުރުތައް ބާއްވަމުން ގެންދަނީ ހަމައެކަނި އދ. މާމިގިއްޔާއި ބ. ދަރަވަންދުއަށް އެކަންޏެވެ. މޯލްޑިވިއަންގެ ފްލީޓުގައި 25 މަތިންދާބޯޓު ހިމެނޭއިރު، އެ އެއާލައިނުންދަނީ އެތެރޭގެ އުދުހުންތަކުގެ އިތުރުން ބައެއް ބޭރު ގައުމުތަކަށް ވެސް ދަތުރުތައް ކުރަމުންނެވެ.