މެލޭޝިއާގެ ބޮޑުވަޒީރު ރާއްޖެއަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލައްވައިފި

މެލޭޝިއާގެ ބޮޑުވަޒީރު އަންވަރު އިބްރާހީމް ރާއްޖެއަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލައްވައި ފުރާވަޑައިގަންނަވަނީ
މެލޭޝިއާގެ ބޮޑުވަޒީރު އަންވަރު އިބްރާހީމް ރާއްޖެއަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލައްވައި ފުރާވަޑައިގަންނަވަނީ ފޮޓޯ: ރައީސް އޮފީސް

މެލޭޝިއާގެ ބޮޑުވަޒީރު އަންވަރު އިބްރާހީމް ދިވެހިރާއްޖެއަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މިއަދު ފުރާވަޑައިގެންފިއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ދައުވަތަކަށް ރޭގެ ވަގުތެއްގައި ރާއްޖެ ވަޑައިގަތުމުން، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން އެމަނިކުފާނަށް މަރުޙަބާ ދެންނެވީ ރައީސް މުޢިއްޒެވެ. އަދި މިއަދު ހެނދުނު ވަނީ ބޮޑުވަޒީރު އަންވަރު އިބްރާހީމަށް ދިވެހި ސަރުކާރުގެ ފަރާތުން ރަސްމީ އިއްޒަތުގައި ހޫނު މަރުހަބާއެއް ދަންނަވާފައެވެ.

މި ދަތުރުފުޅުގެ ތެރެއިން މިއަދު ރައީސް އޮފީހުގައި ބޭއްވުނު ރަސްމީ މަޝްވަރާތަކުގައި މުހިންމު ކަންތައްތަކަކަށް ވަނީ އެއްބަސްވެފައެވެ. އެގޮތުން، ރާއްޖެއިން އެދުނު 100 މިލިއަން ޑޮލަރުގެ ފެސިލިޓީއެއް ދިނުމަށް މެލޭޝިއާ ސަރުކާރުން ވަނީ އެއްބަސްވެފައެވެ. މި އެއްބަސްވުމުގެ ކަންކަން އަވަސް ދުވެއްޔެއްގައި ކުރިއަށް ގެންދިއުމަށްޓަކައި، މެލޭޝިއާގެ މަރުކަޒީ ބޭންކް (ބޭންކް ނެގާރާ މެލޭޝިއާ) އާއި މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގުޅިގެން މަސައްކަތް ކުރުމަށް ދެ ގައުމުން ވަނީ ނިންމާފައެވެ.

މީގެ އިތުރުން، ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި ތެލާއި މައުދަން ހުރިތޯ ބެލުމަށް ދިރާސާ ކުރުމުގައި މެލޭޝިއާގެ މަޝްހޫރު ތެޔޮ ކުންފުނި، ޕެޓްރޯނަސްގެ އެހީތެރިކަން ހޯދުމަށް ރައީސް މުޢިއްޒު ހުށަހެޅުއްވި ހުށަހެޅުއްވުމަށް ބޮޑުވަޒީރު ވަނީ ތާއީދުކުރައްވާފައެވެ. އަދި އެ ކުންފުންޏާއެކު އެކަމާ ގުޅޭގޮތުން މަޝްވަރާ ކުރައްވާނެ ކަމުގެ ޔަގީންކަން ބޮޑުވަޒީރު އަންވަރު އިބްރާހީމް ދެއްވިއެވެ.

ދިވެހިރާއްޖެއާއި މެލޭޝިއާއާ ދެމެދު ސިޔާސީ ގުޅުން ގާއިމުކުރިތާ 58 އަހަރު ވެފައިވާއިރު، މިއީ ދެ ގައުމުގެ ދެމެދުގައި އޮންނަ ގާތް އަދި ބަދަހި ގުޅުން އިތުރަށް ހަރުދަނާވެގެންދާނެ ދަތުރުފުޅެއް ކަމަށް ބެލެވެއެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!
ފަހުގެ