ބޭރު ފައިސާގެ މައްސަލައަށް ހައްލެއް ހޯދުމަށްޓަކައި ސަރުކާރުން ޤާނޫނުތަކަށް ގެނައި އިސްލާޙުތަކުގެ ސަބަބުން، ކުރިއަށް އޮތް މަހެއްހާ ދުވަހުގެ ތެރޭގައި އެދެވޭ ހެޔޮ ބަދަލުތަކެއް ފެންނާނެ ކަމަށް ބަންޑާރަ ނައިބު އަލްއުސްތާޛް އަޙްމަދު އުޝާމް ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން ބަންޑާރަ ނައިބު ވިދާޅުވީ، ބޭރު ފައިސާގެ ޤަވާއިދަށް ގެނައި އިސްލާޙުތަކަށް މި ހިނގާ ސެޕްޓެމްބަރު މަހުގެ 1 ވަނަ ދުވަހުން ފެށިގެން ޢަމަލުކުރަން ފަށާފައިވާ ކަމަށެވެ. މި އިސްލާޙުގެ ދަށުން، ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ރިސޯޓުތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 40 އިންސައްތަ ރާއްޖޭގެ ބޭންކެއް މެދުވެރިކޮށް މާރުކުރަން ޖެހޭނެއެވެ. މިގޮތުން، އަންނަ އޮކްޓޯބަރު މަހުގެ 1 ވަނަ ދުވަހުން ފެށިގެން މި އުޞޫލަށް ފުރިހަމައަށް ޢަމަލުކުރަން ޖެހޭނެ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
މީގެ އިތުރުން، މަރުކަޒީ ބޭންކް (އެމްއެމްއޭ) އިން ކަނޑައަޅާފައިވާ ރަސްމީ ރޭޓަށްވުރެ ބޮޑުކޮށް ޑޮލަރު ވިއްކުމާއި، ހުއްދައެއް ނެތި ނުވަތަ ރަޖިސްޓްރީ ނުކޮށް ބޭރު ފައިސާ މާރުކުރުމުގެ ވިޔަފާރި ކުރާ ފަރާތްތަކާމެދު ޤާނޫނީ ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރުވެސް ބަންޑާރަ ނައިބު ދެއްވިއެވެ. އެފަދަ ޢަމަލުތަކަކީ ޤާނޫނާ ޚިލާފު ކަންތައްތަކެއް ކަމަށް އޭނާ ވިދާޅުވިއެވެ.
ބަންޑާރަ ނައިބު ވަނީ ރާއްޖޭގައި ބޭރު ފައިސާގެ މުޢާމަލާތްތައް ކުރުމުގައި ބޭރު ފައިސާއާ ބެހޭ ޤާނޫނާއި، އެމްއެމްއޭގެ ޤާނޫނުގެ އިތުރުން ބޭންކިންގއާ ބެހޭ ޤާނޫނުތަކަށް ފުރިހަމައަށް ބޯލެނބުމަށް ހުރިހާ ފަރާތްތަކަކަށް އިލްތިމާސްކުރައްވާފައެވެ. ރާއްޖޭގެ ކަޅު ބާޒާރުގައި ބޭރު ފައިސާގެ އަގު މަތިކޮށް ވިއްކާ މައްސަލަ ހައްލުކުރުމަށްޓަކައި ސަރުކާރުގެ ކަމާބެހޭ އިދާރާތައް ގުޅިގެން ޚާއްޞަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.