ރާއްޖޭގެ ތަރައްގީގެ މަޝްރޫއުތަކަށް ފައިސާ ހޯދުމަށް ސައުދީ ފަންޑާއެކު މާލީ ވަޒީރު މަޝްވަރާކުރައްވައިފި

މާލީ ވަޒީރު ހަސަން ޒަރީރު، ސައުދީ ފަންޑް ފޯ ޑިވެލޮޕްމަންޓްގެ ސީއީއޯ ސުލްތާން ބިން އަބްދުއްރަހުމާން އަލް-މަރްޝަދާ ބައްދަލުކުރެއްވުން ފޮޓޯ: މިނިސްޓްރީ
މާލީ ވަޒީރު ހަސަން ޒަރީރު، ސައުދީ ފަންޑް ފޯ ޑިވެލޮޕްމަންޓްގެ ސީއީއޯ ސުލްތާން ބިން އަބްދުއްރަހުމާން އަލް-މަރްޝަދާ ބައްދަލުކުރެއްވުން ފޮޓޯ: މިނިސްޓްރީ

ރާއްޖޭގައި ކުރިއަށްގެންދާ އުމްރާނީ ތަރައްގީގެ މަޝްރޫއުތަކަށް ބޭނުންވާ ފައިނޭންސިން ހޯދުމާ ގުޅޭގޮތުން ސައުދީ ފަންޑް ފޯ ޑިވެލޮޕްމަންޓް (އެސްއެފްޑީ) އާއެކު މާލީ ވުޒާރާއިން މަޝްވަރާކޮށްފިއެވެ. މި މަޝްވަރާތައް ކުރިއަށްދިޔައީ މާލީ ވަޒީރު ހަސަން ޒަރީރުގެ އަރިހަށް އެސްއެފްޑީގެ ޗީފް އެގްޒެކެޓިވް އޮފިސަރު ސުލްތާން ބިން އަބްދުއްރަހުމާން އަލް-މަރްޝަދު ކުރެއްވި އިހުތިރާމްގެ ޒިޔާރަތުގައެވެ.

މި ބައްދަލުވުމުގައި މައިގަނޑު ގޮތެއްގައި މަޝްވަރާކުރެވުނީ ރާއްޖޭގެ އިގްތިސާދީ ކުރިއެރުމަށާއި އަސާސީ ހިދުމަތްތައް ހަރުދަނާކުރުމަށް ސަރުކާރުން އިސްކަންދޭ އުމްރާނީ މަޝްރޫއުތަކަށް ބޭނުންވާ ފައިނޭންސިން ހޯދުމާ ގުޅޭގޮތުންނެވެ. މީގެ އިތުރުން، ތަރައްގީގެ ދާއިރާއިން ދެ ގައުމުގެ ދެމެދުގައި އޮތް ގުޅުން އިތުރަށް ބަދަހިކުރުމާ ގުޅޭގޮތުންވެސް ދެ ބޭފުޅުން ވާހަކަދެއްކެވިއެވެ. މި ބައްދަލުވުމުގައި ވަޒީރު ވަނީ އެސްއެފްޑީން ރާއްޖެއަށް ދެމުންދާ ދިގު މުއްދަތުގެ އެހީތެރިކަމަށް ޝުކުރު އަދާކުރައްވާފައެވެ.

ސައުދީ ފަންޑުން ރާއްޖެއަށް އެހީތެރިކަން ފޯރުކޮށްދޭން ފަށާފައިވަނީ 1978 ވަނަ އަހަރު މާލޭ އިންޓަނޭޝަނަލް އެއާޕޯޓް ތަރައްގީކުރުމަށް ދޫކުރި ލޯނާއެކުގައެވެ. އޭގެ ފަހުން މިއަދާ ހަމައަށް އެ ފަންޑުން ވަނީ ރާއްޖޭގެ 14 މަޝްރޫއަކަށް ޖުމްލަ 17 ލޯނެއް ދޫކޮށްފައެވެ. މީގެ ތެރޭގައި ހިމެނޭ ފައިނޭންސިންގެ ޖުމްލަ އަދަދު 488 މިލިއަން އެމެރިކާ ޑޮލަރަށްވުރެ އިތުރެވެ.

އެސްއެފްޑީގެ އެންމެ ބޮޑު އެއް އިންވެސްޓްމަންޓަކީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް ބޮޑުކުރުމުގެ މަޝްރޫއެވެ. މި މަޝްރޫއަށް އެ ފަންޑުން ގާތްގަނޑަކަށް 217 މިލިއަން ޑޮލަރު ފޯރުކޮށްދީފައިވެއެވެ. މީގެ އިތުރުން، ސިއްހީ ދާއިރާ ތަރައްގީކުރުމަށް 50 މިލިއަން ޑޮލަރު ދޫކޮށްފައިވާއިރު، ހުޅުމާލޭގެ އުމްރާނީ ތަރައްގީގެ މަސައްކަތްތަކަށްވެސް އެ ފަންޑުން ވަނީ އެހީތެރިކަން ފޯރުކޮށްދީފައެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!
ފަހުގެ