ރާއްޖޭގެ މަރުކަޒީ ބޭންކު، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން އެދިފައިވާ 100 މިލިއަން އެމެރިކާ ޑޮލަރުގެ ފައިނޭންޝަލް ފެސިލިޓީއެއް ދިނުމަށް މެލޭޝިއާ ސަރުކާރުން އެއްބަސްވެއްޖެއެވެ.
މިކަން ހާމަކުރެއްވީ ރާއްޖެއަށް ރަސްމީ ދަތުރުފުޅެއް ކުރައްވަމުންދާ މެލޭޝިއާގެ ބޮޑުވަޒީރު އަންވަރު އިބްރާހިމް، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒާއެކު ރައީސް އޮފީހުގައި ބޭއްވެވި ރަސްމީ މަޝްވަރާތަކަށްފަހު މީޑިއާއަށް ދެއްވި ބަޔާނުގައެވެ.
ބޮޑުވަޒީރު އަންވަރު އިބްރާހިމް ވިދާޅުވި ގޮތުގައި، މި ފެސިލިޓީ ހަމަޖައްސައިދިނުމަށް އެދިވަޑައިގެން ރައީސް ޑރ. މުޢިއްޒު ވަނީ މެލޭޝިއާގެ މަރުކަޒީ ބޭންކު ކަމަށްވާ ބޭންކް ނެގާރާ މެލޭޝިއާއަށް ސިޓީފުޅެއް ފޮނުއްވާފައެވެ. އަދި ދެ ގައުމުގެ ދެމެދުގައި އޮތް ގާތް ގުޅުމާއި އިތުބާރުގެ މައްޗަށް ބިނާކޮށް، އެހީތެރިކަން ފޯރުކޮށްދިނުމަށް ނިންމާފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ. މި އެއްބަސްވުން ވީ އެންމެ އަވަހަކަށް ފައިނަލް ކުރުމަށްޓަކައި ދެ ގައުމުގެ މަރުކަޒީ ބޭންކުން އަވަސް ފިޔަވަޅުތަކެއް އަޅަމުންދާނެ ކަމަށްވެސް ބޮޑުވަޒީރު ފާހަގަކުރެއްވިއެވެ.
މީގެ އިތުރުން، ދެ ގައުމުގެ ދެމެދުގައި އޮތް ގުޅުން އިތުރަށް ހަރުދަނާކުރުމަށްޓަކައި މިއަހަރު ނިމުމުގެ ކުރިން ކުއާލަލަމްޕޫރުގައި ޖޮއިންޓް ކޮމިޝަންގެ ބައްދަލުވުމެއް ބޭއްވުމަށް ވަނީ ނިންމާފައެވެ. އަދި މެލޭޝިއާގައި ތައުލީމު ހާސިލުކުރަމުންދާ ދިވެހި ދަރިވަރުންގެ ބެލެނިވެރިންނަށް ދިމާވާ ވިސާގެ ދަތިތަކަށް ހައްލެއް ހޯދުމާއި، ސިއްހީ ދާއިރާއިން އެހީތެރިކަން ފޯރުކޮށްދިނުމާ ގުޅޭގޮތުންވެސް ދެ ބޭފުޅުން މަޝްވަރާ ކުރެއްވިއެވެ.
ރާއްޖޭގެ ސަރަހައްދުގައި ތެޔޮ ނުވަތަ މިނަރަލް ހުރިތޯ ބެލުމަށް ކުރާ ދިރާސާތަކުގައި މެލޭޝިއާގެ ގައުމީ ތެޔޮ ކުންފުނި، ޕެޓްރޯނަސްގެ އެހީތެރިކަން ހޯދުމަށް ރައީސް މުޢިއްޒު ހުށަހެޅުއްވި ހުށަހެޅުއްވުމަށް، އެ ކުންފުންޏާއެކު މަޝްވަރާ ކުރައްވާނެ ކަމުގެ ޔަގީންކަން ބޮޑުވަޒީރު ދެއްވިއެވެ.
ފަލަސްތީނުގެ މައްސަލައިގައި ވާހަކަދައްކަވަމުން، ޣައްޒާގެ ރައްޔިތުންގެ ހައްގުތަކާއި އިންސާނީ ހައްގުތައް ހިމާޔަތްކުރުމަށް ރާއްޖެއިން ގެންގުޅޭ ހަރުދަނާ ސިޔާސަތަށް ބޮޑުވަޒީރު އަންވަރު ވަނީ ތައުރީފު ކުރައްވާފައެވެ. އަދި މި މައްސަލައިގައި ދެ ގައުމުގެ ޚާރިޖީ ސިޔާސަތު އެއްގޮތްކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.