މަސްވެރިކަމާއި ގުޅޭ

މުޑަހަނދި - ފޮޓޯ: ފެންޑަމް
މުޑަހަނދި - ފޮޓޯ: ފެންޑަމް

މުޑަހަނދި

މުޑަހަންޖަކީ ރާއްޖޭގެ ފަރުފަޅުތަކާއި ވިލުވިލުގައި ގިނައިން އުޅޭމަހެކެވެ.

މުޑަހަނދި ޢާއްމުގޮތެއްގައި އުޅެނީ އެކަހެރިކޮށެވެ. ނަމަވެސް ބައެއްފަހަރު މަދު ޢަދަދުން ބައިހަދައިގެންވެސް އުޅެއެވެ. މިހަނދި ޢާއްމުކޮށް އުޅެނީ މީޓަރަށްވުރެ ތިލަހިސާބުތަކުގައެވެ. މިއީ ހަނދީގެ ބާވަތްތަކުން އެންމެ ބިޔަވާބާވަތެވެ. މިހަނދި އެންމެ ބޮޑުވަނީ 1.7 މީޓަރަށެވެ. ނަމަވެސް ޢާއްމުގޮތެއްގައި ފެނިފައިހުންނަނީ 80 ސެންޓިމީޓަރަށްވުރެ ކުދިމަހެވެ. ރާއްޖޭގެ މަސްވެރިން ނަނުފައްތައިގެންނާއި ނަނު އެއްލައިގެން ކުރާ ފަރުމަހުގެ މަސްވެރިކަމުގައި މިމަސް ވަރަށް ގިނައިން ބޭނެއެވެ. މިއީ ދިވެހިން ކެއުމަށް ބޭނުންކޮށްއުޅޭ މީރުމަހެކެވެ.

މަހުގެ ބޯ ވަރަށް ބޮޑަށް ވަށްކޮށް ހުރެއެވެ. މަހުގެ ބުރަކަށިމަތީގައި ވަކިވަކިން ހުންނަ ދެކޮތަރިބައި ހުރެއެވެ. ފުރަތަމަ ކޮތަރިބައިގައި ކުރުކަށީގެ 8 ކަށިހުރެއެވެ. ދެވަނަ ކޮތަރިބައިގައި 1 ހަރުކަށްޓާއެކު 18 އާއި 25 އާ ދެމެދުގެ ޢަދަދަކަށް މަޑުކަށިހުރެއެވެ. މަހުގެ ބަނޑުދަށްފަރާތު ކޮތަރިބައިގައި ވަކިވަކިން ހުންނަ 2 ހަރުކަށްޓަށްފަހު އިތުރު ހަރުކަށްޓާއެކު 15 އާއި 17 އާ ދެމެދުގެ ޢަދަދަކަށް މަޑުކަށިހުރެއެވެ.

މަހުގެ ކުލައަކީ ރިހި އަޅިކުލައެވެ. މިކުލަ މަހުގެ މަތީބައިން ފެށިގެން ބަނޑުދަށްފަރާތަށް ފަނޑުވެފައި ހުރެއެވެ. މަހުގެ މައިގަނޑު ކާނާއަކީ މަސްމަހާމެއްސެވެ. ނަމަވެސް ބޯވަދިލަމަހާއި، ދިލަފޮށިމަހާއި ކަކުނިފާޑުގެ ސޫފިވެސް ކައިހަދައެވެ.

މަސްދަރު: ފިޝަސް އޮފް ދަ މޯލްޑިވްސް، މޯލްޑިވްސް މެރިން ރިސާޗް ސެންޓަރ، 2003

އިނގިރޭސި ނަން: Giant trevally

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!