ރާއްޖޭގެ އިމާމުންނަށް ޚާއްސަ ޑްރެސް ކޯޑެއް ފަރުމާކުރަނީ

ޒުވާން ޚަޠީބުންގެ ޤައުމީ މަހާސިންތާގެ ނިންމުމުގެ ރަސްމިއްޔާތުގެ ތެރެއިން ފޮޓޯ: މިނިސްޓްރީ
ޒުވާން ޚަޠީބުންގެ ޤައުމީ މަހާސިންތާގެ ނިންމުމުގެ ރަސްމިއްޔާތުގެ ތެރެއިން ފޮޓޯ: މިނިސްޓްރީ

އިމާމުވެ ހުކުރު ނަމާދާއި އީދު ނަމާދު ކުރާ ފަރާތްތަކާއި، އާންމުކޮށް މިސްކިތްތަކުގައި އިމާމުކަމުގެ ވަޒީފާ އަދާކުރާ ބޭފުޅުންނަށް ޚާއްސަ ޑްރެސް ކޯޑެއް ފަރުމާކުރުމަށް އިސްލާމިކް މިނިސްޓްރީން ނިންމައިފިއެވެ.

މިކަން ހާމަކުރެއްވީ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދެވެ. މިނިސްޓަރު ވިދާޅުވީ، އަލަށް ފަރުމާކުރާ ޑްރެސް ކޯޑަކީ އިމާމުން ނަމާދު ކުރާ ގަޑިތަކުގައި ބޭނުންކުރުމަށް ޚާއްސަކޮށްގެން ތައްޔާރުކުރާ ހެދުމެއް ކަމަށެވެ. އަދި މި ހެދުމުގެ ތެރޭގައި ތާކިހާ ވެސް ހިމެނޭނެ ކަމަށް މިނިސްޓަރު ފާހަގަކުރެއްވިއެވެ.

މި ނިންމުން ހާމަކޮށްފައިވަނީ ރާއްޖެ އިސްލާމްވިތާ 900 އަހަރު ފުރުމާ ގުޅުވައިގެން ފެށި ޒުވާން ޚަތީބުންގެ މަހާސިންތާގެ ތެރެއިންނެވެ. 300 އަށްވުރެ ގިނަ ޒުވާން ޚަތީބުންނާއެކު އިއްޔެ ފެށި މި މަހާސިންތާގައި ވާހަކަދައްކަވަމުން މިނިސްޓަރު ވިދާޅުވީ، މި ޖީލުގެ ޒުވާން އިމާމުންނަކީ ކުރީގެ އިމާމުންނަށްވުރެ އިލްމީ ގޮތުން މޮޅު ބަޔަކަށް ވާނެ ކަމަށެވެ.

ޒުވާނުންނަށް އެކި ދާއިރާތަކުން ތައުލީމު ހާސިލުކުރުމަށް ހިތްވަރު ދެއްވަމުން، މުޅި ހަޔާތުގައި އިމާމުކަން ކުރުމުގައި ދެމިތިބުމަށް މިނިސްޓަރު އެދިވަޑައިގަތެވެ. ސަރުކާރުން ޒުވާން ޚަތީބުން ބިނާކުރުމަށް ކުރަމުންދާ މަސައްކަތުގެ ދަށުން މިހާތަނަށް 700 އަށްވުރެ ގިނަ ޒުވާނުން ވަނީ ތަމްރީނުކޮށްފައެވެ.

މީގެ އިތުރުން، ރާއްޖޭގެ ތާރީޚުގައި ވެސް އެންމެ ގިނަ އަދަދަކަށް ހާފިޒުން އުފެދިފައިވަނީ މި ދުވަސްވަރުކަން ފާހަގަކުރައްވައި، މިހާރު ރާއްޖޭގައި 322 ހާފިޒުން އެބަތިބި ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. ސަރުކާރުގެ އަމާޒަކީ މި ހިނގާ ރިޔާސީ ދައުރުގެ ތެރޭގައި އެ އަދަދު 500 އަށް އިތުރުކުރުމެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!
ފަހުގެ