ގައުމުގައި ހަމަނުޖެހުން އުފައްދަން ކުރާ މަސައްކަތްތަކަށް ޕީއެންސީން ފުރުސަތު ދީގެން ނުވާނެ: ރައީސް

ޕީއެންސީގެ މަތީ މަޖިލިސް ފެށުމުގެ ޖަލްސާގައި ރައީސް ވާހަކަ ދައްކަވަނީ. ފޮޓޯ: ޕީއެންސީ
ޕީއެންސީގެ މަތީ މަޖިލިސް ފެށުމުގެ ޖަލްސާގައި ރައީސް ވާހަކަ ދައްކަވަނީ. ފޮޓޯ: ޕީއެންސީ

ގައުމުގައި ޒިންމާދާރުކަން ކުޑަ ގޮތެއްގައި ހަމަނުޖެހުން އުފެއްދުމަށް ބަޔަކު މަސައްކަތް ކުރަމުންދާ ކަމަށާއި، ވެރިކަންކުރާ ޕީއެންސީގެ ތެރެއަށް އެފަދަ ކަންކަން ވެއްދުމަށް ފުރުސަތު ދީގެން ނުވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އަދި ޕީއެންސީގެ ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.

ޕީއެންސީގެ މަތީ މަޖިލިސް ނުވަތަ ކޮންގްރެސް ފެށުމުގެ ރަސްމިއްޔާތު އިފްތިތާހު ކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، ގައުމީ މަސްލަހަތު އިސްކޮށް، ޕާޓީގެ ދައުރު ފުރިހަމައަށް އަދާކުރުމުގައި ނަމޫނާ ދައްކަންޖެހޭ ކަމަށެވެ. އަދި ޕީއެންސީއަކީ އަބަދުވެސް ގައުމާއި، ދީނާއި، ސަގާފަތް އިސްކުރާ ޒިންމާދާރު ޕާޓީއެއްގެ ގޮތުގައި އެމަނިކުފާނު ސިފަކުރެއްވި އެވެ.

މިއަދުން ފެށިގެން އަންނަ ހުކުރު ދުވަހުގެ ނިޔަލަށް ކުރިއަށްދާ މި ކޮންގްރެސްގައި 1،000 އަށް ވުރެ ގިނަ މަންދޫބުން ބައިވެރިވެ އެވެ. މި ބައްދަލުވުމުގައި ޕާޓީގެ ނައިބު ރައީސުން ހޮވުމަށް ވަނީ ހަމަޖެހިފަ އެވެ. އެ މަގާމަށް ކުރިމަތިލެއްވި ބޭފުޅުންގެ ތެރޭގައި ވަޒީރުންނާއި ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ހިމެނިވަޑައިގަންނަވަ އެވެ.

ރާއްޖޭގައި މިވަގުތު އޮތް އެންމެ މެންބަރުން ގިނަ ސިޔާސީ ޕާޓީއަކީ ޕީއެންސީ ކަމަށްވާއިރު، އިލެކްޝަންސް ކޮމިޝަނުގެ ދަފުތަރުގައިވާ ގޮތުން އެ ޕާޓީގައި 67,579 މެންބަރުން އެބަތިއްބެވެ. ނަމަވެސް ޕާޓީން ބުނާ ގޮތުގައި މެންބަރުންގެ އަދަދު މިހާރު ވަނީ 70,000 އަށް ވުރެ މައްޗަށް އަރާފަ އެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!
ފަހުގެ