ޔުނިކޯޑް ސްޓޭންޑާޑްގައި ދިވެހި ރުފިޔާގެ ނިޝާން ހިމަނައިފި

ދިވެހި ރުފިޔާގެ ނިޝާން ޔުނިކޯޑް ސްޓޭންޑާޑްގައި ހިމެނުން
ދިވެހި ރުފިޔާގެ ނިޝާން ޔުނިކޯޑް ސްޓޭންޑާޑްގައި ހިމެނުން ފޮޓޯ: އެމްއެމްއޭ

ދިވެހި ރުފިޔާ ރަމްޒުކޮށްދޭ ރަސްމީ ނިޝާން ބައިނަލްއަގުވާމީ "ޔުނިކޯޑް ސްޓޭންޑާޑް" ގައި ރަސްމީކޮށް ހިމަނައިފިއެވެ. މި ނިޝާން ހިމަނާފައިވަނީ ޔުނިކޯޑް ކޮންސޯޓިއަމްއިން މިއަދު އަލަށް ނެރުނު ޔުނިކޯޑްގެ 18.0 ވާޝަނުގައެވެ.

ދިވެހި ރުފިޔާގެ ރަސްމީ ނިޝާނަކީ ތާނަ އަކުރުގެ "ރާ" (ރ) ގެ މެދުން އިތުރު ރޮނގެއް ދަމާލައިގެން ފަރުމާކޮށްފައިވާ ނިޝާނެކެވެ. ޔުނިކޯޑް ސްޓޭންޑާޑްގެ އާ ވާޝަނުގައި މި ނިޝާނަށް ހާއްސަކޮށްފައިވާ ކޯޑް ޕޮއިންޓަކީ U+20C2 އެވެ.

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ބުނި ގޮތުގައި، 2022 ވަނަ އަހަރު އެ އިދާރާއިން ތައާރަފުކުރި މި ނިޝާން ޔުނިކޯޑްގައި ހިމެނުމަކީ ޑިޖިޓަލް ވަސީލަތްތަކުގައި ދިވެހި ފައިސާގެ ނިޝާން ފަސޭހަކަމާއެކު ބޭނުންކުރުމަށް ލިބުނު ބޮޑު ކުރިއެރުމެކެވެ. މީގެ ސަބަބުން އެކި ވެބްސައިޓްތަކާއި، މޮބައިލް އެޕްލިކޭޝަންތަކުގެ އިތުރުން ތަފާތު ޑިޖިޓަލް ޕްލެޓްފޯމްތަކުގައި އެއް މިންގަނޑަކަށް ރުފިޔާގެ ނިޝާން ބޭނުންކުރުމުގެ މަގު ފަހިވެގެންދާނެއެވެ.

ޔުނިކޯޑް ކޮންސޯޓިއަމްއަކީ ދުނިޔޭގެ އެކި ގައުމުތަކުގެ ފައިސާގެ ނިޝާންތަކާއި އަކުރުތައް ޑިޖިޓަލްކޮށް އެއް މިންގަނޑަކުން ދެނެގަނެވޭނެ ގޮތް ހަދައި، އެކަން ބަލަހައްޓާ ބައިނަލްއަގުވާމީ އިދާރާއެކެވެ. ނަމަވެސް، ކޮންމެ ގައުމަކުން ވެސް އެ ގައުމެއްގެ ފައިސާގެ ނިޝާން ފަރުމާކުރަނީ އެ ގައުމެއްގެ ރަސްމީ އިދާރާތަކުން އަމިއްލައަށެވެ. އެމްއެމްއޭއިން ވަނީ މި މަސައްކަތުގައި އެހީތެރިވެދިން ހުރިހާ ފަރާތްތަކަށް ޝުކުރު އަދާކޮށްފައެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!
ފަހުގެ