މުސްލިމުންގެ އެންމެ މުޤައްދަސު ބިން ކަމަށްވާ މައްކާއަށް އަމާޒުކޮށް ޔަމަނުގެ ހޫތީން ދޭން އުޅުނު ޑްރޯން ހަމަލާ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހަރުކަށި އިބާރާތުން ކުށްވެރިކުރައްވައިފިއެވެ.
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ވިދާޅުވީ، މައްކާގެ މާތްވެގެންވާ ބިމަށް އަމާޒުކޮށް ހޫތީން ފޮނުވާލި ޑްރޯން ހަމަލާ އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރައްވާ ކަމަށެވެ. މުސްލިމުންގެ މުޤައްދަސު ބިމުގެ އަމާންކަމާއި ހުރުމަތް ކެނޑޭ ފަދަ އެއްވެސް އަމަލަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށާއި، މިއީ މުޅި އިސްލާމީ އުންމަތަށް ލިބޭނެ ފުން ހިތާމައެއް ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
ރާއްޖެ އަބަދުވެސް އޮންނާނީ ސައޫދީ އަރަބިއްޔާގެ ސަރުކާރާއި ރައްޔިތުންނާއެކު ފުރިހަމަ އެއްބައިވަންތަކަންމަތީގައި ކަމަށް ރައީސް ވިދާޅުވިއެވެ. މީގެ އިތުރުން، މައްކާގެ ރައްޔިތުންނާއި ހައްޖާއި އުމްރާގެ އަޅުވެރިން ރައްކާތެރިކުރުމަށް ސައޫދީ އެއާ ޑިފެންސް ފޯސަސްއިން އެޅި ހަރުދަނާ ފިޔަވަޅުތަކަށް އެމަނިކުފާނު ތައުރީފު ކުރެއްވިއެވެ. އަދި މިފަދަ ހަމަލާތައް ވަގުތުން ހުއްޓާލައި، މަސްލަހަތު ގޯސްވިޔަނުދީ ސުލްހައިގެ މަގު އިޚްތިޔާރު ކުރުމަށްވެސް ރައީސް ގޮވާލެއްވިއެވެ.
ސައޫދީ އަރަބިއްޔާއިން ހާމަކޮށްފައިވާ ގޮތުގައި، މައްކާއާ ދިމާލަށް ހޫތީން ފޮނުވާލި ޑްރޯނެއް ވަނީ ވައިގެ ތެރޭގައި ހުއްޓުވައި ވައްޓާލާފައެވެ. ސައޫދީ އިސްވެ އޮންނަ ކޯލިޝަންގެ ތަރުޖަމާނު ތުރްކީ އަލް މާލިކީ ވިދާޅުވީ، ސައޫދީ ރޯޔަލް އެއާ ޑިފެންސް ފޯސަސްއިން އެ ޑްރޯން ހުއްޓުވީ މަނާ ވައިގެ ސަރަހައްދަށް ވަނުމުގެ ކުރިން ކަމަށެވެ.
އަލް މާލިކީ ވަނީ މިއީ އަޅުކަންކުރާ މީހުން ބިރުގަންނަވައި އާންމުންނަށް ގެއްލުން ދިނުމަށް ކުރި މަސައްކަތެއް ކަމަށް ވިދާޅުވެ އެކަން ކުށްވެރިކުރައްވާފައެވެ. އަދި ހުރުމަތްތެރިވެގެންވާ ދެ ހަރަމްފުޅާއި ޒިޔާރަތްކުރާ މީހުންގެ ރައްކާތެރިކަމަކީ "ރަތް ރޮނގެއް" ކަމަށް ވިދާޅުވެ އޭނާ ވަނީ އިންޒާރު ދެއްވާފައެވެ. ނަމަވެސް، މީގެ ކުރިން ހޫތީން ވަނީ މައްކާއަށް ހަމަލާދޭ ކަމަށް ކުރެވޭ ތުހުމަތުތައް ދޮގުކޮށްފައެވެ.