ދިވެހިރާއްޖެއާއި ޗައިނާގެ ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހާ ދެމެދު ގުޅުން ބަދަހިކުރުމުގެ އައު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ. މި އެއްބަސްވުމުގައި ސޮއިކުރެއްވީ ރާއްޖޭގެ ޕްރޮސެކިއުޓަރ ޖެނެރަލް އައްބާސް ޝަރީފް ޗައިނާއަށް ކުރައްވަމުންދާ ރަސްމީ ދަތުރުފުޅެއްގައެވެ.
ޗައިނާގެ ބެއިޖިންގްގައި ހުންނަ ސުޕްރީމް ޕީޕަލްސް ޕްރޮކިއުރޭޓަރޭޓް (އެސްޕީޕީ) ގައި ބޭއްވި ރަސްމީ ބައްދަލުވުމެއްގައި، ޕީޖީ އައްބާސް ޝަރީފް ވަނީ ޗައިނާގެ ޕްރޮސެކިއުޓަރ ޖެނެރަލް ޔިންގް ޔޮންގްއާ ބައްދަލުކުރައްވައި މަޝްވަރާ ކުރައްވާފައެވެ. މި މަޝްވަރާތަކުގައި ދެ ޤައުމުގެ ޕްރޮސެކިއުޝަން ދާއިރާގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ. މި ބައްދަލުވުމުގައި މައިގަނޑު ގޮތެއްގައި މަޝްވަރާކުރެވުނީ ޕްރޮސެކިއުޝަންގެ ދާއިރާ ޑިޖިޓަލްކުރުމާއި، މަސައްކަތްތަކުގައި އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ބޭނުންކުރުމާ ގުޅޭގޮތުންނެވެ.
މި ބައްދަލުވުމަށްފަހު ދެ ޤައުމުގެ ދެމެދުގައި ސޮއިކުރެވުނު އެއްބަސްވުމަކީ، މޭ 2017 ގައި ދެ އޮފީހުގެ ދެމެދުގައި ވެފައިވާ އެއްބަސްވުން އައުކުރުމުގެ ގޮތުން ސޮއިކުރެވުނު އެއްބަސްވުމެކެވެ. މި އެއްބަސްވުމުގެ ދަށުން ޕްރޮސެކިއުޓަރުންނަށް ބޭނުންވާ ފަންނީ ތަމްރީނުތަކާއި ޕްރޮފެޝަނަލް ދިރާސާތައް ކުރުމުގެ ފުރުޞަތު ފަހިވެގެންދާނެއެވެ. މީގެ އިތުރުން، ދެ އޮފީހުގެ މެދުގައި ބަދަލުކުރެވޭ ސިއްރު މަޢުލޫމާތުތައް ރައްކާތެރިކުރުމުގެ އޮނިގަނޑެއްވެސް މި އެއްބަސްވުމުގެ ދަށުން އެކުލަވާލެވިފައިވެއެވެ.
މި އައު އެއްބަސްވުމުގެ ސަބަބުން ދެ ޤައުމުގެ ޕްރޮސެކިއުޝަން އިދާރާގެ މެދުގައި އޮތް ގުޅުން އިތުރަށް ހަރުދަނާވެ، ފަންނީ ހުނަރާއި ތަޖުރިބާ ޙިއްޞާކުރުމަށް އިތުރު މަގުތަކެއް ހުޅުވިގެންދާނެ ކަމަށް ޕީޖީ އޮފީހުން މަޢުލޫމާތުދެއެވެ.