ނިމުނު އޮގަސްޓް މަހު ގްރީން ޓެކްސްގެ ގޮތުގައި ދައުލަތަށް 199.89 މިލިއަން ރުފިޔާ ލިބިއްޖެ

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ފަތުރުވެރިންތަކެއް
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ފަތުރުވެރިންތަކެއް

ނިމުނު އޮގަސްޓް މަހުގެ ތެރޭގައި ދައުލަތަށް ގްރީން ޓެކްސްގެ ގޮތުގައި 199.89 މިލިއަން ރުފިޔާ ލިބިފައިވާ ކަމަށް މޯލްޑިވްސް އިންލޭންޑް ރެވެނިއު އޮތޯރިޓީ (މީރާ) ގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ. މިއީ މިދިޔަ އަހަރުގެ އޮގަސްޓް މަހު ލިބުނު 191.16 މިލިއަން ރުފިޔާއާ އަޅާބަލާއިރު 4.6 އިންސައްތައިގެ ކުރިއެރުމެކެވެ.

މީރާގެ ހިސާބުތަކުން ދައްކާގޮތުގައި، އޮގަސްޓް މަހު ދައުލަތަށް ޑޮލަރުން ލިބުނު ޖުމްލަ އާމްދަނީގެ 13.3 އިންސައްތަ ހިއްސާކުރަނީ ގްރީން ޓެކްސްއެވެ. އަދި މިއީ އެ މަހު ދައުލަތަށް ލިބުނު ޖުމްލަ އާމްދަނީގެ 8.3 އިންސައްތައެވެ. މީގެއިތުރުން، މިއަހަރުގެ އޮގަސްޓް މަހުގެ ނިޔަލަށް ގްރީން ޓެކްސްގެ ގޮތުގައި ޖުމްލަ 1.56 ބިލިއަން ރުފިޔާ ލިބިފައިވެއެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި ލިބުނު 1.47 ބިލިއަން ރުފިޔާއާ އަޅާބަލާއިރު 5.6 އިންސައްތަ އިތުރު އަދަދެކެވެ.

ރާއްޖޭގެ ތިމާވެށި ހިމާޔަތްކުރުމުގެ އެކި މަޝްރޫއުތަކަށް ފައިސާ ހޯދުމަށްޓަކައި ގްރީން ޓެކްސް ނަގަން ފަށާފައިވަނީ 2016 ވަނަ އަހަރުގެ އޮކްޓޫބަރު މަހުން ފެށިގެންނެވެ. މި ޓެކްސް ނަގަނީ ރިސޯޓުތަކާއި، ހޮޓާތަކާއި، ސަފާރީތަކުގެ އިތުރުން ގެސްޓްހައުސްތަކަށް އަންނަ ފަތުރުވެރިންގެ އަތުންނެވެ. އެގޮތުން ރިސޯޓުތަކާއި ހޮޓާތަކާއި ސަފާރީތަކުގައި ޗުއްޓީ ހޭދަކުރާ ކޮންމެ މީހެއްގެ އަތުން ދުވާލަކަށް 12 ޑޮލަރު ނަގާއިރު، ގެސްޓްހައުސްތަކުން ނަގަނީ 6 ޑޮލަރެވެ. ނަމަވެސް ދެ އަހަރުން ދަށުގެ ކުޑަކުދިން މި ޓެކްހުން އިސްތިސްނާވެއެވެ.

ގްރީން ޓެކްސްގެ ގޮތުގައި ލިބޭ ފައިސާ ސަރުކާރުން ބޭނުންކުރަނީ ރަށްރަށުގެ ފެނާއި ނަރުދަމާގެ ނިޒާމު ގާއިމުކުރުމަށާއި، ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއުތަކަށާއި، ތިމާވެށި ސާފުކޮށް ބެލެހެއްޓުމުގެ އެކި މަސައްކަތްތަކަށް ހަރަދުކުރުމަށެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!
ފަހުގެ