ކާށިދޫ ކަނޑަށް ދިޔަވި ސަޕްލައި ދޯންޏަކަށް ފުލުހުން އެހީތެރިވާން ފަށައިފި

67102553_2456969471027545_9112694238625136640_n

މާލެއިން ފުރައިގެން ރ. އަތޮޅުގެ ރިސޯޓަކަށް ދަތުރުކުރި "ސީލައިން 3" ނަމަކަށް ކިޔާ ސަޕްލައި ދޯންޏެއް ކާށިދޫ ކަނޑަށް އަރިއަޅާލައި، ދިޔަވާތީ ފުލުހުން އެހީތެރިކަން ފޯރުކޮށްދޭން ފަށައިފިއެވެ. މި ހާދިސާގެ ރިޕޯޓު ފުލުހުންނަށް ލިބިފައިވަނީ މިއަދު ހެނދުނު 09:57 އެހައިކަންހާއިރުއެވެ.

ފުލުހުން ހާމަކޮށްފައިވާ ގޮތުގައި، މި ހާދިސާ ހިނގަން މެދުވެރިވީ ދޯނީގައި ބަރުކޮށްފައި ހުރި ލަކުޑިތައް ހިފެހެއްޓުމަށް އަޅާފައި ހުރި ބެލްޓުތައް ކަނޑައިގެން ގޮސް ދޯނި އެއްފަރާތަކަށް އަރިއަޅާލުމުންނެވެ. މި ހާދިސާ ހިނގިއިރު ދޯނީގައި ހަތަރު މީހުން ތިއްބެވެ. އޭގެ ތެރޭގައި ހިމެނެނީ ތިން ދިވެހިންނާއި ބިދޭސީއެކެވެ.

މި ހާދިސާގެ މައުލޫމާތު ލިބުމާއެކު، އެ ސަރަހައްދާ އެންމެ ކައިރީގައި އޮތް ބ. އޭދަފުށީ ޕޮލިސް ސްޓޭޝަނުގެ ލޯންޗެއް ވަނީ އެ ސަރަހައްދަށް ގޮސް ހަރަކާތްތެރިވާން ފަށާފައެވެ. ދޯނި ސަލާމަތްކުރުމަށްޓަކައި އޭގައި ހުރި ބައެއް މުދާ ކަނޑަށް ދޫކޮށްލާފައިވާ ކަމަށާއި، މިހާރު ދޯނީގެ ދިޔަހިއްކުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ފުލުހުން ބުނެއެވެ.

ރާއްޖޭގެ ބޮޑު ބަޔަކަށް މޫސުން ގޯސްވެ، ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައިގަދަވާނެ ކަމަށް މެޓް އޮފީހުން ލަފާކޮށްފައިވާތީ، ކަނޑުދަތުރުފަތުރު ކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް އިދާރާތަކުން ވަނީ އިލްތިމާސްކޮށްފައެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!
ފަހުގެ