ދިވެހިރާއްޖެއާއި މެލޭޝިއާއާ ދެމެދު އޮންނަ އިޤްތިޞާދީ އަދި ވިޔަފާރީގެ ގުޅުންތައް އިތުރަށް ހަރުދަނާކުރުމުގެ ގޮތުން، ޚާއްޞަ ވިޔަފާރީގެ އެއްބަސްވުމެއް ނުވަތަ ޕްރިފަރެންޝަލް ޓްރޭޑް އެގްރީމެންޓެއް (ޕީޓީއޭ) އެކުލަވައިލުމުގެ މަޝްވަރާތައް ފެށުމަށް ދެ ޤައުމުން ނިންމައިފިއެވެ.
މިކަން ހާމަކުރެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، މެލޭޝިއާގެ ބޮޑުވަޒީރު އަންވަރު އިބްރާހީމާއެކު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި ރަސްމީ މަޝްވަރާތަކަށްފަހު މީޑިއާއަށް ދެއްވި ބަޔާނުގައެވެ. ރައީސް ވިދާޅުވީ ދެ ޤައުމުގެ ދެމެދުގައި ވިޔަފާރިއާއި އިންވެސްޓްމަންޓްތައް ފުޅާކުރުމަށްޓަކައި ޢަމަލީ ގޮތުން ކުރެވިދާނެ ކަންކަމާ ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި ވާހަކަދެކެވުނު ކަމަށެވެ.
އެގޮތުން ދެ ޤައުމުގެ ވިޔަފާރިވެރިންނަށް އައު ފުރުޞަތުތަކެއް ހުޅުވައިދޭނެ ފަދަ ވިޔަފާރީގެ އެއްބަސްވުމެއް އެކުލަވައިލުމުގެ މަޝްވަރާތައް ވީހާވެސް އަވަހަކަށް ފެށުމަށް ދެ ފަރާތުން އެއްބަސްވެފައިވާ ކަމަށް ރައީސް ފާހަގަކުރެއްވިއެވެ. މީގެ އިތުރުން ރާއްޖޭގެ އިޤްތިޞާދީ މުހިންމު ދާއިރާތަކުން އިންވެސްޓް ކުރުމުގެ ފުރުޞަތު މެލޭޝިއާގެ ސަރުކާރަށާއި އެ ޤައުމުގެ ވިޔަފާރިވެރިންނަށް ހުޅުވިފައިވާކަން އެމަނިކުފާނު ހާމަކުރެއްވިއެވެ.
ރާއްޖޭގައި އިންވެސްޓް ކުރުމަށް ހުރި ފުރުޞަތުތަކަށް އަލިއަޅުއްވައިލައްވަމުން ރައީސް ވަނީ އިއާދަކުރަނިވި ހަކަތަ، ޑިޖިޓަލް އިންފްރާސްޓްރަކްޗާ، ޢިމާރާތްކުރުމުގެ ދާއިރާ އަދި އިސްލާމިކް ފައިނޭންސް ފަދަ މުހިންމު ދާއިރާތަކުން އިންވެސްޓް ކުރުމަށް މެލޭޝިއާގެ ކުންފުނިތަކަށް ދަޢުވަތު އަރުވައިފައެވެ.
ދެ ޤައުމުގެ ދެމެދުގައި އޮތް ގުޅުމަކީ ހަމައެކަނި އެކުވެރިކަމުގެ ގުޅުމެއް ނޫންކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ، މިއީ އެއް އަމާޒަކަށް ވާޞިލުވުމަށް މަސައްކަތްކުރާ އަޚުވަންތަ ދެ ޤައުމުގެ ގުޅުން ކަމަށެވެ. އަދި މެލޭޝިއާއިން ރާއްޖެއަށް ވެދެމުންދާ އެހީތެރިކަމާއި އެއްބާރުލުމަށްޓަކައި ބޮޑުވަޒީރު އަންވަރު އިބްރާހީމަށާއި އެ ޤައުމުގެ ސަރުކާރަށް ރައީސް ޝުކުރު އަދާކުރެއްވިއެވެ.