ސަޢޫދީ ޢަރަބިއްޔާގެ މަދީނާ ސަރަޙައްދުން، ގިނަ ޢަދަދެއްގެ ޔުރޭނިއަމާއި އަގުބޮޑު "ރެއާ އަރތު" (ލިބުންދަތި) މައުދަންތައް އެކުލެވޭ 110 މިލިއަން ޓަނުގެ ރޯ މެޓީރިއަލް ފެނިފައިވާކަން އެ ޤައުމުން ހާމަކޮށްފިއެވެ. މިކަން ރަސްމީކޮށް އިޢުލާނު ކުރެއްވީ އޮސްޓްރިއާގެ ވިއެނާގައި ކުރިއަށްދާ ބައިނަލްއަޤުވާމީ އެޓޮމިކް ހަކަތައާ ބެހޭ އިދާރާ (އައިއޭއީއޭ) ގެ 70 ވަނަ ޢާންމު ޖަލްސާގައި، ސަޢޫދީގެ ހަކަތައާ ބެހޭ ވަޒީރު އަމީރު ޢަބްދުލްޢަޒީޒް ބިން ސަލްމާނެވެ.
މި މައުދަންތައް ފެނިފައިވަނީ މަދީނާގެ ޖަބަލް ޞާޔިދު ކިޔާ ސަރަޙައްދަކުންނެވެ. ދިރާސާތަކުން ދައްކާ ގޮތުގައި ޖިއްދާގެ އިރުއުތުރުން 350 ކިލޯމީޓަރު ދުރުގައި އޮންނަ މި ސަރަޙައްދަކީ ދުނިޔޭގައި ހަތަރުވަނައަށް އެންމެ ބޮޑު މިފަދަ ޑިޕޮސިޓެވެ. މި ސަރަޙައްދުގައި 552،000 ޓަނުގެ ބަރު ރެއާ އަރތު މައުދަނާއި، 355،000 ޓަނުގެ ލުއި ރެއާ އަރތު މައުދަނުގެ އިތުރުން 31،000 ޓަނުގެ ޔުރޭނިއަމް ހުރި ކަމަށް އަންދާޒާ ކުރެވެއެވެ. މިއީ ސަޢޫދީގެ އަމިއްލަ ނިއުކްލިޔަރ ފިއުލް ސައިކަލް ތަރައްޤީކުރުމަށް ލިބޭ މުހިންމު ފުރުޞަތެއް ކަމަށް މާހިރުން ދެކެއެވެ.
މި އައު ހޯދުންތައް ހާމަކޮށްފައި މިވަނީ މަދަނީ ނިއުކްލިޔަރ ހަކަތައިގެ އެއްބަސްވުމެއްގައި ސަޢޫދީއާއި އެމެރިކާއިން ސޮއިކުރިތާ މަސްތަކެއް ފަހުންނެވެ. މި މަސައްކަތްތަކަށް އިތުރު ބާރެއް ލިބުނީ ވަލީޢަހުދު މުޙައްމަދު ބިން ސަލްމާން 2025 ވަނަ އަހަރުގެ ނޮވެންބަރު މަހު އެމެރިކާއަށް ކުރެއްވި ދަތުރުފުޅަށް ފަހުގައެވެ. އެ ދަތުރުފުޅުގައި ވެވުނު އެއްބަސްވުމުގެ ދަށުން، ސަޢޫދީގައި އަލަށް ހަދާ ރެއާ އަރތު ޕްލާންޓުގެ 49 އިންސައްތަ ޚަރަދު ދޭނީ އެމެރިކާގެ ދިފާޢީ ވުޒާރާއިންނެވެ. އަދި ބާކީ 51 އިންސައްތަ ހިއްސާ އޮންނާނީ ސަޢޫދީގެ ދައުލަތުގެ މައިންކުރުމާ ބެހޭ ކުންފުނި ކަމަށްވާ "މަޢާދިން" އަށެވެ.
ސަޢޫދީ ޕްރެސް އޭޖެންސީން ރިޕޯޓުކޮށްފައިވާ ގޮތުގައި، 2025 ވަނަ އަހަރުގެ ނޮވެމްބަރާ ހަމައަށް އެ ޤައުމުން ފެނިފައިވާ މިފަދަ މައުދަންތަކުގެ އަގު 100 ބިލިއަން އެމެރިކާ ޑޮލަރަށް އަރައެވެ. މިއީ 2018 ވަނަ އަހަރާ އަޅާބަލާއިރު 90 އިންސައްތައިގެ ކުރިއެރުމެކެވެ. މީގެ އިތުރުން، ދިރާސާތަކުގެ ކުރިއަރާފައިވާ މަރުޙަލާތަކުގައިވާ އެހެން ދެ ސަރަޙައްދަކުން 644 މިލިއަން ޓަނުގެ ވަސީލަތްތައް ފެނިފައިވާ ކަމަށް ސަޢޫދީގެ ޖިއޮލޮޖިކަލް ސާވޭގެ ރިޕޯޓުތަކުން ދައްކައެވެ.