ކުރެވުނު މަސައްކަތްތަކާއެކު ކަޅު ބާޒާރުގައި ޑޮލަރުގެ ރޭޓް ދަށަށްދާން ފަށައިފި: މިނިސްޓަރު ސައީދު

އިކޮނޮމިކް މިނިސްޓަރު ސައީދު
އިކޮނޮމިކް މިނިސްޓަރު ސައީދު

ކަޅު ބާޒާރުގައި ޑޮލަރު ވިއްކުން ހުއްޓުވުމަށް ސަރުކާރުން އަޅަމުންދާ ހަރުދަނާ ފިޔަވަޅުތަކާއެކު، ޑޮލަރުގެ އެކްސްޗޭންޖް ރޭޓް ދަށަށް ދާން ފަށާފައިވާ ކަމަށް އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސައީދު ވިދާޅުވެއްޖެއެވެ. ވަޒީރު މިހެން ވިދާޅުވީ ބޭރު ފައިސާގެ ބާޒާރު ހަމައަކަށް އެޅުވުމަށް ސަރުކާރުގެ އިދާރާތައް ގުޅިގެން ކުރަމުންދާ މަސައްކަތްތަކުގެ އެންމެ ފަހުގެ ތަފްޞީލުތައް ހާމަކުރައްވަމުންނެވެ.

މިނިސްޓަރު ސައީދު ފާހަގަކުރެއްވި ގޮތުގައި، ބޭރު ފައިސާގެ ބާޒާރުގައި ނުފޫޒު ފޯރުވައިގެން ޑޮލަރުގެ އަގު އާޓިފިޝަލްކޮށް މަތިކުރުމަށް ބައެއް ފަރާތްތަކުން ބޮޑެތި މަސައްކަތްތަކެއް ކޮށްފައިވެއެވެ. ޚާއްޞަކޮށް، ބޭރު ފައިސާ މާރުކުރުމުގެ ހުއްދަ އޮންނަ އުޞޫލުތަކާ ޚިލާފަށް، ރަސްމީ ރޭޓަށްވުރެ މާ މަތީ އަގުތަކުގައި ޑޮލަރު މާރުކުރުމުގެ މައްސަލަ މީގެ ކުރިން އޮތީ ވަރަށް ބޮޑުވެފައެވެ. ނަމަވެސް، ބޭރު ފައިސާއާ ބެހޭ ޤާނޫނުތަކާއި ޤަވާޢިދުތަކަށް ގެނެވުނު ބަދަލުތަކާއެކު، ކަޅު ބާޒާރުގައި ބޮޑު އަގުގައި ޑޮލަރު ވިއްކުން ހުއްޓުވުމަށް އެޅި ފިޔަވަޅުތަކުގެ ހެޔޮ ބަދަލު މިހާރު ފެންނަން ފަށާފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

ސަރުކާރުން މިހާރު ކުރަމުންދާ މަސައްކަތްތަކުގެ ސަބަބުން، މި ސަރުކާރު ހަވާލުވިއިރު ކަޅު ބާޒާރުގައި ޑޮލަރު ހުރި ރޭޓަށްވުރެ މިހާރު އަގުތައް ތިރިވެފައިވާ ކަމަށް ވަޒީރު ވިދާޅުވިއެވެ. އަދި ނިމިދިޔަ ސަރުކާރުގެ ދުވަސްވަރު ޑޮލަރުގެ ރޭޓް ހުރި މިންވަރަށް ނުވަތަ އެ ރޭޓް ބޭންޑާ ހަމައަށް މިހާރު އަގުތައް ތިރިވެފައިވުމަކީ ލިބުނު ބޮޑު ކުރިއެރުމެއްގެ ގޮތުގައި އޭނާ ފާހަގަކުރެއްވިއެވެ. ރާއްޖެ ފަދަ ކުޑަ އިޤްތިޞާދެއްގައި މިފަދަ ނުރަނގަޅު އުޞޫލުތަކެއް އޮވެގެން ނުވާނެ ކަމަށާއި، ބައެއް ބޮޑެތި ކުންފުނިތަކުން މުވައްޒަފުންނަށް މުސާރަ ދިނުމުގައިވެސް ކަޅު ބާޒާރުގެ ރޭޓަށް ރިޢާޔަތްކޮށްފައިވާކަން ހާމަވެފައިވާ ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.

މި މައްސަލައަށް ދާއިމީ ޙައްލެއް ހޯދުމަށްޓަކައި، ބޭރު ފައިސާއިން އާމްދަނީ ލިބޭ ފަރާތްތަކާއެކު ސަރުކާރުން ވަރަށް ގާތުން މަސައްކަތް ކުރަމުންދާ ކަމަށް އިޤްތިޞާދީ ވަޒީރު ވިދާޅުވިއެވެ. އަދި މި އިޞްލާޙީ މަސައްކަތްތައް ހުއްޓާނުލައި ކުރިއަށް ގެންދާނެ ކަމުގެ ޔަޤީންކަންވެސް އޭނާ ދެއްވިއެވެ. ޤާނޫނާ ޚިލާފަށް ހިންގާ ބޭރު ފައިސާގެ ވިޔަފާރިތައް ހުއްޓުވުމަށްޓަކައި ތަންފީޒީ އިދާރާތަކުން ޚާއްޞަ އޮޕަރޭޝަންތަކެއް ފަށާފައިވާއިރު، ފާއިތުވި މަހު ހާމަކުރި މަޢުލޫމާތުތަކަށް ބަލާއިރު، ނުޤަވާއިދުން ހިންގި 7 ތަނަކުން 76 މިލިއަން ޑޮލަރު ކަޅު ބާޒާރުގައި މާރުކޮށްފައިވާކަން ވަނީ ހާމަވެފައެވެ. މީގެ ތެރޭގައި ބައެއް ރިސޯޓް ޗެއިންތަކާއި ސިޔާސީ ދާއިރާގެ ބައެއް ފަރާތްތައްވެސް ހިމެނޭ ކަމަށް ސަރުކާރުން ކުރިން ހާމަކޮށްފައިވެއެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!
ފަހުގެ