ޕީއެންސީގެ މަތީ މަޖިލިސް ރަސްމީކޮށް ފަށައިފި

ޕީއެންސީގެ މަތީ މަޖިލިސް ފެށުން. ފޮޓޯ: ޕީއެންސީ
ޕީއެންސީގެ މަތީ މަޖިލިސް ފެށުން. ފޮޓޯ: ޕީއެންސީ

ވެރިކަން ކުރާ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ މަތީ މަޖިލިސް ރަސްމީކޮށް މިއަދު ފަށައިފިއެވެ. މި މަހުގެ 18 ވާ ހުކުރު ދުވަހުގެ ނިޔަލަށް ކުރިއަށްދާ މި ކޮންގްރެސްގެ އިފްތިތާހީ ޖަލްސާ ޝަރަފުވެރިކޮށްދެއްވީ އެ ޕާޓީގެ ރައީސް އަދި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒެވެ.

މި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޑރ. މުއިއްޒު ވިދާޅުވީ، ޕީއެންސީ އަބަދުވެސް ދެމިއޮންނާނީ ގައުމަށް ހަމަޖެހުމާއި، ތަރައްގީ އަދި ރައްކާތެރިކަން ހޯދައިދިނުމުގައި ކަމަށެވެ. އަދި ސިޔާސީ ވާދަވެރިން ގައުމުގައި ހަމަނުޖެހުން އުފެއްދުމަށް ކުރާ މަސައްކަތްތަކަށް ޕާޓީގެ އެތެރެއިން އެއްވެސް ޖާގައެއް ނުދިނުމަށް އެމަނިކުފާނު ވަނީ އިލްތިމާސްކުރައްވާފައެވެ.

އިފްތިތާހީ ޖަލްސާއަށް ފަހު ޕާޓީގެ އަސާސީ ގަވާއިދު އެކުލަވާލުމުގެ މަސައްކަތާއި ގައުމީ ތަރައްގީގެ މުހިންމު ދާއިރާތަކާ ގުޅޭގޮތުން ވަޒީރުންގެ ހާއްސަ ސެޝަންތަކެއް ކުރިއަށް ގެންދިއުމަށް ވަނީ ރޭވިފައެވެ. މި ސެޝަންތައް މިރޭ 20:00 އާ ހަމައަށް ކުރިއަށްދާނެއެވެ. ކުރިއަށް އޮތް ސެޕްޓެމްބަރު 16 އަދި 17 ވަނަ ދުވަހު، ޕާޓީގެ ނައިބު ރައީސުންނާއި މަތީ މަޖިލީހަށް މެންބަރުން އިންތިހާބުކުރުން ކުރިއަށްދާނެއެވެ. މީގެއިތުރުން ޒުވާނުންނާއި އަންހެނުންގެ ހާއްސަ ހަރަކާތްތަކާއި، އަލަށް އެކުލަވާލެވޭ މަގާމުތަކުގެ އިގުރާރުވުމާއި، ޕާޓީގެ މުސްތަގުބަލުގެ ތަސައްވުރު ކަނޑައެޅުން ވެސް އޮންނާނެއެވެ.

ޕާޓީގެ އަސާސީ ގަވާއިދުގައި ބަޔާންކޮށްފައިވާ އެކި މަގާމުތަކަށް މެންބަރުން އިންތިހާބު ކުރުމަށް ހުޅުވާލި ފުރުސަތުގައި ގިނަ އަދަދެއްގެ މެންބަރުން ވަނީ ވާދަކުރުމަށް ނަން ހުށަހަޅާފައެވެ. އެގޮތުން، ނައިބު ރައީސްކަމުގެ 6 މަގާމަށް 8 ބޭފުޅަކު ވާދަކުރައްވައެވެ. އެ ބޭފުޅުންނަކީ އަސްމާ ރަޝީދު، މުހައްމަދު ހުސައިން ޝަރީފް، އަބްދުﷲ ރާފިއު، އަހުމަދު ޝިޔާމް، އިބްރާހިމް ޝުޖާއު، ފާތިމަތު ސައުދާ، މުހައްމަދު ނިމާލް އަދި މުހައްމަދު ސައީދެވެ.

މީގެ އިތުރުން، އަންހެން މެންބަރުންގެ 10 މަގާމަށް 22 ބޭފުޅުން، ޒުވާނުންގެ 7 މަގާމަށް 13 ބޭފުޅުން އަދި އާންމު މެންބަރުންގެ 18 މަގާމަށް 73 ބޭފުޅުން ވާދަކުރައްވައެވެ. މީގެ ތެރެއިން 9 މަގާމަކަށް ކުރިމަތިލާފައިވަނީ އިންތިހާބު ކުރަން ކަނޑައެޅިފައިވާ އަދަދަށް ކަމަށް ޕާޓީން މައުލޫމާތު ދެއެވެ. 78،505 އަށް ވުރެ ގިނަ މެންބަރުންނާއެކު، ޕީއެންސީއަކީ މިވަގުތު ރާއްޖޭގައި އޮތް އެންމެ ބޮޑު ސިޔާސީ ޕާޓީއެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!
ފަހުގެ