ޕީއެންސީގެ ނައިބު ރައީސްކަމަށް ހަ ބޭފުޅަކު އިންތިޚާބުކޮށްފި، އެންމެ ގިނަ ވޯޓު ރާފިއުއަށް

ޕީއެންސީގެ ނައިބު ރައީސް ކަމަށް އިންތިޚާބުވި ބޭފުޅުން
ޕީއެންސީގެ ނައިބު ރައީސް ކަމަށް އިންތިޚާބުވި ބޭފުޅުން ފޮޓޯ: ސަން އޮންލައިން

ވެރިކަންކުރާ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ނައިބު ރައީސްކަމުގެ މަގާމުތަކަށް ބޭފުޅުން އިންތިޚާބު ކުރުމަށް ބޭއްވި ވޯޓުގައި، އެންމެ ގިނަ ވޯޓާއެކު ޔޫތު މިނިސްޓަރު ޢަބްދުﷲ ރާފިޢު އެ މަގާމަށް ހޮވިވަޑައިގެންފިއެވެ. ސޯޝަލް ސެންޓަރުގައި ކުރިއަށްދާ އެ ޕާޓީގެ ކޮންގްރެސްގައި ނައިބު ރައީސްކަމުގެ 6 މަގާމަށް 8 ބޭފުޅަކު ވާދަކުރެއްވިއިރު، މި އިންތިޚާބުން ނާކާމިޔާބުވީ އެލްޖީއޭގެ ސީއީއޯ މުޙައްމަދު ނިމާލާއި މާފަންނު މެދު ދާއިރާގެ މެންބަރު އަސްމާ ރަޝީދެވެ.

މި އިންތިޚާބުގައި ޖުމްލަ 1،095 މަންދޫބުން ވޯޓުލާފައިވެއެވެ. އިންތިޚާބީ ކޮމިޓީން ހާމަކުރި ވަގުތީ ނަތީޖާއަށް ބަލާއިރު، އެންމެ ގިނަ ވޯޓު ހޯއްދެވި ރާފިޢުއަށް ލިބިވަޑައިގަތީ 968 ވޯޓެވެ. ދެން މި މަގާމަށް ހޮވިވަޑައިގަތީ ފިޝަރީޒް މިނިސްޓަރު އަޙްމަދު ޝިޔާމް (964 ވޯޓު)، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ކޮއްކޯފުޅު އަދި ނިލަންދޫ ދާއިރާގެ މެންބަރު ފާޠިމަތު ސައުދާ (923 ވޯޓު)، ބާރަށު ދާއިރާގެ މެންބަރު އިބްރާހީމް ޝުޖާޢު (862 ވޯޓު)، އިކޮނޮމިކް މިނިސްޓަރު މުޙައްމަދު ސަޢީދު (833 ވޯޓު) އަދި ސަރުކާރުގެ އިސް ތަރުޖަމާނު މުޙައްމަދު ޙުސައިން ޝަރީފް (780 ވޯޓު) އެވެ.

މި އިންތިޚާބުން ނާކާމިޔާބުވި މުޙައްމަދު ނިމާލަށް ލިބިވަޑައިގަތީ 301 ވޯޓެވެ. އަދި އަސްމާ ރަޝީދަށް ލިބިވަޑައިގަތީ 288 ވޯޓެވެ. ކިއުއާރް ކޯޑު މެދުވެރިކޮށް ވޯޓުލުމުގެ ކަންކަން ކުރިއަށް ގެންދިޔަ މި އިންތިޚާބާ ގުޅޭ އެއްވެސް ޝަކުވާއެއް އޮތްނަމަ، މިއަދު މެންދުރުފަހު 2:00 ގެ ކުރިން ލިޔުމުން ހުށަހެޅުމުގެ ފުރުސަތު ވަނީ ހުޅުވާލާފައެވެ.

ޕީއެންސީގެ އިންތިޚާބީ ކޮމިޓީން ބުނި ގޮތުގައި، ހުށަހެޅޭ ޝަކުވާތައް މިއަދު ހަވީރު 4:00 އާ ހަމައަށް ބެލުމަށްފަހު، ހަވީރު 6:00 ގެ ކުރިން އިންތިޚާބުގެ ދާއިމީ ނަތީޖާ އިޢުލާން ކުރާނެއެވެ. އަދި މި އިންތިޚާބުން ހޮވުނު ބޭފުޅުންނާއެކު މިރޭ ޚާއްސަ ޖަލްސާއެއް ބޭއްވުމަށް ވަނީ ތާވަލުކޮށްފައެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!
ފަހުގެ