ކ.ގުޅިއަށް ނިސްބަތްވާ މަސްވެރި ދޯންޏަކުން އއ. ތޮއްޑޫ ބޭރުން ދަތުރުކުރަމުން ދަނިކޮށް، އަގުބޮޑު ހުދަންބަރެއް ކަމަށް ބެލެވޭ އެއްޗެއް ހޮވައިފިއެވެ. މި ތަކެތި ހޮވާފައިވަނީ ގުޅީ "ހަލިފާ" ނަމަކަށް ކިޔާ ދޯންޏަކުންނެވެ.
އެ ދޯނިން މައުލޫމާތު ދިން ގޮތުގައި، މި ތަކެތި ފެނިފައިވަނީ މީގެ ދެ ދުވަސް ކުރިން ތޮއްޑޫއާ ދިމާ ބޭރުން ގާތްގަނޑަކަށް 30 މޭލު ބޭރުގައި މަސްވެރިކަން ކުރަން އުޅުމުގެ ތެރޭގައެވެ. ހޮވާފައިވާ އެތީގެ ބަރުދަނުގައި ގާތްގަނޑަކަށް 10 ކިލޯ ހުންނާނެ ކަމަށް ލަފާކުރެވެއެވެ.
ދޯނީގެ ފަރާތުން ބުނީ އެއީ ހަގީގީ ހުދަންބަރެއްތޯ ނުވަތަ މާވަހަރެއްތޯ ކަށަވަރު ކުރުމަށްޓަކައި ހަދަންޖެހޭ ޓެސްޓުތައް ހެދުމުގެ މަސައްކަތް މިހާރު ކުރަމުންދާ ކަމަށެވެ. އަދި އެއީ އަސްލު މާވަހަރެއްކަން ކަށަވަރުވުމުން އެ ވިއްކާލުމަށް ނިންމާފައިވާ ކަމަށްވެސް އެ ފަރާތުން ބުންޏެވެ.
މާވަހަރުގެ ބާވަތްތަކުގެ ތެރެއިން އެންމެ އަގުބޮޑު ބާވަތެއްގެ ގޮތުގައި ފާހަގަކުރެވޭ ހުދަންބަރަކީ ބައިނަލްއަގުވާމީ ބާޒާރުގައިވެސް ވަރަށް އަގުބޮޑު އެއްޗެކެވެ.